Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ރޮނާލްޑޯއާ ކުރިމަތިލައި މެސީ މޮޅުވެއްޖެ

ސައުދީގެ ރިޔާދުގައި މިރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ޕީއެސްޖީ އިން 5-4 އިން ރިޔާދު އޯލްސްޓާ ޓީމު ބަލިކޮށްފި އެވެ.
ދުނިޔޭގެ ސަމާލުކަން ލިބުނު މެޗު އެންމެ ހާއްސަވީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީގެ ކުރިމަތިލުމަކަށް މި މެޗު ވުމުންނެވެ. މެސީ ޕީއެސްޖީ ޓީމުގައި ހިމެނުނުއިރު ރިޔާދު އޯލްސްޓާ ޓީމުގެ ކެޕްޓަންކަން ކުރީ ރޮނާލްޑޯ އެވެ. ރިޔާދު ޓީމު އެކުލަވާލީ އަލް ހިލާލް އާއި އަލް ނަސްރުގެ ކުޅުންތެރިން ހިމަނައިގެންނެވެ. މިރޭގެ މެޗަކީ ރޮނާލްޑޯ ސައުދީ ޕްރޯ ލީގުގައި ކުޅޭ އަލް ނަސްރަށް ބަދަލުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ގޯލު ތިންވަނަ މިނެޓުގައި ޖެހީ ލިއޮނެލް މެސީ އެވެ. ނޭމާގެ އެހީގައި މެސީ މި ގޯލު ޖެހިފަހުން ރިޔާދު ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ އެވެ. މިއީ ޕީއެސްޖީގެ ގޯލްކީޕަރު ކޭލާ ނަވާސް ރޮނާލްޑޯ ބޮލުން ޖަހަން އެރިވަގުތު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭގެ އެހީގައި މާކީނިއޯސް ޕީއެސްޖީ އަށް ލީޑު ނަގައިދިނެވެ. އޭގެ ދެ މިނެޓު ފަހުން ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއެއް ނޭމާ ފޮނުވާލުމުން ރިޔާދު ޓީމުގެ ގޯލްކީޕަރު އެ ޕެނަލްޓީ މަތަކުރި އެވެ. ޕީއެސްޖީ ލީޑުގައި އޮއްވައި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ 2-2 އަށް ބަދަލުކޮށްލާފަ އެވެ. މިއީ ރޮނާލްޑޯ ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލަށް ވައްދާލި ބޯޅައެކެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް 53 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދިނީ ސާޖިއޯ ރާމޯސް އެވެ. އެމްބާޕޭ ތިރިތިރިން ނަގައިދިން ބޯޅަ އެއްފަހަރުން ޖަހައި ރާމޯސް ވަނީ ގޯލަށް ވައްދާލާފަ އެވެ. މި ލީޑުގައި ޕީއެސްޖީ އަށް އޮވެވުނީ އެންމެ ތިން މިނެޓު އެވެ. މެޗުގެ ނަތީޖާ ތިންވަނަ ފަހަރަށް ރިޔާދު ޓީމުން ހަމަހަމަކުރީ ކޯނަރެއްގައި ބޮލުން ހިއުން-ސޫ ޔާން ޖެހި ގޯލުންނެވެ.

ޕީއެސްޖީގެ ހަތަރު ވަނަ ގޯލު ޖެހީ އެމްބާޕޭ އެވެ. މިއީ ރިޔާދު ޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެއްގައި 60 ވަނަ މިނެޓުގައި އެމްބާޕޭ ޖެހި ލަނޑެކެވެ. މި ލަނޑަށް ފަހު ރޮނާލްޑޯ އާއި މެސީ އަދި އެމްބާޕޭ އާއި ނޭމާ ވަނީ ބަދަލުކޮށްފަ އެވެ. ދެޓީމުން ވެސް ބެންޗުގައި ތިބި ގިނަ ކުޅުންތެރިންތަކެއް ފަހުކޮޅު ވަނީ ކުޅެފަ އެވެ.

ޕީއެސްޖީގެ ހަތަރު ވަނަ ގޯލު 78 ވަނަ މިނެޓުގައި ޖެހީ ބެންޗުން އެރި ޒުވާން ފޯވާޑް ހޫގޯ އެކިޓިކީ އެވެ. މެޗުގެ އިތުރު ވަގުތުގައި ރިޔާދު ޓީމުގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ އެންޑަސަން ޓަލިސްކާ އެވެ.

މެޗަށް ފަހު މެޑަލްގެ އިތުރުން މެޗުން މޮޅުވި ޕީއެސްޖީ ޓީމަށް ވަނީ ޝީލްޑެއް އަރުވާފަ އެވެ. ޕީއެސްޖީ މޮޅުވިޔަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ގޯލު ޖެހި ރޮނާލްޑޯ އެވެ.

ރިޔާދުގެ އަލް ފަހަދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ބެލުމަށް 68 ހާސް ސަޕޯޓަރުން ދަނޑަށް ވަނެވެ. އަދި އެތައް މިލިއަން ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި މެޗު ވަނީ ބަލައިފަ އެވެ.

މި ލިއުމާއި ގުޅޭ