ނެޝަނަލް އާޓް ގެލެރީ ނުހުޅުވި ގިނަ ދުވަސްވާތީ މޯލްޑިވިއަން އާރޓް ކޮމިއުނިޓީ(އެމް.އޭ.ސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމް.އޭ.ސީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނެޝަނަލް އާޓް ގެލެރީ ބަންދުކޮށްފައި ހުރުމުން ރާއްޖޭގެ ގިނަ ޕްރޮފެޝަނަލް ވިޝުއަލް އާޓިސްޓުންނަށް މިކަމުގެ ދަތި އުނދަގޫ ވަމުންދާކަމުގެ މައުލޫމާތު އެޖަމިއްޔާ އަށް ލިބެމުން އަންނަކަމަށެވެ.
އޭގެ އިތުރުން ނެޝަނަލް އާޓް ގެލެރީ ބަންދުކޮށްފައި ހުންނަތާ ގިނަ ދުވަސްވުމުގެ ސަބަބުން އެޖަމިއްޔާގެ ފަރާތުން ރާވާ ހިންގަން ހުރި ގިނަ އިވެންޓުތަކެއް ނުބޭއްވި ލަސްވަމުންދާތީ އެކަމަކީ އާޓްގެ ދާއިރާގެ ފަންނުވެރިންނަށާއި، އެޖަމިއްޔާ އަށާއި މުޅި ރާއްޖޭގެ އާޓިސްޓުންނަށްވެސް ލިބޭ ވަރަށް ބޮޑު ހީނަރު ކަމެއް ކަމަށެވެ.
އެމް.އޭ.ސީގެ ބަޔާނުގައި ބުނީ މި މިމައްސަލަ މިނިސްޓަރ އޮފް އާރޓްސް އެންޑް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނަށް ވެސް އެތައް ފަހަރެއްގެ މަތިން ދަންނަވާފައިވާ ކަމަށެވެ.
މިނިސްޓަރގެ އިތުރުން އެ މިނިސްޓްރީގެ ސިޔާސީ އިސްވެރިންނާ ވެސް އެމައްސަލައިގައި ވަރަށް ގިނަ ފަހަރުމަތިން ވާހަކަ ދެކެވިފައިވާ ކަމަށެވެ.
އެހެންކަމުން މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުމަށް އެމް.އޭ.ސީގެ ބަޔާނުގައި ވަނީ މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗަރ އެންޑް ހެރިޓޭޖަށް ގޮވާލައިފައެވެ.
އާޓް ގެލެރީގެ އިތުރުން މަރާމާތަށް ބަންދުކުރި އޮލިމްޕަސް ވެސް އަދި އަދާ ހަމައަށް ވެސް ހުޅުވިފައި ނުވާތީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.