ސައުދީ އިން ނެރޭ އޯލްސްޓާ ޓީމުގައި ހިމެނެނީ އަލް ނަސްރު އާއި އަލް ހިލާލްގެ ކުޅުންތެރިންނެވެ. އަންނަ ބުރާސްފަތި ދުވަހުގެ ރޭ މެޗު ކުޅޭނީ ސައުދީގެ ރިޔާދުގަ އެވެ. އެކުވެރިކަމުގެ މި މެޗަކީ ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވުމުގެ ކުރިން ވެސް ތާވަލުގައި ކޮށްފައިވާ މެޗެކެވެ.
ރޮނާލްޑޯ އެ މެޗުގައި ކެޕްޓަން ބޭންޑް އަޅާނެކަން އިއުލާންކުރެއްވީ ސައުދީގެ ޖެނެރަލް އޮތޯރިޓީ ފޯ އެންޓަޓެއިންމަންޓުގެ ޗެއާމަން ތުރުކީ އަލް-ޝެއިޚް އެވެ. ސޯޝަލް މީޑިއާގައި ޗެއާމަން އާއްމުކުރެއްވި ވީޑިއޯގައި ފެންނަނީ މެޗުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ޖާޒީ ރޮނާލްޑޯއާ ހަވާލުކުރާ ވަގުތު ރޮނާލްޑޯގެ އަތުގައި ކެޕްޓަން ބޭންޑް އަޅާ މަންޒަރެވެ.
ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށްލުމަށް ފަހު ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވީ މިދިޔަ މަހު އެވެ. 37 އަހަރުގެ ޕޯޗުގަލް ފޯވާޑް ސައުދީ ލީގަށް ބަދަލުވުމަށް ފަހު ވާދަވެރި މެޗެއްގައި އަދި ކުޅެފައެއްނުވެ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗު ވާނީ ސައުދީ އަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ކުޅޭ ފުރަތަމަ މެޗަށެވެ.
މި މެޗުގައި ދުނިޔޭގެ މަޝްހޫރު އެތައް ކުޅުންތެރިންނެއް ފެންނާނެ އެވެ. ހާއްސަކޮށް ޕީއެސްޖީ އަށް ކުޅެމުން އަންނަ ލިއޮނެލް މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމަކަށް މި މެޗު ވެގެންދާތީ މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ ލިބިފަ އެވެ. މެސީ އާއި ރޮނާލްޑޯގެ މެޗެއް އެންމެފަހުން ފެނުނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ބާސެލޯނާ ވާދަކުރި އެ މެޗުން މޮޅުވީ ރޮނާލްޑޯ ހިމެނުނު ޔުވެންޓަސް އެވެ.
ރޮނާލްޑޯ އާއި މެސީގެ އިތުރުން ނޭމާ އާއި ކިލިއަން އެމްބާޕޭ ވެސް މި މެޗުގައި ކުޅޭނެ އެވެ.
އޭގެފަހުން މެސީ ވަނީ ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. އަދި، ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނެވެ. ޔުނައިޓެޑްގެ އެއްބަސްވުން ރޮނާލްޑޯ އުވާލީ މިދިޔަ ނޮވެމްބަރު މަހު އެވެ.