މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް އަންނަ މަހު ފަށަން ތައްޔާރުވަމުންދާ އިރު، ސަރުކާރުގެ ފަރާތުން މިނީ ބަހުގެ ޚިދުމަތް ދޭން ފަށާނެކަން އިއުލާނު ކުރުމުން މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ 17 އޯގަސްޓް 2022 ގައި ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގައި ނިންމާފައިވާ ފަދައިން ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މިމަހު ފަހުކޮޅު މާލެ ގެނެވި ފެބްރުއަރީ މަހުގެ ކުރީކޮޅު މި ޚިދުމަތް ފެށިގެން ދާނެކަމަށެވެ.
މިކަން މިގޮތަށް ނިންމާފައި ވަނިކޮށް މީގެ ދެތިން ދުވަސްކުރިން ސަރުކާރުން ވަނީ ބަހުގެ ޚިދުމަތް ދޭން ނިންމާފައިވާކަން އިއުލާނު ކޮށްފައެވެ. މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން މާލެ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވިލިމާލެ އަކަށް ޕަބްލިކް ޓްރާންސްޕޯޓް ބަސްތަކެއް އަރުވާކަށް ރައްޔިތުން ބޭނުމެއްނުވޭ. ކައުންސިލުން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ބަގީ ސާވިސް ފެށުމަށް ހުރިހާ ތައްޔާރީއެއްވެ ނިމިފައި އޮއްވާ ސަރުކާރުން މި ކުރަން އުޅޭކަމަކީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ނާތަހުޒީބު އަމަލެއް" ކަމަށެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ ކައުންސިލްގެ ފަރާތުން ފަށަން އުޅޭ ބަގީގެ ޚިދުމަތުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.
އެގޮތުން މި ބަގީތަކުގެ ތެރޭގައި، މުދާ ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި ލެވޭ ބަގީ އާއި، ކުއްލި ޙާލަތް ތަކުގައި ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ ބަގީ ހިމެނޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
ކުރީގެ ސަރުކާރުން މާލޭގައި ދުއްވުމަށް ވެސް ގެންނަން ނިންމީ އިލެކްޓްރިކް ބަގީ ކަމަށް އޭރު ހާމަކުރިއެވެ. ނަމަވެސް ސަރުކާރު ބަދަލުވެ މި ސަރުކާރުން މާލޭގެ އެތެރޭގެ ދަތުރުފަތުރުތަކަށް ގެނެސްފައިވަނީ މިނީ ބަހެވެ.
އޭގެ ސަބަބުން މާލޭގެ ޓްރެފިކަށް އެކަމުގެ އަސަރު ކުރަމުން އަންނަކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.