ލީގުގައި އާސެނަލް މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެޓީމު ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން ހަމައެކަނި ބަލިވީ ރަށުން ބޭރުގައި ޔުނައިޓެޑް އަތުންނެވެ. ރޭ އަމިއްލަ ދަނޑުގައި އުނދަގުލުން މޮޅުވިޔަސް އާސެނަލުން މޮޅު ކުޅުމެއް ދެއްކި އެވެ.
އާސެނަލް މިހާރު އެއްވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑެއްގަ އެވެ. އެޓީމު 50 ޕޮއިންޓް ހަމަކޮށްފައިވާއިރު ދެވަނައިގައި އޮތި މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. އެކަމަކު ސިޓީ އޮތީ އާސެނަލަށް ވުރެ އެއްމެޗު އިތުރަށް ކުޅެފަ އެވެ. ރޭގެ މެޗުން ބަލިވި ޔުނައިޓެޑް އޮތީ 39 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް ވެސް ވަނީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދާފަ އެވެ.
ރޭގެ މެޗަށް ނުކުތްއިރު ޔުނައިޓެޑަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މުހިއްމު މިޑްފީލްޑަރު ކަސެމީރޯ އަށް ލީގުގައި ފަސް ރީނދޫ ކާޑު ހަމަވެ ސަސްޕެންޑް ވުމެވެ. ކަސެމީރޯގެ ބަދަލުގައި ރޭ ކުޅުނީ ސްކޮޓް މެކްޓޮމިނޭ އެވެ. އާސެނަލުން މެޗަށް ނެރުނީ އާއްމުކޮށް ކުޅޭ ފުރަތަމަ އެގާރަ އެވެ. ވޯލްޑް ކަޕަށް ފަހު އެޓީމުން ފެންނަ ހަމައެކަނި ބަދަލަކީ އަނިޔާގައި ހުރި ގެބްރިއަލް ޖީސުސްގެ ބަދަލުގައި އެންކެޓިއޭ ކުރި ބެލެހެއްޓުމެވެ.
މެޗުގެ ފުރަތަމަ ގޯލު 17 ވަނަ މިނެޓުގައި ޖެހީ ރަނގަޅު ފޯމެއްގައި ހުރި މާކަސް ރަޝްފާޑް އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އެންކެޓިއޭގެ ގޯލުން އާސެނަލުން ނަތީޖާ ހަމަހަމަކުރި އެވެ.
ދެވަނަ ހާފު ފަށައިގެން ކުރީކޮޅު ބުކަޔޯ ސަކާގެ ގޯލުން އާސެނަލުން ލީޑު ނެގި އެވެ. މި ގޯލަށް ފަހު ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް ޖެހި ގޯލުންނެވެ.
މެޗުގެ ފަހުކޮޅު އާސެނަލް ކުޅުނީ އެއްކޮށް ކުރިއަށް ޖެހިގެންނެވެ. އެޓީމު މޮޅުވި ގޯލު އެންކެޓިއޭ ޖެހީ 90 ވަނަ މިނެޓުގަ އެވެ. މި ގޯލަށް ފަހު އިތުރު ވަގުތުގެ ތިން މިނެޓުގައި އާސެނަލުން ވަނީ ޔުނައިޓެޑް ގޯލެއް ޖެހިޔަނުދީ ހިފަހައްޓައި މޮޅު ޔަގީންކޮށްފަ އެވެ.