Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަޙްމަދު މޫސާ

އުއްޗު ރައީސް ނަޝީދު އެންޑޯޒް ކުރެއްވީތަ؟

ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްދޫ ރިސޯޓަށް ވަޑައިގެންނެވުމުން ރާއްޖޭގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ މުޙައްމަދު މޫސާވަނީ އާދަޔާ ޚިލާފު ހޫނު މަރުހަބާއެއް އެމަނިކުފާނަށް ވިދާޅުވެފައެވެ.

އުއްޗުއަކީ އާންމުކޮށް ހުރިހާ ސިޔާސީ ލީޑަރުންނާވެސް ގުޅުން ރަނގަޅު ބޭފުޅެއް ނަމަވެސް އޭނާ ދިރިއުޅުއްވާ ކުރެއްދޫ ރިސޯޓަށް ވަޑައިގަތުމުން މިހާތަނަށް އެއްވެސް ލީޑަރަކަށް މިއަދު ނަޝީދަށް ވިދާޅުވި ފަދަ މަރުހަބާއެއް ވިދާޅުވެފައިނުވެއެވެ. އޭނާ ނަޝީދާއެކު ހޭދަކުރެއްވި ވަގުތުތަކުގެ ފޮޓޯތައް މީސްމީޑިއާގައި އާންމުވެފައިވާއިރު، އެ ފޮޓޯތަކުން ފެންނަ މަންޒަރަށް ބަލާއިރު ނަޝީދާއި އުއްޗުގެ ގުޅުން ވަރަށް ރަނގަޅުކަމަށް ބެލެވެއެވެ.

ނަޝީދު ވަޑައިގަތުމުން އެ ރަށުގެ ފާލަންމަތީ މަރުހަބާ ވިދާޅުވާން އުއްޗު ހުންނެވިއެވެ. ނަޝީދުގެ ކަނދުރާކޮޅުގައި މާފަތި އަޅުވައި ފަރިއްކޮޅެއް އެމަނިކުފާނުގެ ޝަރަފުގައި ބާއްވަވައި އަދި ނަޝީދާއެކު ބަގީ ދުއްވަވައިލެއްވި މަންޒަރު މިހާރު އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ.

ފެންނަނީ ސަރުކާރާމެދު އުއްޗުގެ ނުރުހުން

ވާދަވެރި ރިޔާސީ ޕްރައިމަރީއެއްގެ ތެރެއިން ރައީސް ނަޝީދަށް އުއްޗު މިފަދަ ހޫނު މަރުހަބާއެއް ވިދާޅުވެ، އެހާ ބޮޑު ގާތްކަމެއް ބެހެއްޓެވުމަކީ ސަރުކާރާމެދު އޭނާ ހިތްޕުޅު ހަމަޖެހިވަޑައިނުގަތުންކަމަށް ބެލެވިދާނެއެވެ. އުއްޗުގެ މި އާދަޔާ ޚިލާފު މެހެމާންދާރީން މިދެންނެވި މާނަ ދޭހަވާ ސަބަބުތަކެއް އެބަހުއްޓެވެ.

އެންމެ ފުރަތަމަ ސަބަބަކީ އުއްޗުގެ ނުފޫޒު އޮންނަ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އިން ސަރުކާރަށް ދިން ލަފާ އަޑު ނޭހުމެވެ. ފަތުރުވެރިން އަތުން ނަގާ ޓެކުސް ކުއްލިއަކަށް އެކަށީގެންވާ މުއްދަތެއް ނުދީ ބޮޑުކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު މުޅި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ ކަމެއްކަމަށް މަޓީން ތަކުރާރުކޮށް ބުނި ނަމަވެސް އެ އަޑެއް ސަރުކާރުން ނުއެހިއެވެ.

މަޖިލީހަށް ޓެކުސް ބޮޑުކުރާ ބިލު ހުށަހެޅުމަށްފަހު މަޖިލީހުގައި ތިއްބެވި ރައީސް ޞާލިޙަށް ވަފާތެރި މެންބަރުން މަސައްކަތްކުރެއްވީ މަޓީއާއި މަޓާޓޯ ފަދަ ޖަމްއިއްޔާތަކުގެ އަޑު އެހުމެއް ނެތި ޓެކުސް ބިލް އަވަސްއަވަހަށް ފާސްކުރާށެވެ. އެކަމަށް ހުރަސްއެޅުއްވީ ނަޝީދެވެ. ރައީސް ނަޝީދު ގަދަކަމުން ކަހަލަ ގޮތަކަށް މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީއަށް މަޓީއާއި މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުގެ ބޭފުޅުން ގެންނަވައި ޓެކުސް ބޮޑުކުރުމާމެދު އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަށް ފުރުސަތު ދެއްވިއެވެ.

އެ ދުވަހުވެސް މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން އެދުނީ ޓެކުސް ބޮޑުކުރުން ފަސްކޮށްދިނުމަށެވެ. ނަމަވެސް އެއިން އެއްވެސް ޖަމްއިއްޔާއަކަށް ސަރުކާރުން އިޖާބައެއް ނުދިނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަފާދާރު މެންބަރުންގެ އަޣުލަބިއްޔަތުން ޓެކުސް ބޮޑުކުރަން ފާސްކުރީއެވެ.

ބޭރު ޤައުމުތަކުގައިވެސް ވިޔަފާރިވެރިން އެންޑޯސްކުރައްވާ ގޮތް

އާންމުކޮށް ބޮޑެތި ވިޔަފާރިވެރިން ވަކި ކެނޑިޑޭޓަކަށް ތާއީދުކުރައްވާ ވާހަކަ ވިދާޅުނުވެއެވެ. ވިޔަފާރިވެރިން އިޚުތިޔާރުކުރައްވަނީ އެއަށްވުރެ "ސަޓްލް" ގޮތްތަކެވެ. އެކަމުގައި ސަބަބުތަކެއްވެސް ހުރެއެވެ. ބާރު އޮންނަ ފަރާތްތަކުގެ ނުރުހުން އަމާޒުވުމުން ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރަކީ އެއިން އެއް ސަބަބެވެ. އެހެންކަމުން ވިޔަފާރިތަކުން ކެނޑިޑޭޓުން އެންޑޯޒްކުރާ އެއްގޮތަކީ އެ ވިޔަފާރިތަކާއި އެ ކެނޑިޑޭޓަކާ ދެމެދުގައި ގާތް ގުޅުމެއް އޮތްކަން ފެންނަ ފަދަ މަންޒަރެއް އާންމުންނަށް ދޫކޮށްލުމެވެ.

އެގޮތުން ބޮޑެތި މަހުޖަނުން އިންތިޚާބެއްގެ ކެމްޕެއިނުގެ ދުވަސްވަރުގައި ވަކި ކެނޑިޑޭޓަކާ ބައްދަލުކުރާ މަންޒަރު އާންމުވެއްޖެނަމަ އެއީ އެ މަހުޖަނެއްގެ ތާއީދު އެ ކެނޑިޑޭޓަކަށް ލިބުންކަމަށް މީޑިއާއިންވެސް މާނަކުރެއެވެ.

އުއްޗު އެކަންޏެއް ނޫން، ބޮޑެތި އެހެން ބައެއް ވިޔަފާރިވެރިންވެސް ސަރުކާރާ ފެއަށް

ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތާމެދު ހިތްހަމަޖެހިވަޑައިނުގަންނަވަނީ ހަމައެކަނި އުއްޗުއެއް ނޫނެވެ. "ދިޔަރެސް"އަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ މަޝްހޫރު ނުފޫޒުގަދަ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ތިއްބެވީ ސަރުކާރާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވެ. އޭގެ ތެރޭގައި މަޓީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ފާޅުގައި ސަރުކާރުތަކަށް ފާޑުވިދާޅުވުމަކީ އެ ބޭފުޅުން ކުރައްވާ ކަމަކަށް ނުވާތީ ފާޅުގައި ބަސްފުޅެއް ވިދާޅުނުވި ނަމަވެސް އެއިން ވަރަށް ގިނަ ބޭފުޅުން ސަރުކާރާމެދު ނުރުހޭކަން ސިއްރިއްޔާތުގައި ހާމަކުރައްވާފައިވެއެވެ.

"ދިޔަރެސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އެއިން ބައެއް ވިޔަފާރިވެރިން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ރައީސް ނަޝީދަށެވެ. އެ ބޭފުޅުންގެ ޝަކުވާއަކީ ވިޔަފާރީގެ މާހައުލު ދަތިވުމާއި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމާއި، ސަރުކާރުގެ އިސްރާފު ކުޑަނުކުރުމުގެ ސަބަބުން ދަރަނި ބޮޑުވެ ކްރެޑިޓް ރޭޓިންއަށް ނޭދެވޭ އަސަރުކޮށް ބޭރުގެ ބޭންކުތަކުން އިންވެސްޓުކުރަން ފައިސާ ހޯދުން ދަތިވުން ފަދަ ކަންކަމެވެ.

ކޮންމެއަކަސް އުއްޗު ނަޝީދު އެންޑޯސްކުރައްވައިފިނަމަ އެއީ އާދައިގެ ކަމެއް ނޫނެވެ. އެއީ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް އަންނަ ވަރުގެ ކަމެކެވެ. އުއްޗު ނަޝީދަށް ވިދާޅުވި މަރުހަބާއަކީ ސަރުކާރަށް އަދި ރައީސް އިބްރާހީމަށް ދެއްވި ވަރުގަދަ މެސެޖެއްކަމަށްވުން ކައިރިއެވެ.

މި ލިއުމާއި ގުޅޭ