Saturday 13th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް ސިޓީ އިން ފެންވަރު ދައްކާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން ފަހަތުން އަރައި ޖެހި ގޯލުތަކާ އެކު 2-4 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްފި އެވެ.

މުހިއްމު މޮޅާ އެކު ސިޓީ ވަނީ އެއްވަނައިގައި އޮތް އާސެނަލާ ފަސް ޕޮއިންޓަށް ކައިރިކޮށްފަ އެވެ. އެކަމަކު ސިޓީ އޮތީ އާސެނަލަށް ވުރެ އެއް މެޗު އިތުރަށް ކުޅެފަ އެވެ. އާސެނަލަށް 18 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު ސިޓީ ދެވަނައިގައި އޮތީ 19 މެޗުން ލިބުނު 42 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗަށް ސިޓީ އިން ނެރުނު ފުރަތަމަ އެގާރަ އަށް ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ. އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ކެވިން ޑި ބްރޭނާ ރޭގެ މެޗުގައި ނުފެނުނެވެ. އަދި ފަހަކަށް އައިސް ފޯމު ދަށްވެފައިވާ ޔާއޯ ކަންސޭލޯ އަށް ވެސް ކޯޗު ޕެޕް ގާޑިއޯލާ ފުރުސަތެއްނުދެ އެވެ. މި ދެކުޅުންތެރިންގެ ބަދަލުގައި ޓީމުގައި ހިމެނީ ހޫލިއަން އަލްވަރޭޒް އާއި ޒުވާން ކުޅުންތެރިޔާ ރީކޯ ލެވިސް އެވެ.

މެޗުގެ ފުރަތަމަ ހާފު ޓޮޓެންހަމުން ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. މި ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގެ ފަހު ވަގުތު އެވެ. 44 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ޑެޔަން ކުލުސެވްސްކީ އެވެ. އިތުރު ވަގުތުގައި ދެވަނަ ގޯލު ޖެހީ އެމާސަން ރޮޔާލް އެވެ.

ދެވަނަ ހާފު ސިޓީ އިން ވަނީ ވަރުގަދަކޮށް ފަށައި ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފުރަތަމަ ގޯލު 51 ވަނަ މިނެޓުގައި އަލްވަރޭޒް ޖެހިއިރު ދެވަނަ ގޯލު އޭގެ ދެމިނެޓު ފަހުން ކާމިޔާބުކޮށްދިނީ އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ އަލްވަރޭޒް ވޯލްޑް ކަޕަށް ފަހު ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. އަދި ހާލަންޑް ލީގުގައި ޖެހި މިއީ 22 ވަނަ ގޯލެވެ.

ސިޓީގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ރިޔާދް މާރޭޒް އެވެ. މާރޭޒް ސިޓީ އަށް ލީޑު ނަގައިދިން ގޯލު 63 ވަނަ މިނެޓުގައި ޖެހިއިރު ފަހު ގޯލު ޖެހީ މެޗުގެ ފަހު މިނެޓުގަ އެވެ.

ލީގުގައި ކުރިއަށް އޮތް މެޗުގައި ސިޓީ އިން އަމިއްލަ ދަނޑުގައި ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. އާސެނަލް އަމިއްލަ ދަނޑުގައި ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ.

މި ލިއުމާއި ގުޅޭ