ސްވިޑެން ސަރުކާރު ހުއްދައާއިއެކު ކީރިތި ޤުރުއާން އެންދުމަށް އެގައުމުގެ ހަރުކަށި ސިޔާސީ ފަރާތްތަކުން އެއްވުމެއް ބޭއްވި މައްސަލާގައި ސަރުކާރުން ބަހެއް ނުބުނާތީ ގިނަބަޔަކު ފާޑުކިޔުމުން އެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓްވީޓު ކުރައްވައިފިއެވެ.
މި މައްސަލާގައި ސަރުކާރުން ބަޔާނެއްވެސް ނެރެފައި ނުވާއިރު ސަރުކާރުން ބަހެއް ނުބުނާތީ އިދިކޮޅުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ފާޑު ކިޔުންތައް އަމާޒު ވުމާއިއެކު މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓުގައި ކީރިތި ޤުރުއާނާމެދު އަމަލުކުރި ކުރުން ކުށްވެރިކުރިނަމަވެސް އެކަމަށް ރުހުން ދިނީ ސްވިޑެންގެ ސަރުކާރުކަމަށްވާއިރުވެސް ސްވިޑެންގެ ސަރުކާރު ކުށްވެރިކޮށްފައެއްނުވެއެވެ.
މިފަދަ ބޮޑު މައްސަލައެއްގައި ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ރަސްމީގޮތެއްގައި ބަހެއް ބުނެފައިނުވާއިރު މިނިސްޓަރު ޝާހިދުވެސް ކުރައްވާފައިވަނީ ކުޑަ ޓްވީޓެކެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އަދިވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ޤުރުއާން އެންދި މައްސަލާގައި ދުނިޔޭގެ އިސްލާމީ ގައުމުތަކުން އަންނަނީ މި މައްސަލަ ކުށްވެރިކުރަމުންނެވެ. އެގޮތުން ސައުދީ އަރަބިއްޔާ، ޖޯޑަން އަދި ކުވޭތުން ވެސް ވަނީ ކީރިތި ޤުރުއާން އަންދަން ނިންމާފައި އޮތް އިހްތިޖާޖަށް ފުރުސަތު ދިނުމުން ނުރުހުން ފާޅުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ސައުދީ އަރަބިއްޔާ އިން ބުނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް އެހެން ދީންތަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި، ހަރުކަށި ކަމާއި އަނިޔާވެރިކަމަށް ގޮވާލެވޭ ކޮންމެ އަމަލަކާއި އެގައުމުން ދެކޮޅު ހަދާ ކަމަށެވެ.