Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނިއު ޒީލެންޑު

ނިއުޒިލޭންޑުގެ ބޮޑުވަޒީރުކަމުން ޖަސިންޑާ އާޑާން އިސްތިއުފާދެއްވައިފި

ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާދެއްވައި މި އަހަރުގެ އޮކްޓޯބަރު މަހުގައި އާންމު އިންތިޚާބަކަށް މަގު ހުޅުވައިލައްވައިފިއެވެ.

އޭނާގެ ޕާޓީގެ އަހަރީ ކޯކަސްގައި ބުރާސްފަތިދުވަހު ވާހަކަދައްކަވަމުން ޖަސިންޑާ ވިދާޅުވީ ބޮޑުވަޒީރުގެ މަސައްކަތްކުރެއްވުމަށް ބޭނުންވާ ހަކަތަ މިހާރު އޭނާ ކިބައިގައި ނެތް ކަމަށެވެ. އަދި މިއީ އޭނާ ފެއަށް ޖެހިވަޑައިގަންނަވަންވީ ވަގުތުކަމަށެވެ.

"އަޅުގަނޑު ދުރުވަނީ މިފަދަ ޝަރަފުވެރި މަޤާމަކީ ޒިންމާތަކާއެކު އަންނަ މަޤާމަކަށްވާތީ. އެ އެ ޒިންމާއަކީ ތިމަންނާއަށް އިސްވެރިއެއްގެ ދައުރު އަދާކުރެވޭނެ ވަގުތާއި އަދާނުކުރެވޭނެ ވަގުތު އެނގުމުގެ ޒިންމާ. މި މަސައްކަތަށް ބޭނުންވަނީ ކިހައި ހަކަތައެއްކަން އަޅުގަނޑަށް އެނގޭ. އަދި އެ ހަކަތަ އަޅުގަނޑު ކިބައިގައި ނެތްކަންވެސް އެނގޭ،" ޖަސިންޑާ ވިދާޅުވިއެވެ.

އެއާއެކު ޖަސިންޑާގެ ބޮޑުވަޒީރުކަމުގެ ދައުރު 7 ފެބްރުއަރީގެ ކުރިން ނިމުމަކަށް އަންނާނެއެވެ. ނަމަވެސް އަހަރުގެ ފަހުކޮޅުގައި އޮންނަ އާންމު އިންތިޚާބާ ޖެހެންދެން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނަވާނެއެވެ.

"އަޅުގަނޑަކީ އިންސާނެއް، ސިޔާސީންނަކީ އިންސާނުން. އަހަރުމެންނަށް ކުރެވެން ހުރި މަސައްކަތެއް ކުރެވެން އޮތް އެންމެ ދިގު މުއްދަތަކަށް ކުރަނީ. އެއަށްފަހު އަންނާނީ [ހުއްޓައިލަންޖެހޭ] ވަގުތު. މިއީ އަޅުގަނޑަށް އެ ވަގުތު،" ޖަސިންޑާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޮޑުވަޒީރުކަމުގެ މަސައްކަތަށް ބޭނުންވާ ހަކަތަ އޭނާގެ ކިބައިގައި ހުރިތޯ ފުންކޮށް ވިސްނެވުމަށްފަހު އެ ހަކަތަ ނެތްކަމަށް ނިންމެވީ ކަމަށެވެ.

ޖަސިންޑާއަކީ 2017 ވަނަ އަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިއިރު ދުނިޔޭގެ އެންމެ ޒުވާން އަންހެން ލީޑަރެވެ. އެއިރު އޭނާގެ އުމުރުފުޅަކީ 37 އަހަރެވެ. ކޮވިޑުގެ އާލަމީ ވަބާއާއި ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ނިރުބަވެރި ހަމަލާއާއި އަލިފާން ފަރުބަދައެއް ގޮވުމުގެ ނުރައްކަލުގެ ތެރެއިން ނިއުޒިލޭންޑު ނެރެދެއްވި ލީޑަރަކީ ޖަސިންޑާއެވެ.

ޖަސިންޑާ ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަން ނިއުޒިލޭންޑުގެ ރައްޔިތުންގެ ހަދާނުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވަނީ އޯގާތެރިވެވޭތޯ އަބަދުވެސް މަސައްކަތްކުރި ވެރިކަމެއްގެ ގޮތުގައެވެ.

ޖަސިންޑާ އިސްތިއުފާދެއްވިއިރު އޭނާގެ ނައިބު އަދި ފިނޭންސް މިނިސްޓަރު ގްރާންޓް ރޮބާޓްސަންވަނީ ބޮޑުވަޒީރުކަމަށް ކުރިމަތިނުލައްވާނެކަން ބަޔާނެއް މެދުވެރިކުރައްވައި އިއުލާނުކުރައްވާފައެވެ. އެހެންކަމުން ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ނިއުޒިލޭންޑުގެ ލޭބާ ޕާޓީން އައު ބޮޑުވަޒީރެއް އިޚުތިޔާރުކުރަން ޖެހޭނެއެވެ.

އެގޮތުން ޖަނަވަރީ 22 ވަނަ ދުވަހުގައި ލޭބާ ޕާޓީގެ ކޯކަސްއިން އެ ޕާޓީގެ އައު ލީޑަރު އިންތިޚާބުކުރުން އޮންނާނެއެވެ. ލީޑަރުކަމަށްވާން ބޭނުންވާ ތާއީދު އެއްވެސް ކެނޑިޑޭޓަކަށް ނުލިބިއްޖެނަމަ ޕާޓީގެ އާންމު މެންބަރުންގެ ވޯޓުން ލީޑަރަކު އިންތިޚާބުކުރަންޖެހޭނެއެވެ.

މި ލިއުމާއި ގުޅޭ