ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ޖަލްސާއަކީ އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަކާތެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ގިނަ އަދަދެއްގެ ބަޔަކު މާލެއަށް ޖަމާކޮށްގެން ބޭއްވި މި ޖަލްސާއަކީ ތަފާތު ޖަލްސާއެކެވެ. ޖަލްސާ ތަފާތުވީ ޖަލްސާގައި ދެއްކި ވާހަކައަކުން ނުވަތަ ހުށަހެޅި ހުށަހެޅުމަކުން ނޫނެވެ. ޖަލްސާގެ އެކި މަރުހަލާތަކުގައި އިސްޓޭޖު ފަޅުފިލުވައިދެއްވައި ތަޤުރީރުކުރެއްވި ބޭފުޅުންގެ ތަފާތުކަމުންނެވެ.
ޖަލްސާގެ ކުރިން ޖަލްސާގެ ބައިވެރިންގެ ލޭ ކައްކުވައިލައްވައި އެ ބައްދަލުވުމަށް ޖޯޝާއި ރޫހު ގެންނެވުމަށް ޕޯޑިއަމް ދޮށުގައި ހުންނެވީ ސިޔާސީ މަސްރަހުގައި ގިނަ ބަޔަކު ދަންނާނެ މޫނެކެވެ. ރައީސް އިބްރާހީމުގެ އަރިސް ބޭފުޅެކެވެ. އެކުވެރިއެކެވެ. އަދި ވާދަވެރި ރައީސް ނަޝީދަށް މީސްމީޑިއާގައި ރައީސްގެ ފަރާތްޕުޅުން އެކި ބާވަތުގެ ބަހުގެ ހަމަލާތައް އަމާޒުކުރެއްވުމުގައި އެންމެ ހިތްވަރުކުރެއްވި ބޭފުޅާއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމާއި ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކެވެ. މޫސައަކީ ޤައުމީ އެއާލައިން މޯލްޑިވިއަންއަށް 1 މިލިއަން ޑޮލަރު ނުވަތަ 30 މިލިއަން ރުފިޔާ ދައްކަވަންޖެހި ނުދައްކަވައި ހުންނެވި ބޭފުޅެކެވެ. އެއީ އޭނާގެ ރަހާ ރިސޯޓުން ނަގާފައިވާ ޓިކެޓުތަކަށް ދައްކަންޖެހޭ ފައިސާއެވެ. މިފަދައިން ގިނަ އަދަދެއްގެ ފައިސާ ނުލިބިހުރުމަކީ މޯލްޑިވިއަންގެ ވިޔަފާރިއަށް އެކަމުގެ ގެއްލުންވާ ކަމެކެވެ.
އޭގެ އިތުރަށް މޫސަގެ ރިސޯޓުތައް ހެދުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނެގި 11 މިލިއަން ޑޮލަރުގެ ލޯނެއް އަދާނުކޮށްގެން އެ ލޯނު ނެގުމަށް ރަހުނުކުރި ރަށްތައް ވިއްކުމުގެ ހުއްދައަށް އެދި ބޭންކުން ކޯޓަށް ގޮސްފައިވެއެވެ. އޭގެ އިތުރަށް ފާއިތުވި އަހަރުގެ ޖޫން މަހާ ހަމައަށް ރިސޯޓު ކުލީގެ ގޮތުގައި 2.3 މިލިއަން ޑޮލަރާއި ކުލި ނުދައްކާތީ ދައްކަންޖެހޭ ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދައުލަތަށް މޫސަ ނުދައްކަވައި އޮތެވެ.
ރައީސް އިބްރާހީމާއެކު އެމަނިކުުފާނުގެ ކެމްޕެއިން ހުރިހައި ދަތުރުފުޅެއްގައި ރީކޯ މޫސަ ބައިވެރިވެވަޑައިގަންނަވައެވެ. އަދި ކޮންމެ ރަށަކަށް ވަޑައިގެން އެ ރަށެއްގައި ހުންނަ އެމްޑީޕީ ހަރުގެއެއް ކައިރީ ހުންނަވައި ނަންގަވާ ފޮޓޯތައް މީސްމީޑިއާގައި މޫސަ ހިއްސާކުރައްވައެވެ. ރައީސް އިބްރާހީމަށް މޫސަގެ ހިފަހެއްޓުމެއް ނެތް ތާރީފު އޮއްސަވާއިރު އެމަނިކުފާނާ ވާދަކުރައްވާ ބޭފުޅުންނަށް މޫސަގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވެއެވެ.
ރައީސް އިބްރާހީމުގެ ކެމްޕެއިނުގައި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއަކީ މުހިއްމު ބޭފުޅެކެވެ. ރޭގެ ޖަލްސާގައިވެސް ވަރަށް ފޯރީގައި އަލީ ރިޒާ ވާހަކަދެއްކެވިއެވެ. ޖަލްސާގެ ފަހު ބައިވެރިއެެއްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައި، ރައީސް އިބްރާހީމަކީ ބިންގާ އަޅުއްވާ ބޭފުޅެއް ނޫންކަމަށާއި، އަބަދުވެސް މަސައްކަތްތައް ހަލުއިކޮށް އަވަހަށް ނިންމަވާ ބޭފުޅެއްކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ތާރީފުކުރެއްވިއެވެ.
ރިޒާއަކީ ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި ޖިނާއީ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވާ ފަރާތެކެވެ. އެއީ ބ.ބޮޑުފިނޮޅުިގައި ރިސޯޓެއް ތަރައްޤީކުރަން އޭނާގެ ހިއްސާ އޮންނަނ ރިޒް ކުންފުނިން ބިދޭސީ މަސައްކަތްތެރިންތަކެއް ގެނެސް އެ މީހުންނަށް މަޖުބޫރުކުރުވި މައްސަލައެއްގައެވެ.
މި މައްސަލާގައި ރިޒާގެ މައްޗަށް ދައުވާކޮށްފައިވަނިކޮށް އެ މައްސަލާގައި ރިޒް ކުންފުންޏާއި ރިޒާއާ ދެކޮޅަށް ހެކިބަސް ދޭން ތިބި ބިދޭސީ މަސައްކަތްތެރިން ރާއްޖެއިން ޑީޕޯޓުކޮށްލީއެވެ. އެހެންކަމުން މައްސަލަ ކުރިއަށްނުގެންދެވި ޕީޖީ އޮފީހުން މައްސަލަ އަނބުރާ ގެނައީއެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ދިމާކޮށް ރިޒާ ތާއީދުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ނުފޫޒާއެކު އެ ބިދޭސީ މަސައްކަތްތެރިން ރާއްޖެއިން ބޭރަށް ފޮނުވައިލީއެވެ.
ބޮޑުފިނޮޅުގެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އެ ރިސޯޓުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އިހުތިޖާޖުކޮށް ހަޅުތާލުހަދައި ހަމަނުޖެހުންތަކެއް ހިންގުމުންނެވެ.
ރޭގެ ޖަލްސާއިން ކުއްލި ގޮތަކަށް އަނބުރާ ސިޔާސީ ޕޯޑިއަމެއް ކައިރިން ފެނުނު މަބްރޫކު އަޒީޒަކީ އެއް ދުވަސްވަރެއްގައި ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު އެއް ޝަޚުޞިއްޔަތެވެ. ކޮވިޑްގެ އާލަމީ ވަބާ ދުނިޔެއަށް ފެންމަތިވުމާއެކު ސަރުކާރުގެ މުޅި މޫނުމަތި ސާފުކުރެއްވުމުގެ ޒިންމާ ނެންގެވީ މަބްރޫކެވެެ. ނޫސްވެރިންނާ ގާތް ގުޅުމެއް ބޭއްވެވި، ފާޑުކިޔާ މީހުންނާވެސް އެކުވެރި މޫނަކައިގެން ކުރިމަތިލެއްވި މަބްރޫކުވީ ގިނަ ބައެއްގެ އިތުބާރު ހިނދުކޮޅަކަށް ހޯއްދެވި ބޭފުޅެކެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ވެންޓިލޭޓަރުތައް ގެނައުމަށް ސަރުކާރުން ހަވާލުކުރުމުން އެ ކުންފުންޏާ ބެހޭ ގޮތުން މައުލޫމާތު އެއްކޮށް "ދިޔަރެސް"އިން ބެލި ބެލުމުން އެ ކުންފުންޏަށް އެކަން ނުކުރެވިދާނެކަމަށް ބެލިގެން އެއިރު މަބްރޫކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަކުރާރުކޮށް ސުވާލުކުރިއެވެ.
އެ ކުންފުންޏަކީ ޤާބިލު ކުންފުންޏެއްކަމަށާއި، ވެންޓިލޭޓަރުތައް ލިބޭނެކަމަށް ވިދާޅުވެ އެ ކުންފުންޏާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވައި، ކަމުގެ ޙަޤީޤަތް އޮޅުވައިލެއްވިއެވެ. އެ ކުންފުންޏަކީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ރަނގަޅު ޤާބިލު ކުންފުންޏެއްކަމަށް ސަރުކާރަށް ލަފާދީފައިވާކަމަށް ތަކުރާރުކޮށް މަބްރޫކު ވިދާޅުވިއެވެ.
އެންމެ ފަހުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ މުއާމަލާތް ހިނގި ގޮތް ބެލިއިރު އެ ކުންފުންޏަށް މަސައްކަތް ހަވާލުކުރީ ޤާބިލުކަން ކަށަވަރުނުކޮށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން އެ ކުންފުންޏާ އެ މަސައްކަތް މަތިކުރަން ދިން ލަފައެއް ފެންނާކަށް ނެތެވެ. ދައުލަތަށް 35 މިލިއަން ރުފިޔާ ގެއްލުނީއެވެ.
އޭގެ އިތުރަށް ސަރުކާރުން އުފައްދާފައިވާ އެސްޑީއެފްސީން މަބްރޫކު ނަންގަވާފައިވާ ލޯނެއް އަދާނުކުރައްވާތާ 8 މަސްވެފައިވާކަން ހާމަވިއެވެ. އާންމުކޮށް ފައިސާ ނުދައްކާ ކުންފުނިތަކާއި ވިޔަފާރިތަކާމެދު ބޭންކުން ފިޔަަޅުއަޅާ އުސޫލުން މަބްރޫކުގެ ވިޔަފާރިއާމެދު ފިޔަވަޅު އަޅާފައިނުވާކަންވެސް އެއިރު "ދިޔަރެސް"އަށް ލިބުނު ލިޔެކިޔުންތަކުން ސާފުކޮށް ފެނުނެވެ.
ދެން މި ޖަލްސާގައި އެންމެ ފޯރީގައި ވާހަކަދެއްކެވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފެވެ. އޭނާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށް ތުހުމަތުވެ، އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭނާގެ މައްސަލަ ދިރާސާކުރުމަށްފަހު ދައުވާކުރުމާމެދު ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުން އެތައް ދުވަހަކު ދައުވާކުރުމާމެދު ގޮތެއް ނުނިންމައި ބޭއްވުމަށްފަހު ދައުވާ އުފުލި ބޭފުޅެކެވެ.
މައްސަލައިގެ ދައުވާ ކުރިމިނަލް ކޯޓުގައި ކުރުމުން އެއިރު މައްސަލަ ބެއްލެވީ ޑިސެންބަރު ފަންސަވީސްވަނަ ދުވަހު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ލިޔުއްވި ޤާޟީ މުޙައްމަދު މިސްބާހެވެ. އެއިރު މިސްބާހު ނިންމެވީ އެ މައްސަލާގައި ދައުވާކުރެވޭނެ މިންވަރަށް ހެކި ނެތުމުން މައްސަލަ ކޯޓުން ބޭރުކޮށްލާށެވެ.
ކުރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުން ހައިކޯޓުގައި ދައުލަތުން އެ ނިންމުން އިސްތިއުނާފުކުރިއެވެ. ހައިކޯޓުން ނިންމާފައިވަނީ އެ މައްސަލަ ކޯޓުން ބޭރުކޮށްލީ ދައުލަތުން ދައުވާކުރިއިރު ހުށަހެޅި ބައެއް ހެކިތަކަށް ރިއާޔަތްކޮށް ބެލުމެއް ނެތި ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް ދައުވާ އިސްލާހުކޮށް ކުރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅުމަށް ހައިކޯޓުން އެންގިއެވެ.
މި ދައުވާ ކުރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ފާއިތުވި އަހަރު ރައީސް ޔާމީނުގެ މައްޗަށް އުފުލި ދެ ދައުވާގެ އަޑުއެހުން ހަލުއި ދުވެލީގައި ކުރިއަށްގެންދިޔައިރު މަހުލޫފުގެ މައްސަލައިގެ އަޑުއެހުންތައް ތާވަލުކޮށްފައި ކެންސަލްކުރަމުން ދިޔައީއެވެ. އަޑުއެހުމެއް ނުބާއްވައެވެ. މައްސަލަ ކުރިއަށް ނުދެއެވެ.
ދެން ޖަލްސާގައި އެންމެ ވަރުގަދައަށް ތަޤުރީރުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސައިން)އެވެ. އަނދުން ހުސައިނަކީ މުޅިން ތަފާތު މައްސަލައެއް ފެންމަތިވެފައިވާ ބޭފުޅެކެވެ. ދައުލަތުގެ ބައެއް އިސްވެރިންނާ ގުޅުން އޮތް ބޭފުޅުންނާއި ބައެއް އެހެން ޝަޚުޞިއްޔަތުތަކުގެ ބަރަހަނާ މަންޒަރާއި އެއް ޖިންސުން ގުޅުންހިންގި ވީޑިއޯތައް އާންމުވި ދުވަސްވަރެއްގައި އަނދުން ހުސައިނުގެ ފޮޓޯއެއް އާންމުވިއެވެ.
ފިރިހެނަކާއި އަންހެނަކާއެކު އެއް އެނދުގައި އަނދުން ހުސައިން ބަރަހަނާ ހާލުގައި އޮންނެވި ފޮޓޯއެއް މީސްމީޑިއާއަށް އާންމުވީއެވެ. އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ. މައްސަލަ ބަލާކަމަށް ފުލުހުން ބުނުމުގެ އިތުރަކަށް އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އަދިއަދަށްވެސް އެ އިދާރާއިން ހާމަނުކުރެއެވެ.
މި ދުވަސްވަރު ބަރަހަނާ މަންޒަރުތައް ލީކުވުމާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށް ތަހުގީގުކޮށް އޭގެ ތެރޭގައި ހިމެނުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި އިތުރު މީހެއްގެ މައްޗަށް ހުކުމްވެސް ކުރެވުނެވެ. އަނދުން ހުސައިންގެ މައްސަލަ އޮތް ތަނެއް އެ މައްސަލައަށް ވީ ކިހިނެއްކަން ދެނެވޮޑިގެންވަނީ މާތްﷲއެވެ.
މިފަދަ ޝަޚުޞިއްޔަތުތަކެއް އިސްސަފަށް ނެރުއްވައިގެން ޕޯޑިއަމުން ޖާގަދެއްވައިގެން އެމަނިކުފާނުގެ ކެމްޕެއިނުގެ އެންމެ ބޮޑު ހަރަކާތް ބާއްވަވައި ނިންމަވައިލެއްވުމުން ރައީސް އިބްރާހީމު ވާދަވެރިންނަށް ދެއްވީ ވަރުގަދަ މެސެޖެކެވެ. އަދި އެ ބޭފުޅުން އިސްސަފަށް ނިކުމެވަޑައިގަތުމުން އެ ބައްދަލުވުން ހާސްފަށުން ތާފާތެވެ.