ހައިދަރުއާބާދޫގެ 8ވަނަ ނިޒާމް އަދި ކުރިން އިންޑިއާގެ އެންމެ މުއްސަނދި ޝަޚުޞިއްޔަތުކަމަށްވާ ނަވާބް މުކައްރަމް ޖާހް ބަހާދޫރު ތުރުކީގެ އިސްތިންބޫލުގައި އުމުރުފުޅުން 89 އަހަރުގައި އަވަހާރަވެއްޖެއެވެ.
ޖާހް ބަހާދޫރުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ އަވަހާރަވީ ހޮނިހިރުދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކަމަށެވެ. މުކައްރަމް ޖާހުގެ ނަންފުޅުން މަޝްހޫރުވެފައިވާ ބަހާދޫރު އެންމެ ނިޒާމުގެ މަޤާމާ ހަވާލުވެވަޑައިގަތީ 1967 ވަނަ އަހަރުގައި އޭނާގެ ކާފާފުޅު އަވަހާރަވުމުންނެވެ.
ހައިދަރުއާބާދުގެ ނިޒާމުގެ މަޤާމާއެކު 1971 ވަނަ އަހަރާ ހަމައަށް އެ ސަރަހައްދުގެ މައްޗަށް ވެރިކަންކުރެއްވީ ބަހާދޫރެވެ. އެ އަހަރު އިންޑިއާ ސަރުކާރުން އެފަދަ ހުރިހާ މަޤާމެއް އުވައިލާ ސަރަހައްދުތަކަށް އަމިއްލަ ވެރިކަން ހިންގުމަށް ދީފައި ހުރި އިމްތިޔާޒުތައް ނިމުމަކަށް ގެނައެވެ.
ނިޒާމަކީ "ނިޡާމުލް މުލްކް" ނުވަތަ ވެރިކަން ހިންގަވާ ފަރާތުގެ ކުރު ގޮތެވެ. ނިޒާމުންނަކީ 18 ވަނަ ޤަރުނުން ފެށިގެން އެ މަޤާމު އުވައިލެވުމާ ހަމައަށް ހައިދަރުއާބާދުގެ ވެރިކަން ކުރެއްވި ބޭފުޅުންގެ އާއިލާގައި ވާރުތަވަމުން އައި ލަޤަބެވެ.
ދެކުނު އިންޑިއާގައި އޮންނަ ހައިދަރުއާބާދު އެންމެ ފުރަތަމަ ޤާއިމުކުރެވުނީ 1591 ވަނަ އަހަރުއެވެ. މިހާރު އެ ޝަހަރުގައި ގާތްގަނޑަކަށް 9 މިލިއަނެއްހައި މީހުން ދިރިއުޅޭކަމަށް ލަފާކުރެވެއެވެ. އެއީ ޓެލަންގަނާ ސްޓޭޓުގެ ވެރިރަށެވެ. އަދި އައިޓީ ދާއިރާގެ މައިގަނޑު މަރުކަޒުތަކުގެ ތެރޭގައި އެ ޝަހަރު ހިމެނެއެވެ.
ގަނޑުވަރުތަކާއި މުދާ ހައިދަރުއާބާދުގައި ހުރި ނަމަވެސް މުކައްރަމް ޖާހަކީ ވަރަށް ގިނައިން ތުރުކީއާއި އޮސްޓްރޭލިއާއަށް ދަތުރުކުރައްވާ ބޭފުޅެކެވެ. އޭނާ ފަސް ބޭކަނބަލަކާ ކާވެނިބައްލަވައިގެންނެވިއިރު އެއިން އެއް ބޭކަނބަލަކީ ތުރުކީގެ އަޝްރާފުންގެ ތެރެއިން ބޭކަނބަލެކެވެ. އޭނާގެ އެންމެ ފަހުގެ އަނބިކަނބަލުން އައިޝާ އޯޝެދީއަކީވެސް ތުރުކީ ބޭކަނބަލެކެވެ.
އިންޑިއާގެ ބައެއްކަމަށް ހައިދަރުއާބާދު ހަމަޖެހުމުގެ ކުރިން އެ ޝަހަރުގެ ނިޒާމުގެ މަޤާމު އެންމެ ފަހުން ފުރުއްވީ މުކައްރަމް ޖާހުގެ ކާފާފުޅު މިރް ޢުޘްމާން އަލީ ޚާނެވެ. މުކައްރަމްގެ މަންމާފުޅަކީ އަމީރާ ދުއްރު ޝެވާރެވެ. އޭނާއަކީ ޢުޘްމާނީ ޚިލާފަތުގެ އެންމެ ފަހު ޚަލީފާ ޢަބްދުލްމަޖީދު 2ގެ ދަރިކަނބަލެވެ.
މުކައްރަމްގެ ތަނަވަސްކަން އެއް ބިލިއަން ޑޮލަރުގައި ކުރިން ހުރި ނަމަވެސް ވަރިތަކާއެކު ކުރީގެ އަނބިންނަށް ތަނަވަސްކަމުން ދޫކޮށްލައްވަންޖެހުނު ފައިސާއާއެކު އެ އަދަދުވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
މުކައްރަމުގެ އެދިވަޑައިގަތުމަށް އޭނާ ފަސްދާނުލެވޭނީ އުފަންވެވަޑައިގެންނެވި ރަށްކަމަށްވާ ހައިދަރުއާބާދުގައެވެ.