މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމުގެ އާއިލީ ވިޔަފާރިކަމަށްވާ ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީގެ ވޭނެއްގައި ބަނގުރާ އުފުލަނިކޮށް އަތުލައިގަނެ ހައްޔަރުކުރި ބިދޭސީ މީހާގެ މައްޗަށް ދައުވާނުކޮށް ޑީޕޯޓުކޮށްލައިފިއެވެ.
ބަނގުރާ އުފުލަނިކޮށް އަތުލައިގަންނަ ބިދޭސީންގެ މައްޗަށް އާންމުކޮށް ދައުވާކުރެއެވެ. އެފަދަ އެތައް މައްސަލައެއް މިހާރުވެސް ކުރިމިނަލް ކޯޓުގައި ހިނގަމުން އެބަދެއެވެ. މި މައްސަލާގައި ދައުވާނުކުރި ސަބަބެއް ނޭނގެއެވެ.
ފާއިތުވި ހަފުތާގެ ބުދަދުވަހު ހުޅުމާލެއިން ފުލުހުންނަށް ޝައްކުކުރެވިގެން އާރުސީސީގެ ވޭނެއް ހުއްޓުވައި ބަލައިފާސްކުރިއިރު އެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ފެނިފައިވެއެވެ. އެތަކެތި އަތުލައިގަތް މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި ދައުރުކުރިއެވެ.
އެ މައްސަލައާ ގުޅިގެން ވޭން ދުއްވަން އިން މީހާ ފުލުހުން ހައްޔަރުކޮށް ބަންދުކުރިއެވެ.
އެ ދުވަހު ކުރެއްވި ޓުވީޓެއްގައި ނާޒިމް ވިދާޅުވީ އެ މައްސަލަ ބަލައި އާރުސީސީން އިތުރު ތަފުސީލު ހިމެނޭ ބަޔާނެއް ނެރޭނެ ކަމަށެވެ. ނަމަވެސް އެފަހުން އެ ވިދާޅުވި ބަޔާނެއް އެ ކުންފުނިން ނެރެފައިނުވެއެވެ.
މިއަދު އެ ކުންފުނިން ކުރި ޓުވީޓެއްގައި އާރުސީސީން ބުނީ އެ މައްސަލަ ތަހުގީގުކުރުމަށްފަހު އެ މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ ޑީޕޯޓުކޮށްފައިވާ ކަމަށެވެ. ނާޒިމު އެދުވަހު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ޤާނޫނާ ޚިލާފު ކަންކަން ކުރުމަށް އެ ކުންފުނިން ހިތްވަރުނުދޭކަމަށާއި، އެފަދަ ކަންކަން ތަހައްމަލުނުކުރާނެ ކަމަށެވެ.
މި މައްސަލާގައި ދައުވާނުކޮށް ހައްޔަރުކުރި މީހާ ޑީޕޯޓުކޮށްލި ސަބަބެއް މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަނުކުރެއެވެ.