ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމުގައި ކީރިތި ޤުރުއާން އެންދުމަށް ހުއްދަދިނުމާ ގުޅިގެން އެ ޤައުމުގެ ސަފީރު ހާޒިރުކޮށް ތުރުކީން ނުރުހުން ފާޅުކޮށް އިހުތިޖާޖުކޮށްފިއެވެ.
ކަނާތުފިޔައިގެ ހަރުކަށި މުސްލިމުންނާ ދެކޮޅު ލީޑަރަކަށް ސްޓޮކްހޯމުގައި ހުންނަ ތުރުކީގެ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާން އެންދުމަށް ސްވިޑެން ސަރުކާރުން ހުއްދަދީފައިވެއެވެ. ރަސްމުސް ޕަލާޑުންއަށް ހުއްދަ ދީފައިވަނީ ޖަނަވަރީ 21 ވަނަ ދުވަހުގައި ތުރުކީ އެމްބަސީ ކުރިމަތީގައި ޤުރުއާން އެންދުމަށެވެ.
"އަޅުގަނޑުމެންގެ މުޤައްދަސް ފޮތްކަމަށްވާ ކީރިތި ޤުރުއާން، ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރީމަތީގައި، އެންދުމުގެ ހުއްދަ [ސްވިޑެން ސަރުކާރުން ] ދިންކަން އެނގުމާ ގުޅިގެން ތުރުކީގައި ހުންނަވާ އެ ޤައުމުގެ ސަފީރު އަޅުގަނޑުމެންގެ ވުޒާރާއަށް މިއަދުވަނީ ހާޒިރުކޮށްފައި،" ޓީއާރްޓީ ވޯލްޑްއަށް މައުލޫމާތު ދެއްވަމުން ތުރުކީގެ ޚާރިޖީވުޒާރާގެ ބޭފުޅަކު ވިދާޅުވިއެވެ.
ޓީއާރުޓީއަށް މައުލޫމާތު ދެއްވި ބޭފުޅުން ވިދާޅުވެފައިވަނީ ސްވިޑެންގެ އެ އަމަލު ކުށްވެރިކުރުމާއެކު، ކީރިތި ޤުރުއާން އެންދުމަކީ ނުރައްކާތެރި ނަފުރަތާއި ރުޅިވެރިކަމުގެ ކުށެއް ކަމަށް ތުރުކީން ސްވިޑެންގެ ސަފީރު އަރިހުގައި ބުނެފައިވާ ކަމަށެވެ.
އަދި މިކަމުގައި ސްވިޑެނުން ގެންގުޅޭ ވިސްނުމަކީ ބަލައިގަނެވޭނެ ވިސްނުމެއް ނޫންކަމަށާއި، އެތައް މިލިއަން ބައެއްގެ މުޤައްދަސް އަގުތަކަށް ފުރައްސާރަކުރުމަކީ ޑިމޮކްރެޓިކް ހައްގެއްކަމަށް ބުނެ ދިފާއުނުކުރެވޭނެކަމަށް ތުރުކީން ދެކޭކަމަށްވެސް އެ އޮފިޝަލުން ވިދާޅުވިއެވެ.
އަދި ސްވިޑެންގައި ކުރުދީ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ޕީކޭކޭގެ ޕްރޮގެންޑާ ހަރަކާތްތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ތުރުކީން އަންގާފައިވާނެކަމަށް ތުރުކީގެ ޚާރިޖީވުޒާރާގެ އޮފިޝަލުން ވިދާޅުވިއެވެ.