Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކ.ގުރައިދޫ

ޤުރުއާން މުބާރާތަށް ހުރަސް އެޅޭގޮތަށް ވޯޓުލާން އުޅޭތީ ގުރައިދޫ ރައްޔިތުންގެ ކަންބޮޑުވުން

ކ. ގުރައިދޫ ސްކޫލުގެ ޤުރުއާން މުބާރާތަށް ހުރަސްއެޅޭގޮތަށް އެރަށު ސްކޫލުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މަހުގެ 27 ވަނަ ދުވަހުންފެށިގެން 28 ވަނަ ދުވަހަށް ގުރައިދޫ ސްކޫލުގެ އިންޓަހައުސް ޤުރުއާން މުބާރާތް ބޭއްވުމަށް ޝެޑިއުލްކޮށްފައިވާކަމަށާއި އެއީ ސްކޫލުގެ ވަރަށް ގިނަ ދަރިވަރުން ބައިވެރިވާ މުބާރާތެއްކަމުން 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ޕްރައިމައިރީ ބޭއްވުމަށް ސްކޫލު ހޯލު ދޫކޮށްފިނަމަ އެމުބާރާތްކުރިއަށް ގެންދިއުމަށް ދަތިވާނެކަމަށް އަންގާ ގުރައިދޫ ސްކޫލުން ވަނީ މި މަހުގެ 16 ވަނަ ދުވަހު މިނިސްޓްރީއަށް މެސެޖެއް ފޮނުވާފައެވެ.

މި މެސެޖާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޖެހިގެން އައި ދުވަހު ގުރައިދޫ ސްކޫލަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ބުނެފައިވަނީ އެ ސްކޫލުގެ އިންޓަހައުސް ޤުރުއާން މުބާރާތް ގެންދިއުމަށްޓަކައި ސްކޫލުގެ ކްލާސްރޫމެއް ނެގުމަށްފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ބޭއްވުމަށް މިމަހުގެ 27 ވަނަ ދުވަހުގެ 9:00 އިން ފެށިގެން 28 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް އެ ސްކޫލުގެ ކުލާސްރޫމުތަކާއި ހޯލު ގޮޑިއާއި މޭޒާއެކު އެމްޑީޕީއަށް ހަމަޖައްސައިދިނުމަށް އެދޭކަމަށެވެ.

ބޮޑު ޤުރުއާން މުބާރާތެއް ބާއްވަން ސްކޫލުގެ އެންމެ ކުލާސް ރޫމެއް ހަމަ ޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން ގުރައިދޫ ސްކޫލަށް އަންގާފައިވާއިރު މިކަމާއި ގުޅިގެން ސްކޫލުގެ އަދި ބެލެނިވެރިންގެ ފަރާތުން ބަހެއް "ދިޔަރެސް"އިން ވަނީ ހޯދާފައެވެ.

ސްކޫލުގެ ޕީޓީއޭގެ މެންބަރެއް "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މައްސަލާގައި ސްކޫލުން އަމަލުކުރަން ބޭނުންވަނީ ބެލެނިވެރިންވެސް ބޭނުންވާގޮތަށް ކަމަށާއި ސްކޫލަކުންވެސް އަދި ބެލެނިވެރިންވެސް ސްކޫލުގައި ވޯޓުލުން ކުރިއަށް ގެންދަން ބޭނުން ނުވާކަމަށެވެ.

އޭނާ ވިދާޅުވީ ގުރައިދޫ ސްކޫލުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ނުގެންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެކަމަށާއި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުވެސް ބާއްވާފައިވަނީ ސްކޫލުގައި ނޫންކަމަށެވެ.

ޕީޓީއޭގެ މެންބަރު އިތުރަށް ވިދާޅުވީ ގުރައިދޫ ސްކޫލުގައި ވޯޓުލުން ކުރިއަށް ނުގެންދަން ނިންމީ ވޭތުވެދިޔަ އަހަރުތަކުގައި އެކަމުގެ ސަބަބުން ސްކޫލުން ކުދިންތަކަކަށް ދިމާވި ބިރުވެރި ހާދިސާތަކަކާ ގުޅިގެންކަމަށެވެ.

އޭނާ ވިދާޅުވީ ރަށުގެ ހުރިހާ ރައްޔިތުންނާއި ސްކޫލު ކޮމިއުނިޓީއާ އެކުގައި ސްކޫލުގައި ވޯޓުލުން ކުރިއަށް ގެންދިއުން ހުއްޓުވާފައިވާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެކަމަށާއި ނަމަވެސް ރައްޔިތުންގެ އެ ނިންމުމަށް ފަސްއަޅައި އެމްޑީޕީން އެންމެ ފަހުން ބޭއްވި ޗެއާޕާސަން އިންތިހާބުވެސް ކުރިއަށް ގެންދިއައީ ސްކޫލުގައިކަމަށެވެ.
މީގެއިތުރުން މި މައްސަލާގައި މިފަހަރު ރައްޔިތުން ތިބީ ދޫދޭގޮތަށް ނޫންކަމަށާއި އެކަން ހުއްޓުވުމަށް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މަސައްކަތް ކުރާނެކަމަށް ޕީޓީއޭގެ މެންބަރު ވިދާޅުވެފައިވެއެވެ.

ނަމަވެސް މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވޯޓު ލަނީ ސްކޫލުތަކުގައިކަމަށާއި އެހެންކަމުން ގުރައިދޫގައިވެސް ސްކޫލުގައި ވޯޓު ލެވެން ޖެހޭނެކަމަށް ބުނިކަމަށް ޕީޓީއޭގެ މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީއަށް އެހެން ބުނެވިގެން ނުވާނެކަމަށާއި ގުރައިދޫގައި ސްކޫލުގައި ވޯޓު ނުލާން ރައްޔިތުން ނިންމާފައި އޮތީ ވަރަށް ބޮޑު ކަންތައްގަނޑެއް ގުރައިދޫގައި ހިނގައިގެންކަމަށް ވާއިރު އެކަމަށް މިނިސްޓްރީން އިހްތިރާމް ކުރަން ޖެހޭނެކަމަށެވެ.

"އެޑިއުކެޝަން މިނިސްޓްރީއަށް އެހެން ބުނުމުގެ ފުރުސަތު ނުލިބޭނެ. އެންމެ ކުރީގައި ގުރައިދޫގައިވެސް ވޯޓު ލަނީ ސްކޫލުގައި، ވޯޓަށް ފަންޑިތަ ހަދާފައި ހުންނާތީ ސްކޫލު ދަރިވަރުންނަށް ޖިންނީންގެ އުނދަގޫ ކުރިމަތިވޭ، ސްކޫލުގެ ބޮޑު މެޖޯރިޓީއެއް ކުދިންނަށް އެ އުނދަގޫ ޖެހިގެން ވޯޓުލުން ހުއްޓުވާފައި ވަނީ" ޕީޓީއޭ މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާއިން ފެށިގެން ސްކޫލުގައި ވޯޓުލުން ހުއްޓާލާފައި ވޯޓު ލާން ހަމަޖައްސަނީ ކައުންސިލް އިދާރާގައި ކުޑަކުޑަ ހޯލަކާއި ޒުވާނުންގެ މަރުކަޒުގެ ކުޑަކުޑަ ހޯލެއްގެ އިތުރުން ފެންޕްލާންޓުގައި އިންނަ ކުޑަކުޑަ ތަންކޮޅެއްކަމަށެވެ.

އަދި ރިޔާސީ އިންތިހާބު ތަކުގައިވެސް ވޯޓުލާފައިވަނީ އެތަންތަނުގައިކަމަށްވާއިރު އެމްޑީޕީގެ ޕްރައިމަރީގައި ރައްޔިތުންނަށް ޓަކައި އެކަން ނުކުރެވެންވީ ކީއްވެތޯވެސް އޭނާ ސުވާލުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ