ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނިމިދިޔަ ހަތަރު އަހަރަކީ އާންމު ހާލަތުގައި ވެރިކަންކުރި ހަތަރު އަހަރު ކަމަށް ދެކިގެން ބައެއް ފަރާތްތަކުން ވާހަކަދެއްކެވުން އެމަނިކުފާނަށް ގޯސްވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިނަށް މިއަދު ހއ. އިހަވަންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވީ ގިނަ ވައުދުތަކަކާއެކު އެކަންކަން ކުރާނެ ގޮތުގެ ޕްލޭން ކޮށްގެން ނަމަވެސް ކޮވިޑާ ގުޅިގެން ބައެއް ކަންކަން މަޑުޖައްސާލަން ޖެހުނު ކަމަށެވެ.
އެގޮތުން ހއ. އަތޮޅުގެ ރަށްތަކަށްވެސް ގިނަ ވައުދުތަކެއް ވީ ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން ފަށި، ނިމި، އަނެއްބައި ކަންކަން މިހާރުވެސް ކުރިއަށްދާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އޭރު ވިސްނުމުގައި އޮތީ ފަހު އަހަރު އަންނައިރު އެއްވެސް މަސައްކަތެއް ނުފަށާ ނުބޭއްވޭ ވަރަށް ޕްލޭންކޮށްގެން ކުރިއަށް ގެންދިއުމެވެ.
"އެކަމަކު ކުރިމަތިވި ކޮވިޑުގެ އާލަމީ ވަބާއާ އެކުގައި އަޅުގަނޑުމެންނަށް ބައެއް ކަންކަން މަޑުޖައްސާލަން ޖެހުނު. ބަޖެޓުގައި ތެރެއިން އެވަގުތު އެންމެ އިސްކަމެއް އަޅުގަނޑުމެން ދެމުން އައީ ކުރިމަތިވިއާލަމީ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި، ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް، ހަމަޖެހޭ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް،" ރައީސް ވިދާޅުވި އެވެ.
އެ ވިސްނުމާއެކު އޭރު ކުރި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ކޮވިޑާ ދެކޮޅަށް ކުރި މަސައްކަތުން އަރައިގަނެވި ވަރަށް ގިނަ ގައުމުތަކާއި ޑަބްލިއުއެޗްއޯއިންވެސް އެކަން ފާހަގަކޮށް ގައުމުތަކާ ހިއްސާކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން އެ ހަނދާނެއް މިއަދަކު ނެތް. ހަތަރު އަހަރު އެކީގައި އާންމު ހާލަތުގައި އުޅުނުކަމަށް ދެކެވަޑައިގެން ވާހަކަ އެބަ ދައްކަވާ،" ރައީސް ވިދާޅުވި އެވެ.
އެހެންނަމަވެސް މި ލިބުނު ގާތްގަނޑަކަށް ދެ އަހަރު ތެރޭގައި އެއްވެސް ސަރުކާރަކުން މި ވޭތުވެދިޔަ ތަނުގައި ފަސް އަހަރު ދުވަހުގެ ތެރޭގައި ނުކުރާ ވަރުގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންނަށް ހިންގިއްޖެ."
ރައީސް އިބްރާހިމް އިހަވަންދޫގައި---
ކޮވިޑުގެ ދުވަސްވަރާ ނުލައި ވެރިކަން ކުރުމަށް ލިބުނީ އެންމެ ދެ އަހަރުކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެ ދުވަސްކޮޅުގައި ވެސް އިހަވަންދޫއަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށެވެ.
އެހެންކަމުން މި ސަރުކާރުން ހިންގާ މަޝްރޫއުތައް އަނެއްކާވެސް މެދުކަނޑާލާފައި މަގުމައްޗަށް ނުކުންނާނީތޯ ނޫނީ ފަށާފައި ހުރި މަސައްކަތްތަކާއި ކުރަން ހުރި މަސައްކަތްތަކަށް ފުރުސަތު ލިބޭގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީތޯ ވިސްނުމަށް އެމަނިކުފާނު ރައްޔިތުންނަށް އިލްތިމާސްކުރެއްވި އެވެ.