ސްވިޑެން ސަރުކާރު ހުއްދައާއިއެކު ކީރިތި ޤުރުއާން އެންދުމަށް އެގައުމުގެ ހަރުކަށި ސިޔާސީ ފަރާތްތަކުން އެއްވުމެއް ބޭއްވި މައްސަލާގައި ސަރުކާރުން ބަހެއް ނުބުންޏެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިއްޔެ ސްވިޑިންގައި ހަރުކަށި ފިކުރުގެ ސިޔާސީ ފަރާތްތަކުން އެއްވުމެއް ބާއްވާފައި ވަނީ ސްވިޑިންގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކައިރީގައެވެ. އެ އެއްވުމުގައި ބައިވެރިވި މީހުން ވަނީ ޤުރުއާން ޚަތިމުތަކެއް އެންދުމުގެ އިތުރުން ތުރުކީވިލާތާއި ދެކޮޅަށް އަޑުވެސް އުފުލާފައެވެ.
ކީރިތި ޤުރުއާން އެންދި އިހްތިޖާޖަށް ސްވިޑިން ސަރުކާރުން ހުއްދަ ދިނުމުން ތުރުކީވިލާތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެކަމާއިގުޅިގެން ސްވިޑިނަށް ދަތުރުކުރަން އޮތް ތުރުކީވިލާތުގެ ވަޒީރުންގެ ވަފްދެއްގެ ދަތުރު ވެސް ކެންސަލް ކުރިއެވެ.
މި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފައި ނުވާއިރު މި މައްސަލަ ކުށްވެރި ނުކުރަނީ ކީއްވެތޯ "ދިޔަރެސް"އިން އެހުމުން ސަރުކާރުން ޖަވާބެއްވެސް ދީފައެއް ނުވެއެވެ. އިސްލާމީ އުންމަތާ ގުޅޭ މިފަދަ މިކަންކަން މި ސަރުކާރުން މީގެކުރިންވެސް ކުށްވެރި ނުކުރާނީ ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. އެގޮތުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް އަމާޒުކޮށް ދިން ހަމަލާއެއް ކުށްވެރިކޮށް ދުނިޔޭގެ އެކި ޤައުމުތަކާއި ލީޑަރުން ބަސްފުޅު ވިދާޅުވަމުންދާއިރު އެކަމުގައި ދިވެހި ސަރުކާރުން އެއްވެސް ބަހެއް ބުނެފައިނުވެއެވެ. މީގެ ކުރީ ސަރުކާރުތަކުން މިފަދަ ކަންކަން ކުށްވެރިކޮށް ބަޔާންތައް ނެރެފައިވެއެވެ.
ޤުރުއާން އެންދި މައްސަލާގައި މި ސަރުކާރުން ހަނުހުރި ނަމަވެސް ދުނިޔޭގެ އިސްލާމީ ބައެއް ގައުމުތަކުން ވަނީ މި މައްސަލަ ކުށްވެރިކޮށްފައެވެ. އެގޮތުން ސައުދީ އަރަބިއްޔާ، ޖޯޑަން އަދި ކުވޭތުން ވެސް ވަނީ ކީރިތި ޤުރުއާން އަންދަން ނިންމާފައި އޮތް އިހްތިޖާޖަށް ފުރުސަތު ދިނުމުން ނުރުހުން ފާޅުކޮށްފައެވެ.