ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާގައި އުޅުނު އަންހެނަކަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ޖިންސީ ފުރައްސާރަކުރިކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ސުވާލުކުރުމުން އެ ސުވާލަށް އިމްރާން ޖަވާބުނުދެއްވިއެވެ.
މިއަދު ހޯމް މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދިޔަރެސް"އިން އެ ސުވާލުކުރީ އިމްރާން އޭނާއަށް ޖިންސީ ގޯނާކުރިކަމަށް އަންހެންމީހާ ބުނާތީއާއި މީގެ ކުރިން މަގުމަތިން އިމްރާން ފަހަތުން އޭނާ ސައިކަލުގައި ދިޔަ މަންޒަރު ފެންނަ ވީޑިއޯ އާންމުވެފައިވާތީ އެކަމުގައި އިމްރާނުގެ ބަހެއް ހޯދުމަށެވެ.
ޢިމްރާން ވަޒީރުކަމަށް ވަޑައިގަތުމުގެ ކުރިން އެކި ފަހަރުގެ މަތިން އެ އަންހެންމީހާއަށް ޖިންސީ ފުރައްސާރަކުރިކަމަށް އޭނާ ތުހުމަތުކުރެއެވެ. އެކަމުގެ ޝަކުވާ އޭނާވަނީ އަދާލަތު ޕާޓީގެ އެކްޓިވިސްޓު އަދި އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒަށްވެސް މެސެޖުން ފޮނުވާފައެވެ. އެ މެސެޖުތަކުގެ ސްކްރީން ޝޮޓުތަކެއް "ދިޔަރެސް"އަށް ލިބިފައިވެއެވެ. އިޔާޒު އޭނާ ކިބައިން އެދުނީ އެވާހަކަތައް ނުދެއްކުމަށެވެ.
ދީނީ އިލްމުވެރިއެއްގެ ގޮތުގައި މަޝްހޫރުވެ މަޤުބޫލުކަން ހޯދި އިމްރާނަށް ކުރެވޭ މި ތުހުމަތުތައް ތަހުގީގުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަ ސަރުކާރުން ބެލިކަމެއް އެނގޭކަށް ނެތެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލުކުރުމާއެކު ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ހަފުސީ ޢަބްދުﷲވަނީ އެ ސުވާލަކީ އެ ނޫސް ކޮންފަރެންސްގެ މައުޟޫޢާ ގުޅޭ ސުވާލެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ސުވާލުކޮށް ނިމުމުން އިމްރާން އެއްވެސް ބަސްފުޅެއް ވިދާޅުނުވެއެވެ.
އިމްރާނަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ އިތުރަށް 2015 ވަނަ އަހަރު މޭޑޭ އެއްވުމުގައި އޭނާ ރައީސް ޢަބްދުﷲ ޔާމީނާއި ޑރ.އަފްރާޝީމް އަލީ ޝަހީދުކޮށްލުމާ ގުޅުވާލައްވައި ދެއްކެވި ވާހަކަތަކާއި ޑރ.އަފްރާޝީމާ ގުޅިގެން ޤަތުލުކުރިކަމަށް ވިދާޅުވި 7 މީހުންނާ ގުޅިގެން ކުރާ އެއްވެސް ސުވާލަކަށްވެސް ޖަވާބުދާރީވެވަޑައިނުގަންނަވައެވެ.