Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ވަޒީރު މުނައްވަރު

މުނައްވަރު ވިދާޅުވެދެއްވަނީ ޑޮލަރުގެ އަގު މަތިވުމަށްފަހު ދަށްނުވި ސަބަބު

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 17 ރުފިޔާއަށްވުރެ ދަށްނުވެ ހުންނަ ސަބަބު ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވެދެއްވައިފިއެވެ.

ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި ރާއްޖޭގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް ބޮޑުވުމަށްފަހު ޑޮލަރުގެ އަގު ރަސްމީ އަގާ އެއްވަރަށް ތިރިނުވެއެވެ. އެންމެ ތިރިވިޔަސް ތިރިވަނީ 17 ރުފިޔާއާ ހަމައަށެވެ. ނަތީޖާއެއްގެ ގޮތުން ވިޔަފާރިވެރިން މުދާ އެތެރެކުރަން ކުރަންޖެހޭ ހޭދަ ބޮޑުވެ ތަކެތީގެ އަގުތައް އަންނަނީ ބޮޑުވަމުންނެވެ.

މިކަމާ ގުޅިގެން ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި މުނައްވަރު ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅަށް ހިނގައި ބޭރު ފައިސާގެ އާމްދަނީ އިތުރުވި ނަމަވެސް އެމްއެމްއޭއިން ސަރުކާރުން އެދިގެން 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރުމަކީ ރުފިޔާގެ އަގު ވެއްޓި ޑޮލަރުގެ އަގު ބޮޑުވާން މެދުވެރިވާ ސަބަބު ކަމަށެވެ.

މަރުކަޒީ ބޭންކުން ފައިސާ ޗާޕުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭންކުތަކުގައި އިތުރު ފައިސާގެ ގޮތުގައި ހަ ބިލިއަނެއްހައި ރުފިޔާ އެބަހުރި ކަމަށާއި، އެ ފައިސާއަކީ ރާއްޖޭގެ ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓަށް ވަރަށް ބޮޑަށް އަސަރުކުރުވާ ކަމެއްކަމަށް މުނައްވަރު ވިދާޅުވިއެވެ.

އޭގެ އިތުރަށް މުނައްވަރު ފާހަގަކުރެއްވީ އަވަހަށް ފަސޭހައިން ފައިސާއަށް ބަދަލުކުރެވޭ ގޮތަށް ހުރި އެސެޓުތަކުގެ އަދަދާއި، ބޭނުންވާ ވަގުތެއްގައި އެކްސްޗޭންޖުކުރެވޭ ގޮތަށް ހުރި ބޭރު ފައިސާގެ އަދަދުވެސް މަދުވަމުންދާ ދިއުމަކީ ޑޮލަރުގެ އަގަށް ޕްރެޝަރު އިތުރުވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު މުނައްވަރު ފާހަގަކުރެއްވީ ދިވެހި ރުފިޔާގެ އެކްސްޗޭންޖު ރޭޓަށް އޮތް އިތުބާރުވެސް ކުޑަވެފައިވާ ކަމަށެވެ.

މި ހާލަތުން އަރައިގަތުމަށް ކުރެވޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އެމްއެމްއޭއިން އަނބުރާ އޮޕެން މާކެޓު އޮޕަރޭޝަންތައް ފެށުމެވެ. އޮޕަން މާކެޓު އޮޕަރޭޝަންތަކަކީ ބޭންކުތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުތަކުން ތަންފީޒުކުރާ ސިޔާސަތުތަކެކެވެ.

އޯޕަން މާކެޓް އޮޕަރޭޝަންތައް އެމްއެމްއޭއިން ހިންގުން ފިޔަވައި ދެން އޮތް ޚިޔާރެއްގެ ގޮތުގައި މުނައްވަރު ފާހަގަކުރައްވާފައިވަނީ ރަސްމީކޮށް ރާއްޖޭގެ އެކްސްޗޭންޖު ރޭޓަށް ބަދަލުގެނައުން ކަމަށް މުނައްވަރު ވިދާޅުވިއެވެ.

ޑޮލަރުގެ އަގު ބޮޑުވެފައިވުމުގެ ޝަކުވާ ކުރަމުން އަންނައިރު މަރުކަޒީ ބޭންކުން ބޭންކުތައް ޑޮލަރު ދޫކުރާ މިންވަރުވެސްވަނީ މަދުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ޑޮލަރު ދޫކުރުމުގައި ބޭންކުތަކުން ހިފަހެއްޓުންތަކެއް ތަންފީޒުކުރަން މަޖުބޫރުވެފައިވެއެވެ.

އިމްޕޯޓަށް ބަރޯސާވާ ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އަގުހެޔޮނުވެ ދިގުލައިގެން ދިޔަ ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ރާއްޖޭގެ އިޤުތިޞާދު ދުޅަހެޔޮކަމަށެވެ. އަދި ކޮވިޑުގެ ކުރިން އޮތް ހާލަތަށް އިޤުތިޞާދު ރުޖޫއަވެފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ