Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިފާޢީ ވުޒާރާ

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކާތީ ބައެއް ސިފައިންގެ ޕްރޮމޯޝަން ހިފަހައްޓައިފި

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ސިފައިންގެ މީހުންގެ ތެރެއިން ކުލި ނުދައްކާ ބައެއް ސިފައިންގެ ޕްރޮމޯޝަން ހިފަހައްޓައިފިއެވެ.

ކުލި ނުދައްކާ ބައެއް ސިފައިންގެ ޕްރޮމޯޝަން ހިފަހައްޓާފައިމިވަނީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ސިފައިންގެ މީހުންގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްއެންޑީއެފުން ދީފައިވަނިކޮށެވެ.

އިތުބާރު ހުރި ފަރާތަކުން "ދިޔަރެސް"އަށް މައުލޫމާތު ދިންގޮތުގައި ކުލި ނުދައްކާ ބައެއް ފަރާތްތަކަށް މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން ކުލި ނުދައްކާ މީހުންގެ ޕްރޮމޯޝަންތައް މިހާރު ހިފަހައްޓާފައިވާއިރު އެމީހުންނަށް ޕްރޮމޯޝަން ދެން ލިބެނީ ކުލި ދެއްކި ދުވަހަކުންކަން އަންގާފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އޭގެއިތުރަށް އެމްއެންޑީއެފްގެ ވެލްފެއާއިން ސިފައިންނަށްދޭ ގިނަ އެހީތައްވެސް ކުލި ނުދައްކާ ސިފައިންނަށް ކަނޑާލާފައިވާކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފަލެޓުގައި މިހާރު ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން 2,678 ފުލެޓުން ފާއިތުވި ތިން މަހުގެ ކުލި ދައްކާފައި ނުވާކަމަށް އެޗްޑީސީން މި މަހު ކުރީކޮޅު ވަނީ ބުނެފައެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގައި އުޅޭ ސިފައިންގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ މީހުންގެ ލިސްޓެއް އެޗްޑީސީން ވަނީ އެމްއެންޑީއޭފްއާ ހިއްސާކޮށްފައެވެ.

އެމްއެންޑީއެފުން ވަނީ އެ ސިފައިން ހާޒިރުކޮށް ކުލި ނުދައްކާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މީގެކުރިން ދީފައެވެ. ކުލި ނުދައްކައިގެން ބައެއް ސިފައިންގެ ޕްރޮމޯޝަން މިހާރު ހިފަހައްޓާފައިވާއިރު ކުލި ނުދައްކާނަމަ ޕްރޮމޯޝަން ލިބުން ފަދަ ކަންކަމަށް އޭގެ ސަބަބުން އަސަރު ކުރާނެ ކަމަށް އޭރު އެ ސިފައިންނަށް އަންގާފައިވާކަމަށްވެސް މި ނޫހަށް މައުލޫމާތު ދިން ފަރާތުން ކުރިން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ ފްލެޓުތަކުން ކުލީގެ ގޮތުގައި ނެގުމަށް އޭރު ނިންމާފައި އޮތީ މެއިންޓެނެންސް ފީއާ އެކު 6،500ރ. އެވެ. އެކަމަކު މި ސަރުކާރު އައުމަށްފަހު ފަހުން ފްލެޓުތަކުގެ ކުލި ބޮޑުކުރީއެވެ.

އެގޮތުން ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި 7،500 ރުފިޔާ ކަނޑައަޅާފައިވާއިރު ސާވިސް ނުވަތަ މެއިންޓެނެންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ޖުމްލަ 8،500 ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ. ފްލެޓު ލިބުނު ފަރާތްތަކުން އެ ކުލި ނެގުމާ ދެކޮޅަށް މީގެ ކުރިން އެތައް ފަހަރު މުޒާހަރާ ވެސް ކުރިއެވެ.

މި ލިއުމާއި ގުޅޭ