ޔުކްރެއިންގެ ވެރިރަށް ކީވް ކައިރީގައި އޮންނަ ބްރޯވަރީ އަވަށުގައި އިންނަ ނާސަރީއެއް ކައިރިއަށް އިމަޖެންސީ ސާވިސަސްގެ ހެލިކަޕްޓަރެއް ވެއްޓި، އެ ގައުމުގެ އިންޓީރިއާ މިނިސްޓަރ ހިމެނޭހެން 16 މީހަކު މަރުވެއްޖެއެވެ.
ޔުކްރެއިންގެ ގައުމީ ފުލުހުންގެ އިސްވެރިޔާ، އިގޯރް ކްލިމެންކޯ އެ ކާރިސާގެ ތަފްސީލް ހިއްސާކުރައްވަމުން ވިދާޅުވީ، މަރުވި މީހުންގެ ތެރޭގައި 2 ކުޑަކުދިންނާއި، އިންޓީރިއާ މިނިސްޓަރ ޑެނިސް މޮނަސްޓައިރިސްކީއާއި، އަދި އިންޓީރިއާ މިނިސްޓްރީގެ އިތުރު އިސް އޮފިޝަލުންވެސް ހިމެނޭކަމަށެވެ. އޭގެ ތެރޭގައި އިންޓީރިއާ މިނިސްޓަރުގެ ޑެޕިއުޓީ ޔެވްހެނީ ޔެނިންވެސް ހިމެނެއެވެ. މީގެ އިތުރުން އިންޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް ސެކްރެޓެރީ، ޔޫރީ ލުބްކޮވިޗްވެސް މަރުވިކަމަށް، އިގޯރް ވިދާޅުވިއެވެ. ވެއްޓުނު އިމަޖެންސީ ސާވިސަސްގެ ހެލިކަޕްޓަރުގައި ތިބި 9 މީހުންގެ ތެރެއިން އެކަކުވެސް ސަލާމަތެއް ނުވެއެވެ.
އެ ކާރިސާ ދިމާވާން ކުރިމަތިވެދާނެ ސަބަބުތަކުގެ މަޝްވަރާ ކުރަމުން ޒަލްމަޔެވް ބުނީ، ހެލިކަޕްޓަރު ޕައިލެޓައް އެ ދުއްވާ ސަރަހައްދުތަކުގައި ދުއްވުމަށް ހުރަސްއަޅާ ތަންތަނާއި އެއްޗިހި ރަނގަޅަށް އިނގޭނެކަމާއި، އަދި މޫސުން ގޯސް ދުވަސްތަކުގައިވެސް އެ މީހުންނަށް އެ ތަންތަނުގައި ރަނގަޅަށް ދުއްވޭނެކަމަށް ބުންޏެވެ.