Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޓަލީ

އިޓަލީގެ އެންމެ ނުރައްކާތެރި އެއް މާފިއާ ބޮސް ފިލައިގެން އުޅޭތާ 30 އަހަރުފަހުން އަތުލައިގެންފި

އިޓަލީގެ އެންމެ ދުވަސްވީ އަދި އެންމެ ބާރުގަދަ އެއް މާފިއާ ގުރޫޕުކަމަށްވާ ކޮސަ ނޮސްޓްރާގެ ވެރިޔާ މަޓެއޯ މެސީނާ ޑިނޭރޯ އަތުލައިގެންފިއެވެ.

ޑިނޭރޯ އަތުލައިގެންފައި މިވަނީ އޭނާ ފިލައިގެން އުޅޭތާ 30 އަހަރުފަހުންނެވެ. އިޓަލީގެ ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކުރީ ކޮސަ ނޮސްޓްރާ ނިސްބަތްވާ ސިސިލީގެ ޕްރައިވެޓް ކްލިނިކެއްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރުމުގައި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 100 އެއްހާ ފަރާތްތަކުން ހަރަކާތްތެރިވިއެވެ.

ކޮސަ ނޮސްޓްރާ އަކީ އިޓަލީގައި ރޭވިގެން ހިންގާ ކުށްތައް ހިންގުމުގައި އެންމެ ކުރީގައި އުޅޭ އެއް ގުރޫޕެވެ. މާފިއާ ގުރޫޕުތަކުގެ އެންމެ ބާރުގަދަ ދުވަސްވަރު ކޮސް ނޮސްޓްރާއިން ވަނީ އެތައް ބަޔަކު މަރާލާފައެވެ. ކޮސަ ނޮސްޓްރާއިން ހިންގާފައިވާ ބައެއް ޖަރީމާތަކާއި ގުޅިގެން 2002 ވަނަ އަހަރު ބޭއްވި ޝަރީއަތެއްގައި އިޓަލީގެ ކޯޓަކުން ވަނީ ޑިނޭރިއޯގެ ޣައިރު ހާޒިރުގައި އޭނާ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

އޭނާއަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ތެރޭގައި 1992 ވަނަ އަހަރު މާފިއާ އާއި ދެކޮޅު ޕްރޮސެކިއުޓަރުން މަރާލުމާއި، 1993 ވަނަ އަހަރު މިލާން، ފްލޮރެންސް އަދި ރޯމުގައި ބޮމުގެ ހަމަލާތަކެއް ދިނުމާއި، ކުރިން މާފިއާގައި އުޅުނު އަދި ފަހުން މާފިއާއާއި ދެކޮޅު ހެކިވެރިއަކަށްވީ މީހެއްގެ 11 އަހަރުގެ ދަރިއަކަށް އަނިޔާކޮށް މަރާލުން ހިމެނެއެވެ.

ޑިނޭރޯ އަކީ އިޓަލީގެ ކޯލިއޯން އާއިލާގެ އެންމް އިސްފަރާތްކަމަށްވާ ޓޯޓޯ ރީނާގެ ކައިރިން ދަރިވަރުވި މީހެކެވެ. ކޮސަ ނޮސްޓްރާއިން ހިންގި މަނީ ލޯންޑަރިން، މަސްތުވާތަކެތީގެ ވިޔަފާރި އަދި މީހުން ވަގަށްނެގުން ފަދަ ކަންކަން ބަލަހައްޓަމުން އައީ ޑިނޭރޯއެވެ.

1993 ވަނަ އަހަރުން ފެށިގެން ފިލައިގެން އުޅުނު ނަމަވެސް، ކޮސް ނޮސްޓްރާ ހިންގަމުން އައީ ޑިނޭރޯކަމަށް އިޓަލީގެ ކަމާއިބެހޭ ފަރާތްތަކުން ތުހުމަތުކުރެއެވެ.

އަދި ފާއިތުވި އަހަރުތަކުގައި އޭނާ ހައްޔަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. މިގޮތުން 2013 ވަނަ އަހަރު އޭނާގެ ކޮއްކޮ ޕެޓްރީޒިއާ އާއި އޭނާގެ އިތުރު ގާތް ފަރާތްތަކެއް ވަނީ ހައްޔަރު ކުރެވިފައެވެ. އަދި ޑިނޭރޯގެ ބާރު ހިނގާ ބައެއް ވިޔަފާރިތައްވެސް އިޓަލީ ފުލުހުން ވަނީ ހުއްޓުވާފައެވެ.

ޑިނޭރޯގެ ވަރަށް މަދު ފޮޓޯޓަކެއް ނޫނީ އިޓަލީ ފުލުހުން އަތުގައި ނެތެވެ. އޭނާ ފިލި ދުވަސް ވަރަކީ ސެކިއުރިޓީ ކެމެރާތަކާއި، އަދި ފޮޓޯނެގުންވެސް އާންމު ދުވަސްވަރެއް ނޫނެވެ. އޭނާގެ އަޑުގެ ރެކޯޑިންއެއްވެސް 2021 ގެ ކުރިން އާންމުވެފައިނުވެއެވެ.

އިޓަލީގެ ބޮޑުވަޒީ ޖިއޯޖިއާ މެލޯނީ ވަނީ ޑިނެރޯ ހައްޔަރުކުރުމަކީ ތާރީހީ ކަމެއް ކަމަށް ވިދާޅުވެ އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް ޝުކުރު ދަންނަވާފައެވެ.

މި ލިއުމާއި ގުޅޭ