ދިވެހިރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ވިދާޅުވުމާއި ގުޅިގެން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް އާއި ރައީސް އިބްރާހިމް އައްޔަންކުރައްވާފައި ތިއްބެވި ސިޔާސީ ފަރާތްތަކުގެ ކިބައިންވެސް ފެންނަނީ އެއްކަހަލަ ކަންތައްތައް ކަމަށެވެ. އަދި ސައުދުﷲގެ ވާހަކަތަކާއި ގުޅިގެން އިންޓަވިއު ކުރި މީހާއަށްވެސް ލިބުނީ ކުއްލި ޝޮކެއްކަން ސައީދު ފާހަގަކުރެއްވިއެވެ.
ސައުދުﷲ ބައިވެރިވި ކޮންފަރެންސަކީ އިންޑިއާ ދަރިކޮޅުގެ މީހުންނަށް ހާއްސަކޮށް ބޭއްވި ކޮންފަރެންސެކެވެ. ސައީދު ވަނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކޮށްގެން އެފަދަ ކޮންފަރެންސެއްގައި ބައިވެރިވުމުންވެސް ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
"ޓެކްސް ފައިސާގަ އެމީހުންނަށް އެކުރެވެނީ ކީއްކަންވެސް ނޭނގޭ." ސައީދު ވިދާޅުވިއެވެ.
ރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ސައުދުﷲ ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރިންވެސް މި ސަރުކާރުގެ އިސްވެރިން ވަނީ މިފަދަ ވާހަކަތައް ދައްކަވާފައެވެ. މިގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ އިންޑިއާ ސިފައިން ބޭނުންނަމަ ރާއްޖެ ހިފިދާނެކަމަށް ވިދާޅުވެފައެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ މީގެކުރިން ރާއްޖެއަށް އިންޑިއާސިފައިން ނާރައިގެން އެކަމާ ކަންބޮޑުވެގެން ވާހަކަ ދެއްކެވި މީހެކެވެ.