ބުރާސްފަތި ދުވަހުގަ ސައުދީގެ ވެރިރަށް ރިޔާދުގައި ބާއްވަން ހަމަޖެހިފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލަޔޮނެލް މެސީ ހިމެނޭ ޓީމުތައް ވާދަކުރާ މެޗުގެ ޓިކެޓެއް، ސައުދީގެ ރިއަލް އެސްޓޭޓް ވިޔަފާރިވެރިއެއް ކަމަށްވާ މުޝްރެފް އަލް-ގަމްދީ 2.6 މިލިއަން ޑޮލަރަށް (10 މިލިއަން ސައުދީ ރިޔާލް) ގަނެފިއެވެ.
މެސީ ހިމެނޭހެން ޕެރިސް ސެއިންޓް-ޖާމެއިން ވާދަކުރާނީ، ރޮނާލްޑޯ އެންމެ ފަހުން ގުޅުނު ޓީމު ކަމަށްވާ އަލް-ނަސްރު އަދި ސައުދީގެ އެހެން ޓީމެއްކަމަށްވާ އަލް-ހިލާލް، މި ދެ ޓީމުގެ ފާހަގަކޮށްލެވޭ ކުޅުންތެރިން ހިމެނޭހެން އެކުލަވާލައިފާ ހާއްސަ ޓިމާކާއިއެވެ.
މި މެޗު އިސްތިހާރު ކުރުމުގެ މަގުސަދުގައި، ސައުދީ އަރަބިއްޔާގެ އާންމު މުނިފޫހިފިލުވުމުގެ އިދާރާގެ އިސްވެރިޔާ އަދި ރަސްމީ ކޯޓުގެ އެޑްވައިޒަރެއް ކަމަށްވާ ތުރުކީ އަލް-ޝެއިޙް ވަނީ ހާއްސަ ޓިކެޓެއް ވިއްކަން ސަދަގާތުގެ ބީލަމެއް އިއުލާންކޮށްފައެވެ. މި ޓިކެޓުން ލިބޭ އިތުރު ފައިދާ ތަކުގެ ތެރޭގައި ކުޅުންތެރިންނާއި އެކު ފޮޓޯ ނެގުމުގެ ފުރުސަތާއި އަދި، ކުޅުންތެރިންނާއި ބައްދަލުކޮށްލަން އެމީހުންގެ ލޮކާ ރޫމްތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ހިމެނެއެވެ.
1 މިލިއަން ސައުދީ ރިޔާލުން (266،000 ޑޮލަރު) ފެށުނު ބީލަން މަތިވަމުންވަމުން ގޮސް އެންމެ ފަހު ވަގުތު ވިކުނީ ހައިރާންކުރަނިވި 10 މިލިއަން (2.6މިލިއަން ޑޮލަރު) ރިޔާލަށެވެ. ބީލަމުން ލިބުން ލާރި ލިބެން ހަމަޖެހިފައިވަނީ އެހްސާން ކިޔާ ގައުމީ ސަދަގާތުގެ ކެމްޕެއިނަކަށެވެ.
ރޮނާލްޑޯ އަދި މެސީގެ އިތުރުން އެ މެޗުގައި، ފްރާންސްގެ ސްޓްރައިކަރު ކީލިއަން އެމްބައްޕޭ އަދި އަޝްރަފް ހަކީމީ ހިމެނެއެވެ. ހަކީމީވަނީ މިދިޔަ އަހަރުގައި ބެލުންތެރިން އަންތަރީސްކުރަނިވި ކުޅުމެއް ދައްކާ، ފުރަތަމަ ފަހަރަށް އަރަބް-އެފްރިކާ ގައުމެއް ވޯލްޑް ކަޕްގެ ސެމީފައިނަލާއި ހަމައަށް ގެންގޮސްދިނުމަށް މަގުފަހިކޮށްދީފައެވެ.
މި މެޗުވެގެންދާނީ އަލް-ނަސްރުއާއި ރޮނާލްޑޯ ގުޅުނު ފަހުން ސައުދީގައި އޭނާ ކުޅޭ ފުރަތަމަ މެޗަށެވެ.
ބޭރުގެ މީޑިއާއިން ބުނާގޮތުގައި، އަލް-ނަސްރުއަށް ރޮނާލްޑޯގެންދިޔައީ 200 މިލިއަން ޔޫރޯ (214 މިލިއަން ޑޮލަރު)އަށް ކަމަށާއި އަދި، އެނާ ސޮއިކުރި އެއްބަސްވުން ހަމަވާނީ 2025ގައި ކަމަށެވެ.