ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިން، މެކް ޑޮނާލްޑްސްއާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.
އެމްއެމްޕީއާރުސީއިން ބުނީ މި ކެމްޕެއިން މެދުވެރިކޮށް ޖަރުމަނުގެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރަން މަގުފަހިވާއިރު، މެކްޑޮނާލްޑްސްގެ 700 އައުޓްލެޓްގައި ރާއްޖެ އިޝްތިހާރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ގާތްގަޑަކަށް 35 މިލިއަން މީހުންނަށް ރާއްޖެ ފެނުމުގެ ފުރުސަތު ހުޅުވާލަދޭނެ އިޝްތިހާރުތަކެއް ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.
އެގޮތުން މެކް ޑޮނާލްޑްސްއާ އެކު ވެވުނު އެއްބަސްބުމުގެ ދަށުން ރާއްޖޭގެ ކަނޑު އަޑީގެ ރީތި ކަމާއި، ޝިޕް ރެކް ތަކާއި، ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ރާއްޖޭގެ ނާޒުކު ގުދުރަތީ ރީތިކަން އިޝްތިހާރު ކުރާނެއެވެ. އަދި މިއީ ޖަރުމަނުގެ މާކެޓަށް ޚާއްސަ އިޝްތިހާރުތަކަކަށް ވާއިރު، މި ކަމުގެ ތެރެއިން ޖަރުމަނު، އޮސްޓްރިއާ އަދި ސްވިޒަލޭންޑުގެ ރައްޔިތުންނަށް ޚާއްސަކޮށް ރާއްޖެ އިޝްތިހާރު ކުރާނެކަމަށެވެ.
އެމްއެމްޕީއާރްސީ އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ވެސް ޖަރުމަނު މާކެޓަށް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އައިމެކްސް 2022، އައިޓީބީ ޑިޖިޓަލް ބިޒްނަސް ޑޭ، އައިއެމްއެމް ޖާމަނީ ފަދަ އިވެންޓުތަކުގައި ބައިވެރިވުން ހިމެނޭކަމަށް އެކުންފުނިން ބުނެއެވެ.
ޖަރުމަނަކީ ރާއްޖެއަށް މުހިންމު މާކެޓަކަށްވާއިރު، މިދިޔަ އަހަރު އެގައުމުން ރާއްޖެއަށް އެއްލައްކަ ތިރީސް ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިއިރު، އެއީ ނިމިދިޔަ އަހަރު ހަތަރު ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. މި އަހަރުގެ މިހާތަނަށް ޖަރުމަނުން ރާއްޖެއަށް 3000އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިވާ ކަމަށް އެމްއެމްޕީއާރްސީ އިން މައުލޫމާތު ދެއެވެ.