އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޗީފް މިނިސްޓަރުކަމުގައި އިންޑިއާގެ ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގި ޤަތުލު އާންމުގެ ޒިންމާ ސީދާ ގޮތުން މޯދީ ނަގަންޖެހޭކަން އިނގިރޭސި ސަރުކާރުން ހިންގި ތަހުގީގަކަށް ސާބިތުވެއްޖެއެވެ.
ހިންދޫން ދަތުރުކުރަމުން ދިޔަ ރޭލެއްގައި ރޯވުމާ ގުޅިގެން 2002 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ގުޖުރާތުގައި ހިނގި ހަމަނުޖެހުންތަކުގައި ހާހަކަށްވުރެ ގިނަ މީހުން މަރުވިއެވެ. މަރުވި މީހުންގެ ތެރެއިން ގިނައީ މުސްލިމުންނެވެ. އެގޮތުން 790 މުސްލިމުން މަރުވިއިރު، 223 މީހަކު ގެއްލިފައިވެއެވެ. އަދި 2،500 އަށްވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ.
އޭބީސީ ނިއުސްއިން ތައްޔާރުކޮށްފައިވާ "އިންޑިއާ: ދަ މޯދީ ކުއެޝަން" ޑޮކިއުމެންޓަރީގައި، އިނގިރޭސި ސަރުކާރުން 2002 ވަނަ އަހަރު ހިނގި މި ހަމަނުޖެހުމާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގެއްގެ ރިޕޯޓުގެ ހޯދުންތައް ފުރަތަމަ ފަހަރަށް އާންމުކޮށްފައިވެއެވެ. އެ ރިޕޯޓަކީ ކުރިން ސިއްރުކޮށްފައި އޮތް ލިޔުމެކެވެ،.
އެ ރިޕޯޓުގައި ހިމެނޭ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ އެ ހަމަނުޖެހުންތަކަކީ ސީދާ މޯދީ މަސްއޫލުވާންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އިންތިޒާމީ ސިފައެއްގައި ހިންގި އަނިޔާވެރި ކެމްޕެއިނަކީ ނަސްލު ނެތިކޮށްލުމުގެ ހަރަކާތެއްގެ ހުރިހާ ސިފަތެއް ހުރި ކެމްޕެއިނެއްކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެކަން ހިންގީ ސީދާ މޯދީގެ ބައިވެރިވުން އޮވެގެންކަމަށްވެސް ރިޕޯޓުގައި ބުނެފައެވެ.
އެ ހަމަނުޖެހުންތައް ތަހުގީގުކުރުމަށް އިނގިރޭސިވިލާތުގެ ޓީމެއް އިންޑިއާއަށް އެއިރު ގޮސް ކަންކަން ހިނގި ގޮތް އޮޅުންފިލުވުކަމަށް އެއިރު އިނގިރޭސި ޚާރިޖީވަޒީރުކަމުގައި ހުންނެވި ޖެކް ސްޓްރޯ އޭބީސީގެ ޑޮކިއުމެންޓަރީގައި ވިދާޅުވެފައިވެއެވެ.
ސިޔާސީ މަޤުޞަދެއްގައި ހިންގި ހަމަނުޖެހުންތަކެއްގެ ގޮތުގައި އިނގިރޭސި ތަހުގީގަށް ފެނުނު ހަމަނުޖެހުންތަކުގެ ތެރެއިން ރޭވިގެން އެތައް ސަތޭކަ މުސްލިމު އަންހެނުން ރޭޕުކޮށްފައިވާ ކަމަށާއި، ހިންދޫ އަޣުލަބިއްޔަތު އޮންނަ ސަރަހައްދުތަކުން މުސްލިމުން ނައްތައިލުމަށް އެ އަނިޔާވެރިކަމުގެ ކެމްޕެއިނުގައި އަމާޒުކުރިކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ވިޝްވާ ހިންދޫ ޕަރިޝާދު (ވީއެޗްޕީ) އަދި އެ ޖަމާއަތުގެ ބައިވެރިންނަށް އެ ފުޅާމިނުގައި އަނިޔާވެރި އަމަލުތައް ހިންގުނީ ގުޖުރާތުގެ އެއިރުގެ ސަރުކާރުން އެފަދަ އަމަލުތަކަށް އަޅައިނުލައި ނުފެންނަކަމަށް ހެދުމުންކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ސްޓްރޯ އިތުރަށް ވިދާޅުވެފައިވަނީ މޯދީ ސީދާ އަމަލީ ގޮތުން ފުލުހުން ފަހަތަށް ޖައްސައި ބައެއް ސަރަހައްދުތަކުން ފުލުހުން ނެރެ، ހިންދޫ އަނިޔާވެރިންނަށް އެމީހުން ބޭނުންވާ އަމަލުތައް ހިންގުމަށް ފަހިވާނެ ގޮތަށް އިސްތިރާޖީ ރޭވުންތައް ތަންފީޒުކުރި ކަމަށެވެ.
ގުޖުރާތުގެ ހަމަނުޖެހުންތަކާ ގުޅިގެން ޔޫރަޕިއަން ޔޫނިއަނުން ހިންގި ތަހުގީގުގައިވެސް ހަމަނުޖެހުމާއި އަނިޔާވެރި އަމަލުތައް ހިނގި ސަރަހައްދުތަކުން ފުލުހުން ދުރުކުރަން މޯދީގެ ސަރުކާރުގެ ވަޒީރުން، ޚާއްޞަކޮށް މޯދީގެ ހޯމް މިނިސްޓަރު އަމިތު ޝާހު އަންގަވައި އަމުރުކުރެއްވިކަން ސާބިތުވާކަމަށް ނިންމާފައިވެއެވެ.
މުސްލިމުންނަށް އަނިޔާކުރުމަށް ހިތްވަރުދީ އަނިޔާވެރިވާން ހިންދޫންނަށް މަގުފަހިކޮށްދިން މޯދީއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ރާއްޖެއިން ބޭރު މީހަކަށް ދިވެހި ދައުލަތުން އެރުވޭނެ އެންމެ މަތީ ޝަރަފުކަމަށްވާ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާގެ ޝަރަފު އަރުވާފައެވެ.