ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގައި ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށް އޭނާ ދޫކޮށްލާފައި ވަނިކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އުމުރު ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
ގދ. ތިނަދޫ/ ޕެރިސް ގާޑަން، އިބްރާހިމް ފައިސަލްގެ މައްޗަށް ކްރިމިނަލް ކޯޓުން ދައުވާ ސާބިތުނުވީ ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ބޭބެ އަބްދުالله މަހުދީ އަމިއްލައަށް ޝަރީއަތުގައި އިއުތިރާފު ވުމުންނެވެ.
މީގެ އިތުރުން ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ، އެ މީހަކާ ގުޅުން އޮތް މީހަކު ހިމާޔަތްކުރުމުގެ ގޮތުން ޖިނާއީ އަދުލުގެ ނިޒާމު ހަލާކުކޮށްލުމަށްޓަކައި އެފަދަ މީހަކު އެފަދަ ކުށަކަށް އިއުތިރާފުވުމަކީ ކޮށްފާނެ ކަމެއް ކަމަަށް ބެލެވޭތީ، އެ އިއުތިރާފަށް ބާރުދޭ އިތުރު ހެކި ނުދައްކައި، އެ އިއުތިރާފު ކޯޓުން ބަލައިނުގަތުމަށް ނިންމީ ކަމަށެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ފޮށިގަނޑުގައި ހުރީ ކޮންއެއްޗެއްކަން އިބްރާހީމް ފައިޞަލްއަށް ނޭނގޭކަމަށް ފަހުން ބުނިނަމަވެސް އިބްރާހީމް ފައިޞަލްގެ އަތުން އެ ތަކެތި ފެނުނުކަމާމެދު އެއްވެސް ޝަރުޢީ މަރުޙަލާއެއްގައި އިބްރާހީމް ފައިޞަލް އިންކާރުކޮށްފައެއް ނުވާކަމަށެވެ.
މި މައްސަލައިގައި ފެނުނު "މަސްތުވާތަކެތި ހުރި ފޮށިގަނޑު ހިފައިގެން އިބްރާހީމް ފައިޞަލް މި މައްސަލާގެ ސީން އިން ފިލަން މަސައްކަތްކޮށްފަވާއި ކަން ފުލުހުންގެ ބަޔާންތަކުން އެނގެން އޮތުމުންނާއި، މީގެ އިތުރުންވެސް، ކަންހިނގާފައިވާ ގޮތް ތަޙްޤީޤު މަރުހަލާގައި ކިޔާ ދިނުމަކީ އިބްރާހީމް ފައިޞަލްގެ މަސްއޫލިއްޔަތެއް ކަމަށްވާއިރު، އެ މަރުހަލާގައި ކަންހިނގާފައިވާގޮތް ސާފުކޮށްދިނުމުގެ ފުރުސަތު އިބްރާހީމް ފައިޞަލް އަށް އޮވެމެ އެ ޙައްޤުވެސް ބޭނުންކޮށްފަނުވާކަން އެނގެން އޮތުމުން، މި މަސްތުވާތަކެތި އިބްރާހީމް ފައިޞަލް އަތުގަ ހުރީ އިބްރާހީމް ފައިޞަލްގެ އެނގުމުގެ ތެރެއިންކަން ބަލަންޖެހޭ" ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.
މި މައްސަލާގައި ފައިސަލް މުޅި އުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ. ފައިޞަލްގެ މައްޗަށް އިއްވި ޖޫރިމަނާ އެއްއަހަރު ތެރޭގައި ދައްކަން ވެސް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.