Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވަލްޑަމިއަރު ޕުޓިން

ރަޝިޔާއިން ތެޔޮ އުފައްދާ މިންވަރު 2022 ވަނަ އަހަރު %2 އިތުރުކޮށްފިން: ޕުޓިން

ފާއިތުވި 2022 ވަނަ އަހަރުގައި ރަޝިޔާއިން 535 މިލިއަން ޓަނުގެ ތެޔޮ އުފައްދައި އެ ޤައުމުން ތެޔޮ އުފައްދާ މިންވަރު %2 އަށް އިތުރުވެފައިވާކަމަށް ރަޝިޔާގެ ރައީސް ވަލްޑަމިއަރް ޕުޓިން ވިދާޅުވެއްޖެއެވެ.

ސަރުކާރު ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައި ޕުޓިން ވިދާޅުވީ ތަބީއީ ގޭސް އުފެއްދި މިންވަރު 11.8 އިންސައްތައިން ދަށްވި ނަމަވެސް ބައިނަލްއަޤުވާމީ ބާޒާރުގައި ގޭހުގެ އަގު ބޮޑުވުމުގެ ސަބަބުން ގޭސް ބޭރުކުރާ ފަރާތްތަކަށް ފައިދާވެފައިވާ ކަމަށެވެ.

އިތުރަށް ޕުޓިން ފާހަގަކުރެއްވީ ފާއިތުވި އަހަރު ރަޝިޔާ ސަރުކާރުގެ އާމްދަނީ 10 އިންސައްތައިން އިތުރުވެ 27.8 ޓްރިލިއަން ރޫބަލްސް ނުވަތައ 404.7 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ.

"[އާމްދަނީ އިތުރުވި] ނަމަވެސް ސަރުކާރުގެ ޚަރަދުތައްވެސް ވަރަށް ހަލުއިކޮށް އިތުރުވެ 31 ޓްރިލިއަން ރޫބަލްސް (451.4 ބިލިއަން ޑޮލަރަށް) އަރާފައިވޭ. ނަތީޖާއެއްގެ ގޮތުން ބަޖެޓު ޑެފިސިޓުވަނީ 3.3 ޓްރިލިއަން ރޫބަލްސް [48.1 ބިލިއަން ޑޮލަރު] އަށް އަރާފައި. އެއީ ޤައުމީ އުފެއްދުންތެރިކަމުގެ 2.3 އިންސައްތަ،" ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވިދާޅުވި ގޮތުގައި އަހަރު ނިމުނުއިރު ރަޝިޔާގެ އިންފުލޭޝަން ހުރީ 11.9 އިންސައްތައިގައެވެ. އެއީ އެ ޤައުމުގެ މަރުކަޒީ ބޭންކުން އިންފުލޭޝަން ހުންނާނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ މަތީ މިންވަރެކެވެ.

އިންފުލޭޝަން ހަންމަތަކުރުމަކީ ރަޝިޔާގެ މާލީ ސިޔާސަތު އެކަށައަޅާ ފަރާތްތަކުން އިސްކަންދޭންޖެހޭނެ ކަމެއްކަމަށް ޕުޓިން ވިދާޅުވިއެވެ. އެއީ އިންފުލޭޝަނުގެ ސަބަބުން ސީދާ ރައްޔިތުންނަށް އަސަރުކުރާތީއާއި އިންވެސްޓުމެންޓުތަކަށް އިންފުލޭޝަން މަތިވުމުގެ ތުރާ ކުރިމަތިވާތީކަމަށް ޕުޓިން ވިދާޅުވިއެވެ.

އަދި ބަޖެޓު ޑެފިސިޓު ކައިރިން ބަލައި އާންމު މާލިއްޔަތުގެ ހާލަތު ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފަހައްޓައިދިނުމަށް ސަރުކާރުގެ މަސްއޫލުވެރިންނަށް ޕުޓިން އިރުޝާދުދެއްވިއެވެ.

ޕުޓިން ފާހަގަކުރެއްވި ގޮތުގައި ފާއިތުވި އަހަރު ރަޝިޔާގެ އަސްކަރީ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރިއެވެ. އެ ސިނާއަތް ކުރިއަރައި ފުޅާވަމުންދާއިރު އެއިން އެހެން ސިނާއަތްތައް ތަރައްޤީވުމަށް އެހީތެރިކަން ލިބޭކަން ޕުޓިން ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ