Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

މަސްތަކެއް ވަންދެން ފާޑުކިޔުން އަމާޒުވެފައިވާ ޖަރުމަނުގެ ޑިފެންސް މިނިސްޓަރ އިސްތިއުފާދެއްވައިފި

ޖަރުމަނުގެ އަސްކަރިއްޔާ ޒަމާނީކުރުމުގެ ބޮޑު މަޝްރޫއު ކުރިއަށްދާ ދުވެލި ލަސްކަމުންނާއި، އަދި ޔުކްރެއިންގައި ކުރިއަށްދާ ހަނގުރާމައިގައި ރަޝިޔާއާއި ދެކޮޅަށް އެހީ ފޯރުކޮށްދިނުމުގައި ޖެހިލުންވާތީވެ އެ ކަމަނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒްވުމާއި ގުޅިގެން، ޖަރުމަނު ޑިފެންސް މިނިސްޓަރ ކްރިސްޓީން ލޭމްޕްރައިކްޓް އިސްތިއުފާދެއްވައިފިއެވެ.

މިދިޔަ ހޯމަދުވަހު އާންމުކުރި ބަޔާނެއްގައި އެކަމަނާ ވިދާޅުވަނީ "މަސްތަކެއް ވަންދެން މީޑީއާއިން އަޅުގަނޑަށް ސަމާލުކަންދިނުމުން"، ޖަރުމަނުގެ ސަލާމަތީ އަސާސުތަކާއި އަދި އަސްކަރިއްޔާ އާއި ބެހޭގޮތުން ހަގީގީ ހަމަތަކެއްގެ މައްޗަށް ބިނާކޮށްގެން މަޝްވަރާކުރުމަށް ހުރަސްއަޅާފައިވާކަމަށެވެ.
ޖަރުމަނުގެ އަސްކަރިއްޔާ ޒަމާނީކޮށް ތަރައްގީ ކުރުމުގެ ބޭނުން އިންތިހާއަށް ބޮޑުވެފައިވާ ދުވަސް ކޮޅެއްގައި އެކަމަނާ އިސްތިއުފާ ދެއްވުމަކީ، ޗާންސެލާ އޯލާފް ޝޮލްޒްއަށް ކުރިމަތިވެލައްވާނެ "ބޮލުގެރިހުމެއް"ކަމަށް ބޭރުގެ މީޑީއާތަކުން ބުނެއެވެ.

މިފަދައިން ބޭރުގެ މީޑިއާއިން ރިޕޯޓުކުރަނީ އެކަމަނާ އިސްތިއުފާ ދެއްވާފައިވަނީ އަސްކަރީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ޔުކްރެއިނަށް ލެޕާޑް 2 ހަނގުރާމަމަތީ ޓޭންކް ފޮނުވުމަށް އެއްބަސްވާން ޗާންސެލާ ޝޮލްޒްއަށް މަތިމަތިން ފިތްތުންތައް ފުނިޖެހިފައި އޮތް ވަގުތަކަށްވެފައި ވުމުންނެވެ.

ޗާންސެލާ ޝޮލްޒްގެ ސްޕޯކްޕާސަންއެއް ބުނާގޮތުން، އެ ބޭފުޅާވަނީ މިނިސްޓަރ ލޭމްޕްރައިކްޓްގެ އިސްތިއުފާ ގަބޫލްކުރައްވާފައެވެ. އަދި ޗާންސެލާ ޝޮލްޒް 2021ވަނަ އަހަރު އެ މަގާމަށް އައްޔަންކުރެއްވުނީއްސުރެން ޑިފެންސް މިނިސްޓަރ ކަމުގައި އިންނެވި ކަމަނާގެ ބަދުލުގައި އައްޔަންކުރެވޭ މިނިސްޓަރ ވަރަށް އަވަހަށް އާންމުކުރާނެކަމަށެވެ.

އެ ކަމަނާއަކީ އެ މަގާމުގެ ޒިންމާތައް އަދާ ނުކުރެވޭނެ ބޭކަނބަލެއްކަމަށް ބުނެ ވަރަށް ކުރިއިއްސުރެވެސް ފާޑުކިޔުންތައް އަމާޒުވާން ފަށާފައިވާ ބޭކަނބަލެކެވެ.

ފާޑުކިޔުން އަމާޒުވެފައިވާ އެއް ސަބަބަކީ، މިދިޔަ އަހަރު ޖަނަވަރީ މަހު ޖަރުމަނުން ޔުކްރެއިނަށް އެހީގެ ގޮތުގައި ފޯރުކޮށްދިން 5000 އަސްކަރީ ހެލްމެޓުތައް ސިފަކޮށްދެއްވަމުން، "މި އަމަލަކީ އަޅުގަނޑުމެން މިތިބީ ޔުކްރެއިނާ އެކީގައި ކަމުގެ ސާފު އިޝާރާތެއް"ކަމަށް އެކަމަނާ ވިދާޅުވުމެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރިކަމާއި، އާއިލާތަކާއި އަދި އަންހެނުންގެ މިނިސްޓަރުކަމުގެ މަގާމުގައި މީހުންގެ އިޙްތިރާމް ހޯދައިފައިވާ މިނިސްޓަރ ލޭމްޕްރައިކްޓްއަކީ، ޗާންސެލާ ޝޯލްޒްގެ ސަރުކާރުގެ ޑިފެންސް މިނިސްޓްރީގައި މަސައްކަތްކުރެއްވި އެންމެ ގާބިލުކަންނެތް ބޭކަނބަލާކަމަށް ގިނަބަޔަކު ގަބޫލްކުރެއެވެ.

މި ލިއުމާއި ގުޅޭ