Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ފޯމު ކަޓައިފައި އޮތް ލިވަޕޫލް އާއި ޗެލްސީ މެޗު އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ލިވަޕޫލް ދަނޑުގައި ޗެލްސީއާ ވާދަކުރި މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

މި ދެޓީމަކީ ފަހަކަށް އައިސް ނަތީޖާތައް ދަށްވެފައިވާ ދެޓީމެވެ. މިއަދުގެ މެޗާ އެކު މި ދެޓީމަށް ވެސް ލިބިފައިވަނީ 29 ޕޮއިންޓެވެ. ލިވަޕޫލް އަށް ވަނައިގައި އޮތް އިރު ޗެލްސީ އޮތީ 10 ވަނައިގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ނުވަ ވަނައިގައި އޮތީ ބްރެންޓްފޯޑް އެވެ.

މެޗުގައި ދެޓީމަށް ވެސް އިދިކޮޅު ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. އެކަމަކު ފުރަތަމަ ހާފުގެ ކުރީކޮޅު ޗެލްސީގެ ކައި ހަވާޓްޒް ވަނީ ގޯލެއް ޖަހައިފަ އެވެ. ވީއޭއާރު ބެލުމަށް ފަހު ރެފްރީ މި ގޯލު ކެންސަލްކުރީ ގޯލު ޖަހަން ތަނަވަސްކުރި ފުރުސަތުގައި ތިއާގޯ ސިލްވާ އޮފްސައިޑުގައި ހުރުމުންނެވެ.

ދެވަނަ ހާފުގައި ލިވަޕޫލްގެ ބަދަލު ކުޅުންތެރިޔާ ޑާވިން ނޫނޭޒް ފޮނުވާލި ހަމަލާއެއް ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ވަނީ މަތަކޮށްފަ އެވެ. މި ހާފުގައި ޗެލްސީ އިން ވަނީ ދާދިފަހުން ބޮޑު އަގުގައި އެޓީމަށް ގެނައި މިކައިލޯ މުޑްރިކް ކުޅެން އަރުވައިފަ އެވެ. މުޑްރިކް އެރުމާ އެކު ޗެލްސީ އިން ވަނީ ކުޅުން ރަނގަޅުކޮށް ލިވަޕޫލަށް ޕްރެޝަރުކޮށްފަ އެވެ. އަދި ގޯލު ޖަހާނެ ފުރުސަތު ވެސް ޗެލްސީ އިން ތަނަވަސްކުރި އެވެ.

މިއަދުގެ މެޗު އެންމެ ހާއްސަވީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށެވެ. މި މެޗަކީ ކްލޮޕް ކޯޗިން ކެރިއަރުގައި ހަމަކުރި 1000 ވަނަ މެޗެވެ. ކޯޗިންގައި ކްލޮޕް ފެނިފައިވަނީ ތިން ކްލަބަކުންނެވެ. 2001 ވަނަ އަހަރު ކްލޮޕް ކޯޗިން ކެރިއަރު ފެށީ ޖަރުމަނުގެ މެއިންޒް އިންނެވެ. އެ ކްލަބްގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް ފަހު ދެން ބަދަލުވީ ބޮރޫޝިއާ ޑޯޓްމަންޑަށެވެ. ޑޯޓްމަންޑަށް ފަހު ލިވަޕޫލަށް ކްލޮޕް ބަދަލުވީ 2015 ވަނަ އަހަރު އެވެ. މިއަދުގެ މެޗަކީ ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލް ކުޅުނު 411 ވަނަ މެޗެވެ.

ލީގުގައި މިރޭ އިތުރު މެޗުތަކެއް ވެސް ވަނީ ކުޅެފަ އެވެ. ވެސްޓް ހޭމް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން 0-2 އިން މޮޅުވެފަ އެވެ. ސައުތެމްޓަން ވަނީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 1-0 އިން ބަލިވެފަ އެވެ. ލެސްޓާ ސިޓީ އާއި ބްރައިޓަން ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ލެސްޓާ މޮޅުވާން ދަނިކޮށް ބްރައިޓަން އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހު ވަގުތު އެވެ. ބޯންމައުތާ ނޮޓިންހަމް ފޮރެސްޓް ވާދަކުރި މެޗު އެއްވަރުވީ 1-1 އިންނެވެ.

މި ލިއުމާއި ގުޅޭ