2023 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަށް ރަޝިއާ ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މުޅި ޖުމުލަ 81,772 ފަތުރުވެރިން އައިސްފައިވެއެވެ.
ތަފާސް ހިސާބުތައް ބުނާގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ މިދިޔަ އަހަރު ދެވަނައިގައި އޮތް ރަޝިޔާއިންނެވެ. އެގޮތުން އެ މާކެޓުން މުޅި ޖުމުލަ 13,361 ފަތުރުވެރިން އައިސްފައިވާއިރު އެއީ ރާއްޖެއަށް މުޅި ޖުމުލަ އައި ފަތުރުވެރިންގެ 16.3 އިންސައްތައެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީއިންނެވެ. އިޓަލީ މިދިޔަ އަހަރު އިތީ 5 ވަނައިގައެވެ. އެގައުމުން 9,131 ފަތުރުވެރިން ނުވަތަ މުޅި ޖުމުލައިގެ 11.2 އިންސައްތަ ފަތުރުވެރިން އައިސްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި މިދިޔަ ދެ އަހަރު އެއް ވަނައިގައި އޮތް އިންޑިއާއިންނެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 7,541 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ މުޅި ޖުމުލައިގެ 9.2 އިންސައްތައެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1،212 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 168 ރިސޯޓާއި 874 ގެސްޓްހައުސްގެ އިތުރުން 157 ސަފާރީ އާއި 13 ހޮޓާ ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 59،734 އެނދު އޮޕަރޭޓްކުރެއެވެ.