Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އިބްރާހީމް

ދައުރުން ބާކީ އޮތީ 9 މަސް، ރައީސް ވިދާޅުވަނީ ދައުރު ތެރޭ އެތައް ރަށެއްގެ ބިން ހިއްކަވާނެކަމަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ދައުރު ނިމެން 9 ވަރަކަށް މަހަށް ވެފައިވަނިކޮށް ދައުރު ނިމުމުގެ ކުރިން އެތައް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިންމަވައިލެއްވުމަށް އަމާޒު ހިއްޕަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިފަދައިން ރައީސް އިބްރާހީމް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދިއްދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ދެއްވި ތަޤުރީރުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިއްދޫ ހިމެނޭހެން ގިނަ އަދަދެއްގެ ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ބޭރު ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"ބިން ހިއްކުން އަޅުގަނޑުމެން ވައުދުވީ ރަށްތަކުގެ ތެރެއިން ނުނިމިހުރި ރަށްރަށް އެއްކޮށް ހިއްކުމަށްޓަކައި ބޭރުގެ ކުންފުންޏަކާއެކު މިގެންދަނީ މަޝްވަރާކުރަމުން. އަޅުގަނޑުގެ ވިސްނުމަކީ މިހުރިހާ ރަށެއްގެ ބިންހިއްކުން ވަކިބަޔަކާ ހަވާލުކޮށް އެގްރިމެންޓުކޮށް އެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމުން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މި ސަރުކާރުން ވައުދުވެފައިވާ ގިނަ މަޝްރޫޢުތަކެއް މި ދައުރުގައި ނިމޭނެ ކަމަށެވެ. ނަމަވެސް އެއިން ވަރަށް ގިނަ މަސައްކަތް ކަނޑައެޅިފައިވާ މުހުލަތަށް ނުނިމި ލަސްވަމުންދާކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

އެގޮތުން ރައީސާ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ ރައީސް އިބްރާހީމުގެ ސަރުކާރަކީ ރޭވުންތެރިކަމެއް ނެތް ސަރުކާރެއް ކަމަށެވެ. ވަސީލަތްތަކާއި ކުންފުނިތަކާއި މަސައްކަތަށް ބޭނުންވާ ސާމާނު ހުރި މިންވަރަށް ރިއާޔަތްނުކޮށް މަސައްކަތްތައް ފަށަމުން ދިއުމުގެ ސަބަބުން ގިނަ މަސައްކަތްތައް މަޑުޖެހި ލަސްވަމުންދާ ކަމަށެވެ.

އަދި ނަޝީދުގެ ކެމްޕެއިން ޓީމުންވަނީ "އަންނަނީ"ގެ ނަމުގައި ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކާއި ނިންމާފައިވާ މަޝްރޫޢުތަކުގެ ތަފުސީލުތައް ފެންނާނެ ވެބްސައިޓެއް އިފުތިތާހުކޮށްފައެވެ. އެ ވެބްސައިޓަކީ ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތަފުސީލުތައް ޝާއިއުކުރާ އައިލްސް ވެބްސައިޓުގެ މައުލޫމާތުތައް ނެގުމަށްފަހު އާންމުކުރާ ވެބްސައިޓެކެވެ.

"އަންނަނީ" ވެބްސައިޓުން ފެންނަ ގޮތުގައި ސަރުކާރުން ހިންގަން ވައުދުވި މަޝްރޫއުތަކުގެ ތެރެއިން 77 އިންސައްތަ މަޝްރޫޢު އަދި ނުފެށޭކަމަށެވެ. އެ މަޝްރޫޢުތައް ހުރީ "އަންނަނީ"ގެ މަރުހަލާގައިކަމަށް އެ ވެބްސައިޓުގައި ސިފަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ