މި ސަރުކާރު ސްލޯވެފައި ކަންކަން ނިންމާ ގޮތް ލަސްވިޔަސް ފެންނަމުންދާ ކަންކަމަކީ ބޮޑުވަރުކަމަށާއި ސަރުކާރުން ގެންގުޅޭ ފޯމިއުލާ ގިނަ ބަޔަކަށް ނޭނގުން މުހިއްމުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ލަސްކަން ފާހަގަކުރައްވައި ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަޅާފައި ދިން ބުރިޖުގައި އަދި ބުރިޖާ ގުޅިފައިވާ ހަލިމަގުގައި އަނދާ ބޮއްކެއްވެސް މި ސަރުކާރުން ބަދަލުކޮށްނުލާ ބަހައްޓާފައި ހުންނަ ކަމަށެވެ.
ބުރިޖާއި ހަލިމަގުގައި ހުރި މަގުބައްތިތަކުގެ ކުލަ އައުނުކުރުމުގެ ސަބަބުން އެ ބައްތިތަކުގައި ދަނބަރުޖަހައި ވީރާނާވަމުންދާކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އަދި މަގުގެ ދެ ފަރާތުގައި ޖަހާފައި ހުރި ފެންސުތައްވެސް މަރާމާތުނުކުރާކަން އާންމުން ފާހަގަޖުރެއެވެ.
އެކަމާ ގުޅިގެން ސައީދު ވިދާޅުވީ ބުރިޖާއި ހަލިމަގުގައި ހުރި ހޮޅިދަނޑިތަކުގައި ދަވާދުކޮޅެއް ނުލާތާ މިހާރު ފަސް އަހަރުވަނީ ކަމަށެވެ. އަދި ހައިވޭގައި އުނގުޅައިލާނެ ދަވާދުކޮޅެއްވެސް ނުހޯދުނުކަމަށް ސައީދު ވިދާޅުވިއެވެ.
އަދި އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށުނުއިރު އެއާޕޯޓުގައި ރަނގަޅު އުޅަނދެއްހައި މިންވަރުވެސް ނެތްކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިހާލަތުގައި ކަންކަން ހުއްޓައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދޭންވީތޯ ސައީދު ސުވާލުކުރެއްވިއެވެ.
ސަރުކާރުގެ އިޤުތިޞާދީ ފޯމިއުލާ ހޯއްދަވަން ދުނިޔޭގެ ލީޑަރުން އުޅުއްވާކަމަށް ވިދާޅުވެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ސައީދު ވިދާޅުވީ އެ ފޯމިއުލާ ގިނަ ބަޔަކަށް ނޭނގުން މުހިއްމު ކަމަށެވެ. އެއާއެކު ހިއްސާކުރެއްވީ ޑޮލަރުގެ އަގު 17 ރުފިޔާއިން މަތީގައި ހަރުލާފައިވާކަމަށް ބުނެ ނޫހަކުން ކުރި ރިޕޯޓަކާއި، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނިކޮށް އެއާޕޯޓުން ގެއްލުނު މައްސަލައެއްގެ ރިޕޯޓެކެވެ.
ސައީދު އިތުރަށް ވިދާޅުވީ މިފަދަ ކަންކަން ހިނގުމަށް ޖާގަ ލިބޭ، މަދުން ނޫނީ ނުފެންނަ "އިސްތިރާޖީ މުދަލާއި، ސިނާއީ ބުއްދި ހުންނަންވާނީ ސިއްރުކުރެވިފައި ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ރައީސް އިބްރާހީމުގެ ކެމްޕެއިން ޓީމުން އަންނަނީ ރައީސް އިބްރާހީމުގެ ޒައާމަތުގައި ރާއްޖޭގެ އިޤުތިޞާދު ހިނގަނީ ދުނިޔޭގެ އެންމެ ހަލުއި އިޤުތިޞާދުގެ ގޮތުގައިކަމަށް ވިދާޅުވަމުންނެވެ. ތަކެތީގެ އަގު އުފުލުމާއި ފައިސާގެ އަގު ދަށްވުން ފަދަ ކަންކަމާމެދު އެ ބޭފުޅުން ވާހަކަފުޅެއް ނުދައްކަވައެވެ.