އިންޑިއާ ސަރުކާރުން ނ.މަނަދޫ ޕްރީސްކޫލަށް "އޭބީސީ" ފޮތްތަކެއް ހަދިޔާކޮށްފިއެވެ.
މި ފޮތްތައް ހަދިޔާކޮށްފައިވަނީ އިންޑިއާގެ ފޮރިން ސެކެޓްރީ ޑރ.ޖައިޝަންކަރު މަނަދޫއަށް ކުރެއްވީ ޒިޔާރަތުގައެވެ. ފޮތްތައް ހަދިޔާކުރެއްވުމަށްފަހު ޖައިޝަންކަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ފޮތްތަކުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުން ދުނިޔެއާއި ގުޅުވާލަން އެހީތެރިވެވޭނެ ކަމަށެވެ.
ޖައިޝަންކަރު މިހެން ވިދާޅުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑުކިޔަމުންނެވެ. މިގޮތުން ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައިވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން އިންޓަނެޓު ބޭނުންކުރާ އެއް ޤައުމަށްވެފައި ރާއްޖޭގެ ވަރަށް ގިނަ ސްކޫލުތަކުގައި ޓެބްލެޓާއި، ސްމާޓް ޓީވީފަދަ އެންމެ މިޒަމާނުގެ ވަސީލަތްތައް ހުންނަކަން ޓުވިޓަރގައި ހިޔާލު ފާޅުކުރި ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.
އަދި އެކަމުން އެނގެނީ އިންޑިއާ މީހުންނަށް ދިވެހިރާޢްޖެ އަދިވެސް ދަސްނުވާކަން، ނޫނީ އެއީ ކުރި ޖެއްސުމެއްތޯ ވެސް ހިޔާލު ފާޅުކުރި މީހަކު އަހާފައިވެއެވެ.
އިންޑިއާއިން މީގެކުރިންވެސް މިފަދަ އާދައިގެ ކަންކަން ކުރުމަށްފަހު އެއީ ވަރަށް ބޮޑު އެހީއެއް ކަމަށް ދައްކައި އެކަން ފާހަގަކޮށްފައިވެއެވެ. މިގޮތުން ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކުގައި ބައިވެރިވެގެން ރަށެއްގެ މަގު ބައްތިތައް ހަރުކުރުމުގެ މަޝްރޫއެއް އިފްތިތާހުކޮށް އެއީ ރާއްޖޭގެ ނިސްބަތުން ވެވުނު ވަރަށް ބޮޑު އެހީއެއް ކަމަށް ބުނެ އިންޑިއާގެ ނޫސްތަކުގައިވެސް ރިޕޯޓުކޮށްފައިވެއެވެ.
އަދި އިންޑިއާއިން ކޮށްދޭ މިފަދަ އާދައިގެ ކަންކަމަކީ ވަރަށް ބޮޑެތި ކަންކަން ކަމުގައި ވިސްނާދޭން ދިވެހި ސަރުކާރުންވެސް ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ.
ރައީސް ސޯލިހުގެ ވެރިކަން ފެށުނުފަހުން ދިވެހިރާއްޖެ މިހާރު ވަނީ އިންޑިއާއަށް 40 ބިލިއަން ރުފިޔާއިން ދަރާފައެވެ. އަދި އިންޑިއާގެ އެތައް ސަތޭކަ ސިފައިން ރާއްޖޭގައި ޤާއިމްވެގެން ތިބެއެވެ.