މުދާ ހިފައިންގެން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ މުދާ ހިފައިންގެން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
އެ އިދާރާއިން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:07 ހާއިރުކަމަށާއި ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި 6 ފަޅުވެރިންނާއި އެކު ދަތުރުކުރަމުންދިޔަ، 85 ފޫޓުގެ މި ސަޕްލައި ދޯންޏަކީ މުދާ ހިފައިގެން މާލެއިން އައްޑޫ އަތޮޅު ހެރެތެރެ ރިސޯޓަށް ދަތުރުކުރަމުންދިޔަ "ބޮނިތޯ ކެރިއާ" ނަމަކަށް ކިޔާ ދޯންޏެކެވެ.
މި ހާދިސާގައި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.