އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މަތި އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ އިންވެސްޓެމެންޓް ކުންފުންޏާއެކު އެއިރު ހެދި އެއްބަސްވުން ބާތިލުކޮށްފައިވާތީ ކަމަށް ބުނެ އެ ކުންފުންޏަށް 100 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ބޮޑު ބަދަލެއް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ދީބާޖާ އިންވެސްޓުމެންޓަށް ބަދަލުދިނުމުގެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން އެ ކުންފުންޏަށް ބަދަލު ދިނުމަށް ހުކުމްކުރި ނަމަވެސް ހައިކޯޓުން އެ ހުކުމް ބާތިލުކުރިއެވެ. ސިވިލް ކޯޓުން އެ މައްސަލާގައި ހުކުމްކޮށްފައިވަނީ 348 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. ހައިކޯޓުން އެ ހުކުމް ބާތިލުކުރުމުން ދީބާޖާއިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެއިރު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ހައިކޯޓަށް އިސްތިއުނާފު ބަލައިގަތީ އިސްތިއުނާފުކުރުމުގެ މުހުލަތު ފަހަނައެޅި ފަހުން ކަމަށެވެ.
މިފަދައިން ކޯޓުން ކަނޑައަޅާފައިވަނިކޮށް އެ ކުންފުންޏަށް ބަދަލުދޭން މި ސަރުކާރުން މަސައްކަތްކުރުމުން ރައްޔިތުންގެ މަޖިލީހުންވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން މުރާޖައާކުރަން އެދުމަށް އެޓާނީ ޖެނެރަލަށް އަންގާފައެވެ. އެއާއެކު ބަންޑާރަނައިބުގެ އޮފީހުންވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިހާރުގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެ އެ ކޯޓުގެ ކުރީގެ ނިންމުން މުރާޖައާކޮށް އެ ނިންމުން ބާތިލުކުރިއެވެ. އެއާއެކު އަލުން ހައިކޯޓުގެ ހުކުމަށް އަމަލުކުރުން ލާޒިމުވިއެވެ.
އެ ހިސާބުން އަނެއްކާވެސް ދީބާޖާއިން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އަލުން އިސްތިއުނާފުނުކުރިއެވެ. މިފަހަރު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ދީބާޖާއާއެކު ހެދި އެއްބަސްވުން ބާތިލުކުރީ އެ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. އެގޮތުން ބޮޑު ސަރަހައްދަކަށް ފެރީގެ ޚިދުމަތް ނުލިބޭކަމަށް ސަރުކާރުން ބުނި ނަމަވެސް ލިޔެކިޔުންތަކާއި ހެކިން ބޮޑު ސަރަހައްދަކަށް ޚިދުމަތް ނުލިބި ނެތްކަން އެނގޭކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ. އެހެންނަމަވެސް ބަދަލުގެ ގޮތުގައި ސިވިލް ކޯޓުން ކަނޑައެޅި 348 މިލިއަން ދޭންނުޖެހޭނެކަމަށާއި ބަދަލުގެ މިންވަރު ކަނޑައަޅަން އަލުން ސިވިލް ކޯޓަށް ދާންޖެހޭކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔައަށް ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމް ތާއީދުކުރައްވައި ނެރުއްވި ޙުކުމާ ޚިލާފުވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔައެވެ. އޭނާގެ ރައުޔާގައި ފާހަގަކުރައްވާފައިވަނީ އެއްބަސްވުމާ ޚިލާފަށް ހުރި ކަންކަން ރަނގަޅުކުރަން ސަރުކާރުން ދިން މުހުލަތުގައި އެކަންކަން ދީބާޖާއިން ރަނގަޅުކޮށްފައިނުވާތީ އެ މުއްދަތަށްފަހު ސަރުކާރަށް އެއްބަސްވުން ބާތިލުކުރެވޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ދީބާޖާއަށް ބަދަލެއް ނަގައިދޭންނުޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ދީބާޖާއަށް ބަދަލު ނަގައިދެވިދާނެކަމަށް ކަނޑައަޅައި ހުކުމްކުރީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ޖެހިގެން އައި ނޮވެންބަރު މަހުގައި ސަރުކާރުންވަނީ ބަދަލު ނަގައިދިނުމާ ގުޅޭ އުސޫލެއް އެކުލަވައިލާ އާންމުކޮށްފައެވެ. ރައީސް އޮފީހުގެ ވެރިއެއް ވިދާޅުވި ގޮތުގައި މި އުސޫލަކީ ދީބާޖާއަށް އަމާޒުކޮށް އެ ކުންފުންޏަށް ބަދަލު ދިނުމަށް ފަރުމާކޮށް ތައްޔާރުކުރި އުސޫލެކެވެ.
އެ އުސޫލުގައި ބުނެފައިވަނީ 2008 ވަނަ އަހަރުގެ އޯގަސްޓު 7 ވަނަ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފެށުމާ ދެމެދުގައި އުފެދިފައިވާ މައްސަލަތަކަށް އެ އުސޫލުގެ ދަށުން ބަދަލު ނަގައިދެވޭނެ ކަމަށެވެ. އެއީ އެއްބަސްވުން ބާތިލުކުރުމާއި އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމާއި އެއްބަސްވުމާ ހިލާފުމާއި އަދި ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދައެއް ބާތިލުކޮށްފައިވާ ނަމައެވެ.
އަދި އެއްބަސްވުމެއް ބާތިލުކުރީ ކަނޑައެޅިގެން އެއްބަސްވުމުގައި ބަޔާންކުރާ އިޖުރާއާތާ ޚިލާފަށްކަމުގައިވާނަމަ އަދި ކަނޑައެޅިގެން ބޭއިންސާފުންކަމަށް ފެންނަ ހާލަތުގައި ކޯޓުން ބޭރުން ބަދަލުދެވޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ކޯޓުން ނަގައިދޭނެ ބަދަލު ކޯޓުން ބޭރުން ދެވޭނެ އަދަދަށްވުރެ ބޮޑުކަމަށް ޤަބޫލުކުރެވޭނަމަ އެ މައްސަލައެއްވެސް ކޯޓުން ބޭރުން ނިންމޭނެކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ދީބާޖާ ކުންފުނީގެ ވެރިންނަކީ ޒަމާނުއްސުރެއް އެމްޑީޕީގެ ހަރަކާތްތެރިންނެވެ. އެ ޕާޓީގެ ކަންކަމަށް ޚަރަދުކޮށް އުޅޭ ބައެއްވެސްމެއެވެ. ނަމަވެސް ކުރިން އެ ބޭފުޅުން ފާހަގަވެފައިވަނީ އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ އަރިސް ބައެއްގެ ގޮތުގައެވެ. ދީބާޖާއަށް ބަދަލުދިނުމުގެ މައްސަލައިގެ ތެރެއިން ދީބާޖާގެ ވެރިން ނަޝީދާ ބައްދަލުކުރެއްވިކަން މީޑިއާއަށް އެއިރު ފެންމަތިވިއެވެ.
ނަމަވެސް އެ ކުންފުނީގެ ހުރިހާ ވެރިން މިހާރު ތާއީދުކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. ރައީސް އިބްރާހިމްއަށް އެ ބޭފުޅުން ތާއީދުކުރެއްވުމާއެކު، ނޮވެންބަރު މަހު އެކުލަވައިލި އުސޫލުގެ ދަށުން ރައީސް އޮފީހުގައި ޤާއިމުކުރި ބަދަލުދިނުމާ ގުޅޭ ކޮމިޓީންވަނީ އެ ކުންފުންޏަށް 100 މިލިއަން ރުފިޔާއާ ގާތްކުރާ އަަދަދެއްގެ ފައިސާ ދިނުމަށް ނިންމާފައެވެ.
"ދީބާޖޭގެ ވެރިން ޖާ (ޢަބްދުﷲ ޖާވީދު)ވެސް ޝާހީން (ޖަރީމާގެ)ވެސް މިހާރު ތިބީ ރައީސާއެކު، އެބޭފުޅުން ތާއީދުކުރައްވަނީ ރައީސަށް،" ރައީސް އިބްރާހީމުގެ ކެމްޕޭނުގައި މަސައްކަތްކުރައްވާ ބޭފުޅަކު ދީބާޖާގެ ވެރިން ރައީސް އިބްރާހީމަށް ތާއީދުކުރައްވާކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވިއެވެ. ދީބާޖާގެ ޑިރެކްޓަރު ޖާއަކީ ރައީސް އިބްރާހީމުގެ އެންމެ ގާތް އެކުވެރިޔާ އަދި އެމަނިކުފާނުގެ ކެމްޕޭނުގައި އެންމެ ހަރަކާތްތެރި ރީކޯ މޫސާ މަނިކުގެ ދަނބިދަރިކަލުންނެވެ.
"މިހާރު އޮތީ 100 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ނިންމާފައި. ވަރަށް އަވަހަށް އެ ބަދަލު ދީބާޖާއަށް ދެވޭނެ. ސަރުކާރުން ބުނާނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި އޮތް ގޮތަށް ސިވިލް ކޯޓަށް ދިޔަނަމަ މިއަށްވުރެ ބޮޑު ބަދަލެއް އެ ކުންފުންޏަށް ލިބުނީހޭ،" މި މައްސަލައިގެ ތަފުސީލުތައް އެނގިވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިޔަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އޭނާ ވިދާޅުވެދެއްވި ގޮތުގައި ސަރުކާރުން މިވަރުގެ ބަދަލެއް ދީބާޖާއަށް ދެނީ އެ ކުންފުނިން މި ފައިސާއިން ބޮޑު އަދަދެއް ރައީސް އިބްރާހީމުގެ ކެމްޕެއިނަށް ޚަރަދުކުރަން އެއްބަސްވެގެންނެވެ. މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ "ދަ ބިގް" ކުންފުންޏަށް ސަރުކާރުން ދިން 30 މިލިއަނެއްހައި ރުފިޔާވެސް ބޭނުންކުރީ އެމްޑީޕީގެ މަޖިލިސް އިންތިޚާބަށް ޚަރަދުކުރަންކަން ފައްޔާޒު އަމިއްލަފުޅަށް ހާމަކުރައްވާފައިވެއެވެ.
"މީގެ ބޮޑު ބައެއް ނަގާނީ ރައީސް ސޯލިހުގެ ކެމްޕެއިނަށް. ކެމްޕެއިނަށް ފަންޑު ދޭމަތިން އެމީހުންނަށް ބަދަލު ދިނީ،" މިކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާ ރައީސް އޮފީހުގެ އިސްވެރިއެއް ވިދާޅުވިއެވެ.
2019 ވަނަ އަހަރުގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް، "ސެޓްލްމެންޓް ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އުފައްދައިގެން 1 ބިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދޫކުރިއެވެ. އޭގެ ތެރޭގައި ނޫމަޑިއާއި ފައްޔާޒުގެ މަސްލަހަތު އޮންނަ ބިގް ކުންފުންޏާއި ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމުގެ ހިއްސާ އޮންނަ ކުންފުންޏެއްވެސް ހިމެނެއެވެ.