އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި އޮންނަ މެލްބަރން ޕާކުގައި ކުރިއަށް ގެންދާ އޮސްޓްރޭލިއާ އޯޕަން ޓެނިސް މުބާރާތުގައި ޔޫކްރެއިންގެ ސަޕޯޓަރުން ޝަކުވާ ހުށަހެޅުމުން، އެ މުބާރާތުގައި ރަޝިޔާގެ އަދި ބެލަރޫސްގެ ދިދަ ފާޅުކުރުން މަނާކޮށްފިއެވެ.
ހޯމަ ދުވަހު އެ މުބާރާތުގައި ބައިވެރިވި ރަޝިޔާގެ ކަމިޔާ ރަކިމޯވާ އަދި ޔުކްރެއިން ތަމްސީލުކުރާ ކަޓެރީނާ ބައިންޑްލް ވާދަކުރި މެޗުގައި ބައެއް ސަޕޯޓާރުން ރަޝިޔާގެ ދިދަ ފާޅުކުރުމުން، ޔުކްރެއިންއަށް ތާއީދު ކުރާ ފަރާތްތަކަކުންވަނީ އެކަން ހުށްޓުވުމަށް ސެކިއުރިޓީއާއި ފުލުހުން އެތަނަށް ގެނެސްފައިކަމަށް، ބޭރުގެ މީޑީއާތަކުން ބުނެއެވެ.
އުކްރެއިންގެ ފަރާތުން އޮސްޓްރޭލިއާއަށް އަދި ނިއުޒިލޭންޑްއަށް ހަމަޖައްސާފައިވާ ސަފީރު، ވަސީލް މައިރޮސްނިޗެންކޯ ވަނީ ރަޝިޔާ ދިދަ ފާޅުކުރުމާއި ދެކޮޅަށް ޓުވިޓާގައި ޝުއޫރު ފާޅުކުރަށްވައިފައެވެ.
މިކަމާ ގުޅިގެން އޮސްޓްރޭލިއަން ޓެނިސް އިދާރާއިން ނެރުނު ބަޔާނުގައިވަނީ، އެއްވެސް ކަހަލަ މަޑުޖެހުމެއް ނޫނީ ހަމަނުޖެހުމެއް ނުއުފެދޭ ހާލަތެއްގައި އެ އިދާރާއިން ފުރަތަމަ އިންތިޒާމްކޮށްފައިވަނީ ކޮންމެ މީހަކަށްވެސް އެ މީހަކު ބޭނުންވާ ދިދައެއް ފާޅުކުރުމަށް ހުށްދަދޭގޮތަށެވެ.
ބެލަރޫސްގެ ކުޅުންތެރިއެއް، އަދި ދުނިޔޭގެ ފަސްވަނައަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާކަމަށްވާ އަރީނާ ސަބަލެންކާ، ރަޝީޔާއާއި އޭނާގެ ގައުމުގެ ދިދަ ފާޅުކުރުން މަނާކުރުމާއި ގުޅިގެން އެކަމާމެދު އޭނާގެ ޝުއޫރު ފާޅުކުރަމުން ބުނަނީ، އޭނާ ގަބޫލްކުރާގޮތުން މި ކުޅިވަރަކީ ސިޔާސީ ކަންކަމާ އެއްވެސް ގުޅުމެއް ހުރިކަމެއް ނޫންކަމަށާއި އަދި، އެ ދެ ގައުމުގެ ދިދަ ފާޅުކުރުމުން ޔުކްރެއިންގެ ކުޅުންތެރިންނާއި ސަޕޯޓަރުން ނުރުހުންވެ އެކަމާ ދެކޮޅު ހެދުމުގެ ސަބަބު އޭނާއަށް ވިސްނޭކަމަށެވެ.