ހުޅަނގު އެފްރިކާގައި އޮންނަ ބުރްކީނާ ފާސޯގައި ވެރިކަންކުރާ އަސްކަރީ ސަރުކާރުން އެ ގައުމުގައި ގާއިމްވެގެންތިބި ފްރާންސްގެ ސިފައިން އެ ގައުމުން ފޭބުމަށް ގޮވާލައިފިއެވެ.
ފްރާންސްގެ ސިފައިން އެ ގައުމުން ދިއުމަށް ގޮވާލި ގޮވަލުމަކީ ފްރާންސްއާއި ބުރްކީނާގައި ވެރިކަން ހިންގާ އަސްކަރީ ސަރުކާރާއި ދެމެދުގައި ގާއިމްވެފައިވާ ގުޅުން ހީނަރުވަމުންއަންނަކަމުގެ ހެއްކެކެވެ. އެ ގުޅުން ބަލިކަށިވާން ފަށައިފާވަނީ މިދިޔަ އަހަރުގައި އެ ގައުމުގައި ހިންގި ބަޢާވާތަށް ފަހުއެވެ.
އޭއައިބީއަށް ހަވާލާދީ ބޭރު މީޑިއާތަކުން ބުނާގޮތުގައި، މިދިޔަ ބުދަ ދުވަހު ބުރްކީނާގެ އަސްކަރީ ސަރުކާރުންވަނީ، ފްރާންސްގެ އަސްކަރިއްޔާއަށް އެގައުމުގައި ގާއިމްވެތިބުމަށް ހުއްދަ ދޭން 2018 ގައި ދެ ގައުމުގެ ދެމެދުގައި ވެވުނު އަސްކަރީ އެއްބަސްވުން އުވާލާފައެވެ.
އެއްބަސްވުން އުވާލާ، އުއާގާޑޫގޫއިން (ބުރްކީނާގެ ވެރިރަށް) ފްރާންސްގެ ސިފައިން އެގައުމުން ފޭބުމަށް ގޮވާލިގޮވާލުމަކީ ދެގައުމު ދެމެދު އޮތް ގުޅުން ކަނޑާލުމުގެ މަގްސަދުގައި ކުރި ކަމެށް ނޫންކަމަށާއި، ނަމަވެސް ދެ ގައުމު ދެމެދުގައި ވެފައިވާ އަސްކަރީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމާއި ގުޅިގެންކަމަށް، ބޭރުގެ މީޑިއާތަކުން ބުނެއެވެ.
އައިއެސްއައިއެލް (އައިއެސްއައިއެސް)އާއި އަލް-ގައިދާފަދަ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުންހުރި އެހެން ޖަމާއަތްތައް ބުރްކީނާގައި ހަރަކާތްތެރިވެއެވެ. އެ މީހުންނާއި ދެކޮޅަށް ހަނގުރާމަކޮށް، އެމީހުންގެ ޓެރަރިސްޓް ހަމަލާތައް ހުށްޓުވުމަށް ފްރާންސްގެ އަސްކަރިއްޔާގެ 400 ހާއްސަ ސިފައިން އެގައުމުގައި ސްޓޭޝަންކޮށްފައި ތިބެއެވެ.
ނަމަވެސް، މިދިޔަ މަސްތަކުގެ ތެރޭގައި ފްރާންސްއާއި ދެކޮޅަށް އެގައުމުގެ މީހުން އަޑުއުފުލަން ފަށާފާވެއެވެ. މިހެން ދިމާވި ސަބަބަކީ، ޓެރަރިސްޓް ހަމަލާތަށް ހުށްޓުވުމުގެ މަގްސަދުގައި ތިބި ފްރާންސްގެ އަސްކަރީ ބާރުން އެ ހަމަލާތައް ނުހުއްޓުވޭކަމަށް ގިނަ ބަޔަކު ގަބޫލްކުރާތީއެވެ.
އެގައުމުގެ ފާހަގަކޮށްލެވޭ ސިވިލް ސޮސައިޓީ އެކްޓިވިސްޓެއް ކަމަށްވާ ޕައްސަމްޑޭ ސަވަޑޯގޯވަނީ ފްރާންސްގެ އަސްކަރިއްޔާއިން ގެންގުޅޭ ބޮޑު، ނުރައްކާތެރި ހަތިޔާރާއި، އަދި އެގައުމުގެ އަސްކަރިއްޔާގެ ގާބިލިއްޔަތުކަން ބޮޑުވިޔަސް، އެމީހުންނަށް އެގައުމުގައި ގާއިމްވެފައިވާ ޓެރަރިސްޓު ޖަމާއަތްތައް ބަލިނުކޮށްލެވުނުކަމަށް ބުނެފައިވެއެވެ.
"އަހަރުމެން އިސްނަގައިގެން އެމީހުން (ފްރާންސްގެ އަސްކަރިއްޔާ) މި ގައުމުން ބޭރުކުރަން އެބަޖެހޭ. ވެރިކަމަށް އައި ސަރުކާރުން ވަރަށް ހިތްވަރުގަދަކޮށް އެކަންތައް މިހާރު އެބަކުރޭ"، ސަވަޑޯގޯއަށް ހަވާލާދީ ދަ އެސޯސިއޭޓެޑް ޕްރެސްއިން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހުގައި ބުރްކީނާގެ ގިނަބަޔަކު ވަނީ ފްރާންސްގެ އަސްކަރިއްޔާ ބޭރުކޮށް، އެމީހުންގެ އަސްކަރީ މަރުކަޒުތައް އެގައުމުން ނެގުމަށް ގޮވާލާ ވެރިރަށް އުއާގާޑޫގޫގައި އިހްތިޖާޖުކޮށްފައިވެއެވެ.
އިހްތިޖާޖް އިންތިޒާމްކުރުމުގައި އިސްކޮށް އުޅުނު މުހައްމަދު ސިނޯން ބުނާގޮތުގައި، އެ އިހްތިޖާޖުގެ އަސްލު މަގްސަދަކީ، ބަޢާވާތް ކޮށްގެން ވެރިކަން ހޯދި އިބްރާހިމް ޓްރައޯރޭއާއި، އޭނާއާ އެއްބައިވެގެން އެގައުމުން އަލް-ގައިދާ އަދި އައިއެސްއައިއެލްގެ ޖަމާއަތްތައް ބަލިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ޖަމުއިއްޔާތަކަށް އެއްބާރުލުންދޭންކަމަށާއި، އަދި ބުރުކަނީބޭ ރައްޔިތުން ތިބީ އެމީހުންގެ ތާއީދުގައިކަން އަންގައިދިނުމަށްޓަކައެވެ.
ޓްރައޯރޭ ފަދައިން އެހެން ގައުމުތަކުގައިވެސް ބަޢާވާތު ކޮށްގެން ވެރިކަން ހޯދައިފައިވާ ވެރިންގެ ތަސްވީރު ޕޯސްޓަރުތައް އިހްތިޖާޖުގެ ބައިވެރިން ގެންގުޅެފައިވެއެވެ.