ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިނަށްކަމަށް ބުނެ ސަރުކާރުގެ ބައެއް އިސްވެރިން ރާއްޖޭގެ މަޝްހޫރު ވިޔަފާރިތަކަށް ގުޅައިގެން ފައިސާ އަތުލަން ފަށައިފިއެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާއަށް ރައީސް އޮފީހުގެ އިސްވެރިއެއް ގުޅައި އޭނާ ކައިރިން ގިނަ އަދަދެއްގެ ފައިސާއަށް އެދިފައިވާ ކަމަށެވެ. އަދި ފައިސާ ހޯދަނީ ރައީސް އިބްރާހީމުގެ ކެމްޕޭނަށްކަމަށް އެ ބޭފުޅާ ވިދާޅުވިކަމަށްވެސް އޭނާ މައުލޫމާތުދެއްވިއެވެ.
އިތުރު އެހެން ވިޔަފާރިވެރިއެއްވެސްވަނީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއް އޭނާއަށް ގުޅައި ރައީސް އިބްރާހީމުގެ ކެމްޕެއިނަށް ފައިސާ ހޯދަން އުޅުނުކަމަށް ވިދާޅުވެފައެވެ.
"ގުޅާފައި މިބުނަނީ ރައީސްގެ ކެމްޕޭނަށް ފައިސާ ދޭށޭ. އަދި ފައިސާ ދިނީމައި އެކަން ރައީސަށް އެނގިވަޑައިގަންނަވާނެ ކަމަށް ބުނަނީ،" އެ ވިޔަފާރިވެރިޔާ މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މިފަދައިން ރާއްޖޭގެ މަޝްހޫރު ހަތަރު ވިޔަފާރިއަކަށް ގުޅައިގެން އެތަންތަނުން ފައިސާ ހޯދުމަށް ސަރުކާރުގެ މަތީ ފަންތީގެ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަސައްކަތްކުރައްވާފައިވާކަމަށް އެ ވިޔަފާރިތަކުން ބުނެއެވެ. "ދިޔަރެސް"އާ ވާހަކަދެއްކެވި އެއް ވިޔަފާރިވެރިޔަކު ވިދާޅުވީ މިފަދައިން ގުޅައިގެން ރައީސް އިބްރާހީމުގެ ކެމްޕެއިނަށް ކަމަށް ބުނެ ފައިސާ އަތުލާ މައްސަލަ ރައީސްގެ ކެމްޕެއިން ޓީމުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ސިޔާސީ މީހުންނެއް ނޫން. އެކަމަކު އަޅުގަނޑުމެންނަށް ދެވޭ މިންވަރަކުން އެންމެންނަށްވެސް އަޅުގަނޑުމެން ފައިސާގެ އެހީތެރިކަން ދެން. މިގޮތަށް ގުޅައިގެން ފައިސާ ނެގުމަކީ މުޅިން އަލަށް ފެނުނު ކަމެއް،" މައުލޫމާތު ދެއްވި ވިޔަފާރިވެރިޔަކު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ބަހެއް ހޯދުމަށް ރައީސް އިބްރާހީމުގެ ކެމްޕެއިން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒަށް ގުޅުމުން ޖަވާބުނުދެއްވާތީ "ދިޔަރެސް"އިން ފޮނުވި މެސެޖަށްވެސް ރައްދެއްނުދެއްވައެވެ.