މިފަހަރު ޔުވެންޓަސް އަށް އަދަބުދިނީ ކުޅުންތެރިންގެ ޓްރާންސްފާގައި މަކަރު ހެދުމާއި އޮޅުވާލައިގެން ނުހިނގާ މުއާމަލާތްތަކުގެ އިންވޮއިސް ހެދި މައްސަލައިގަ އެވެ. މިގޮތުން ކުޅުންތެރިން ރަޖިސްޓާ ކުރާއިރު ފުރިހަމަކުރަންޖެހޭ ލިޔެކިއުންތަކުގައި މަކަރު ހަދާފައިވާކަން ވަނީ ސާބިތުވެފަ އެވެ.
15 ޕޮއިންޓް އުނިކުރުމުން އެޓީމު މިހާރު ވަނީ 10 ވަނަ އަށް ވެއްޓިފަ އެވެ. މިހާރު 22 ޕޮއިންޓުގައި އޮތްއިރު ގަދަ ހަތަރަކުން ޖާގަ ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ދާން އެޓީމަށް އޮތީ އުނދަގޫ ދަތުރެކެވެ. ބޮޑު އަދަބަކާ ކުރިމަތިލާން ޖެހުނުއިރު އެޓީމު އޮތީ ރަނގަޅު ފޯމެއްގަ އެވެ.
އެޓީމުގެ ކުރީގެ ބޯޑު މެމްބަރުން ވަނީ މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާދީފަ އެވެ. އެއީ އަދަބު ލިބުނު މައްސަލަ ތަހުގީގްކުރަން ފެށުމުން ބޯޑު މެމްބަރުން ނިންމި ނިންމުމެކެވެ. އެކަމަކު ތަހުގީގަށް ސާބިތުވި މައްސަލައިން އެ މެމްބަރުންނަށް ސަލާމަތެއް ނުވެވުނެވެ. އަދަބު ލިބުނު މީހުން ދުނިޔޭގެ އެއްވެސް ކްލަބެއްގެ އެއްވެސް މަގާމެއް އަދާނުކުރެވޭ ގޮތް ހަދަން އިޓަލީގެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެކަމުގެ މުއާމަލާތު މިހާރު ޔޫއެފާ އާއި ފީފާއާ އެކު ކުރަން ވަނީ ފަށައިފަ އެވެ.
އެ ކްލަބުގެ ކުރީގެ ރައީސް އަންދްރޭ އަގްނެލީ އާއި ކުރީގެ ޗީފް އެގްޒެކެޓިވް މައުރީޒިއޯ އެރިވަބީން ވަނީ ދެ އަހަރުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފަ އެވެ. އަދި މިހާރުގެ ސްޕޯޓްސް ޑިރެކްޓަރު ފެޑެރިކޯ ޗެރުބިނީ ވަނީ 16 މަހަށް ސަސްޕެންޑްކޮށްފަ އެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ނެޑްވެޑަށް ދިން އަދަބަކީ އަށް މަހަށް ފުޓްބޯޅައިން ސަސްޕެންޑް ކުރުމެވެ.
މިހާރު ޓޮޓެންހަމް ހޮޓްސްޕާގެ މެނޭޖިން ޑިރެކްޓަރު ފަބިއޯ ޕަރަސާޓީ ވަނީ 30 މަހަށް ސަސްޕެންޑްކޮށްފަ އެވެ. ކުރިން އޭނާ ހުރީ ޔުވެންޓަސްގެ ސްޕޯޓްސް ޑިރެކްޓާރުގެ މަގާމުގަ އެވެ.