ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަކީ މައި ސަރުކާރުގެ މުއްފަތުން ކައިގެން އުޅޭ ބައެއްކަން ދެއްކުމަށްކަމަށް މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.
ސައިފު މިފަދައިން ވިދާޅުވެފައިވަނީ މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް އަންނަ މަހު ފަށަން ތައްޔާރުވަމުން ދަނިކޮށް ސަރުކާރުގެ ފަރާތުން މިނީ ބަހުގެ ޚިދުމަތް ދޭން ފަށާނެކަން އިއުލާނުކޮށް ކައުންސިލްގެ ހުއްދަ ނެތި ވިލިމާލެއަށް އެ ބަސްތައް އެރުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
"ނ. އަތޮޅުގެ ހަ ރަށް ކުއްޔަށް ދީފި، ކައުންސިލާ ވާ ބެހޭވެސް ކަމެއް ނޫން، ށ. އަތޮޅުގެ ރައީސް އާދޭސް ކުރައްވަނީ އެރަށްރަށުގެ މީހުންނާ ޖާމިނު ނުކޮށް ހުރި ރައްތައް ދެއްވަހަރޭ. އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވާށޭ، އެގޮތެއްވެސް ރަނގަޅެއް ނުވި، ވ. އަތޮޅުގައިވެސް ދެ ރަށް ދޫކޮށްފައި އެތަނުގައި ދޫކުރި މަސައްކަތެއް ނުހިނގާ، އެތަނުގެ ތިމާވެއްޓަށްވެސް ގެއްލުންވާ އެތައް ގޮތަކަށް އަމަލުކުރެވި އެތަން ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން. އެހެންނަމަވެސް ވަތްކެއްވެސް ނުކޮށްދެއްވި" ސައިފު ވިދާޅުވިއެވެ.
"ތިމާ ކޮށްދިނީމައި، އަހަންނޭ މި ކޮށްދެނީ އެހެން މީހަކަށް ކަމެއް ނުކޮށްދެވޭނެ އިނގޭއޭ އަދި ލާމަރުކަޒީ ގާނޫނުގައި ކޮންމެ އެއްޗެއް ލިޔެފައި އޮތްކަމުގައިވިޔަސް އަހަރެން ދިނިއްޔާތާއޭ ވާނީ، އެގޮތް ދެއްކެވުމުގެ ގޮތުން އަޅުވެތިކުރުމުގެ ގޮތުން އަޅުދާސްކުރުމުގެ ގޮތުން ރާއްވައވައިގެން ހިންގަވާ ކަންތައްތަކެއް" ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސައިފު ވިދާޅުވިއެވެ.