Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އިބްރާހީމް

ރައީސަށް ކިޔަންވީ ޞާލިޙު ހެއްޔެވެ؟ ނޫނީ އިބްރާހީމް ހެއްޔެވެ؟

އަޅުގަނޑުގެ ލިޔުންތަކުގައިވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅު ކުރުކޮށް ލިޔާއިރު ލިޔަނީ ރައީސް ޞާލިޙެވެ. އެއީ މާ ބޮޑަށް މިކަންވާ ގޮތާމެދު ވިސްނައިލުމެއް ނެތި ކުރަމުންއައި ކަމެކެވެ. ނަމަވެސް މިހާރު މިކަމަށް ފުންކޮށް ވިސްނައިލަންޖެހިއްޖެއެވެ. މީހެއްގެ ނަމެއް ބޭނުންކުރާނަމަ ބޭނުންކުރާންޖެހޭނީ ޞައްޙަ ރަނގަޅު ނަމެވެ. އެމީހެއްގެ ތަސައްވުރު ރީތިކުރަން ނުވަތަ ހުތުރުކުރަން ބަޔަކު ބޭނުންކުރާ ނަމަކީ، އެމީހަކާ މުޚާތަބުކުރުމުގައި ބޭނުންކުރަން އެންމެ ރަނގަޅު ނަމަކަށް ނުވާނެއެވެ. ޚާއްޞަކޮށް ނޫސްވެރިންނެވެ.

ނަން ބޭނުންކުރުމުގެ މިންގަނޑު

ނަން ބޭނުންކުރާ ގޮތުގެ މިންގަނޑަކީ އެކި މުޖުތަމައުގައި އެކި ގޮތަށް އޮންނަ ކަމެކެވެ. ހުޅަނގުގެ މުޖުތަމައުތަކުގައި އާންމުކޮށް މީހުންނާ ދެގޮތަކަށް މުޚާތަބުކުރެއެވެ. އެއީ ރަސްމީކޮށް ނުވަތަ ނުރަސްމީކޮށެވެ. ރަސްމީކޮށް މުޚާޠަބުކުރާއިރު މީހާގެ އާންމު ނަން ބޭނުންނުކުރެއެވެ. ބޭނުންކުރަނީ އޭނާގެ އާއިލީ ނަން ނުވަތަ ސާނޭމްއެވެ. މިސާލަކަށް ބަރަކް އޮބާމާއަށް ރަސްމީ ވާހަކައިގައި ބަރަކް ނުކިޔާނެއެވެ. ކިޔާނީ އޮބާމާއެވެ. މިއީ އެތައް ޖީލަކަށް ދެމިގެން ގޮސްފައި އޮތް އެމީހުންގެ ސަގާފަތެކެވެ.

ޢަރަބި ޤައުމުތަކަށް ބަލާއިރު ރަސްމީ ލިޔުންތަކުގައި މީހާގެ ފުރިހަމަ ނަން ބޭނުންކުރުމަށްފަހު ދެން އޭނާއަށް އިޝާރާތްކުރުމަށް ބޭނުންކުރާނީ އޭނާގެ ނިސްބީ ނަމެވެ. އެއީ ފަހަރުގައި އޭނާ ނިސްބަތްވާ ޤަބީލާ ނުވަތަ ރަށް އެނގޭ ނަމަކަށްވެދާނެއެވެ. މިސާލަކަށް އަލްޢަސްޤަލާނީއޭ ބުނެފިނަމަ މުރާދަކީ އެމީހަކީ ޢަސްޤަލާނަށް ނިސްބަތްވާ މީހެއްކަމެވެ. އެ ރަށަށް ނިސްބަތްވާ އެންމެން ނުވަތަ ގިނަ ބައެއްގެ ނަމުގެ ފަހަތަށް މި ނަން އަންނާނެއެވެ. މިޞްރުގެ ކުރީގެ ރައީސް ޑރ.މުޙައްމަދު މުރުސީގެ ނަންފުޅުގެ މުރުސީއަކީ މުރުސް ނަމަކަށް ކިޔާ އަވަށަކަށް ނިސްބަތްވެވަޑައިގަންނަވާކަން އަންގައިދޭ ނަމެކެވެ. އެ ނަމަކީ މުރުސީގެ ބޭފުޅުންނާއި އެ އަވަށުގެ ގިނަ ބައެއްގެ ނަމުގެ ފަހަތުގައި އޮންނަ ބައެކެވެ. މިޞްރުގައި މުރުސީ ކިޔާ އެތައް ހާސް މީހުން އުޅެނީ އެހެންވެއެވެ.

ރާއްޖޭގައި ނަން ކިޔުމުގެ މިންގަނޑަކީ ކޮބައިހެއްޔެވެ؟ ޒަމާނުއްސުރެއް ރަސްމީ އަދި ނުރަސްމީ ވާހަކައިގައިވެސް ދިވެހިން ބޭނުންކުރަނީ އެމީހެއްގެ އާންމު ނަމެވެ. އާންމު ނަމަކީ އެމީހެއްގެ ނަމެވެ. އެހެންކަމުން ދަރިންނަށް ނަން ދޭއިރު ފަހަތަށް ދިވެހިން އިތުރުކުރަނީވެސް އެމީހެއްގެ އާންމު ނަމެވެ. އާންމުކޮށް ވަނަންތައް ކިޔައިއުޅެނީވެސް އާންމު ނަމާ ގުޅުވައިގެންނެވެ. މިސާލަކަށް އަޅުގަނޑުގެ ވަނަމަކީ ޗިއްޕުއެވެ. އެއީ ޝިފްޒާނާ ގުޅުވައިގެން ކޮންމެވެސް ޒަމާނެއްގައި އެކުވެރިން ކިޔާން ފެށި ނަމެކެވެ.

ސާނޭމްގެ މަފުހޫމަކީ ދިވެހި މުޖުތަމައު ދަންނަ ކަމެއް ނޫނެވެ. މާނައަކީ އާއިލީ ނަމެއް ދިވެހިންގެ މެދުގައި ނޯވެއެވެ. ދިވެހިން ނަންދޭއިރު އާންމުކޮށް ކިޔަނީ ދެ ނަން ނުވަތަ ތިން ނަމެވެ. ދެ ނަން ކިޔާފައި ހުންނަނީ ދެ ގޮތަކަށެވެ. އެއްގޮތަކީ އާންމު ނަމުގެ ކުރިއަށް އިތުރު ނަމެއް ލުމެވެ. މިސާލަކަށް މުޙައްމަދު ނަޝީދުގެ މުޙައްމަދަކީ އާންމު ނަމުގެ ކުރިއަށްލާފައިވާ އިތުރު ނަމެކެވެ. ދެވަނަ ގޮތަކީ އާންމު ނަމުގެ ފަހަތަށް ބައްޕަގެ ނަން އިތުރުކުރުމެވެ. މިސާލަކަށް މައުމޫން ޢަބްދުލްޤައްޔޫމެވެ. ޢަބްދުލްޤައްޔޫމަކީ ރައީސް މައުމޫނުގެ ބައްޕާފުޅުގެ ނަންފުޅެވެ.

ތިން ނަން ބޭނުންކުރާ ހާލަތުގައިވެސް ދެގޮތް އޮވެއެވެ. އެއީ އާންމު ނަމުގެ ކުރިއަށް އިތުރު ނަމެއް އަދި ފަހަތަށް ބައްޕަގެ ނަން ލުމެވެ. މިސާލަކަށް މުޙައްމަދު ނަޝީދު ޢަބްދުﷲއެވެ. ޢަބްދުﷲއަކީ ބައްޕަގެ ނަމެވެ. މުޙައްމަދަކީ އާންމު ނަމުގެ ކުރިއަށްލާ ނަމެވެ. އަނެއް ގޮތަކީ އާންމު ނަމުގެ ފަހަތަށް ބައްޕައާއި ކާފަގެ ނަން އިތުރުކުރުމެވެ. އެއީ އިބްރާހީމް މުޙައްމަދު ޞާލިޙު ކިޔާ ފަދައިންނެވެ.

ރައީސްގެ ނަންފުޅަކީ ކޮބާ؟

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެއް ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވާހަކަފުޅުތައް މީޑިއާއިން ތަފުސީލުކޮށް ރިޕޯޓުކުރަން ފެށީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދުގައެވެ. ޚާއްޞަކޮށް އެއިރުގެ އެމްޑީޕީގެ ލީޑަރު ރައީސް މުޙައްމަދު ނަޝީދު އަރުވައިލެއްވިގެން ރާއްޖެއިން ބޭރުގައި ހުންނެވި ދުވަސްވަރުއެވެ.

މި ދުވަސްވަރު ނޫސްތަކުގައި ހުރި ޚަބަރުތަކަށް ބަލާއިރު ރައީސްގެ ފުރިހަމަ ނަންފުޅު ބޭނުންކުރުމަށްފަހު މުޅިންވެސް ފަހަތުން ބޭނުންކޮށްފައި ހުންނަނީ "އިބޫ"އެވެ. އެމަނިކުފާނުގެ ވަނަމެވެ. އެ ވަނަމުން އެނގެނީ އެމަނިކުފާނުގެ އާންމު ނަމަކީ އިބްރާހީމް ކަމެވެ.

އަޅުގަނޑުގެ މި ދޭހަވުމަށް އިތުރަށް ބާރުދެނީ ރައީސްގެ ބޭފުޅުންގެ ނަންފުޅުތަކެވެ. އެމަނިކުފާނުގެ ދެ ބޭފުޅުންގެ ނަންފުޅުގައިވެސް އޮންނަނީ އިބްރާހީމެވެ. ސާނޭމެއްކަމަށް ހަދައިގެން އަޅުގަނޑުމެން މިކިޔައި އުޅޭ ޞާލިޙެއް ނެތެވެ. އެހެންކަމުން އެ ނަމަކީ އެމަނިކުފާނުގެ ސާނޭމެއް ނުވަތަ އާއިލީ ނަންފުޅެއް ނޫންކަން އެނގެއެވެ. އާއިލީ ނަމަކީ އެއް ޖީލުން އަނެއް ޖީލަށް ވާރުތަކުރާ އެއްޗެކެވެ. ބަރަކް އޮބާމާގެ ދަރިކަނބަލުންނަށް ސާޝާ އޮބާމާ ކިޔާ ގޮތަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެ ބޭފުޅުންގެ ނަންފުޅުތަކަކީ ޔަމާން މުޙައްމަދު އިބްރާހީމް އަދި ސާރާ އައިޝާ އިބްރާހީމެވެ. އެނަންތަކުން އެ ބޭފުޅުންގެ ބައްޕާފުޅަކީ އިބްރާހީމެއްކަން ސާފުކޮށް އެނގެއެވެ.

ޞާލިޙު ކިޔާން ފެށުނު ގޮތް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޞާލިޙުގެ ނަމުން މުޚާޠަބުކުރަން ފެށުނީ ރިޔާސީ އިންތިޚާބު ނިމުމާއެކުއެވެ. އެ ހިސާބުން އެމަނިކުފާނާ މުޚާޠަބުކޮށް ކިޔާނެ ނަމަކާމެދު ނުފޫޒުގަދަ ދިވެހި ނޫހެއްގައި ދިގު ލިޔުމެއް މަޝްހޫރު ނޫސްވެރިޔަކު ލިޔުނެވެ. އެ ލިޔުން ނިމުނުއިރު ރައީސް ޞާލިޙުގެ ނަންފުޅު ކިޔާކަށް ނުނިންމައެވެ. ނަމަވެސް އެ ހިސާބުން ރައީސް އޮފީހުން ރަސްމީ ލިޔެކިޔުންތަކާއި ހަފުލާތަކުގައި ޞާލިޙު ކިޔައި އެތައްގަނޑު ހަރުކުރީއެވެ.

ނަންނަމުގެ ތަބީއަކީ ވަކި ނަމެއް މާ ގިނައިން ބޭނުންކުރަން ފެށުމުން ފަރިތަވުމެވެެ. އެއީ އަޅުގަނޑަށްވެސް ވީ ގޮތެވެ. ކިޔަންވީ ރަނގަޅު ނަމަށް ވިސްނައިނުލާ ޞާލިޙުގެ ނަންފުޅުން ރައީސަށް މުޚާޠަބުކުރަން ފެށުނީއެވެ. އެހެންނަމަވެސް މިކަމާމެދު ފުންކޮށް ވިސްނައިލުމުން ބޭނުންކުރަންވީ ރަނގަޅު ނަންކަން ޔަގީންވިއެވެ.

ރަނގަޅު ނަމަކީ އިބްރާހީމް

އިސްވެ ދެންނެވުނު ލިޔުމުގައި ރައީސްގެ އަރިސް ބޭފުޅަކަށް ހަވާލާދީ ބުނެފައިވަނީ ރައީސްގެ މަންމާފުޅުވެސް އެމަނިކުފާނާ މުޚާޠަބުކުރައްވަނީ އިބްރާހީމް ވިދާޅުވެކަމަށެވެ. އެހެންވީމައި އެއީ މަންމާފުޅަށް ކަމުދާ ނަން ކަމަށެވެ. މީހުންނާ މުޚާޠަބުކުރުމުގައި އެމީހުންގެ މައިންބަފައިން މުޚާޠަބުކުރާ ނަމަކުން މުޚާޠަބުކުރުމަކީ ރީތި ރަނގަޅު ގޮތެވެ.

ރައީސް ކެމްޕޭނުތަކަށް ނިކުމެވަޑައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނަމަ އެމަނިކުފާނުވެސް އިޚުތިޔާރުކުރައްވަނީ އިބޫއެވެ. އެހެންކަމުން އެމަނިކުފާނުވެސް ޤަބޫލުކުރައްވާ ގޮތުން އެމަނިކުފާނުގެ ނަންފުޅަކީ އިބްރާހީމެވެ. ޞާލިޙު ނުވަތަ އާންމުކޮށް ދިވެހި ނޫސްވެރިން ލިޔެ އުޅޭ ގޮތަށް ސޯލިހެއް ނޫނެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވަނީ ޞާލިޙެއް ނޫނެވެ. ކެމްޕޭން ޕޯސްޓަރުތަކުން ފެންނަނީ އިބޫއެވެ. ކެމްޕޭން ނިމުމުން ޞާލިޙަށް ހަދައިދެނީ އަދި ބަދަލުކުރާނީ މީޑިއާއާއި ރައީސް އޮފީހުގެ ޕީއާރުންނެވެ. އެއީ ޞާލިޙަކީ ނަމެއްގެ އިތުރުން ދިވެހިންގެ އާންމު ބަހުރުވައިގައި ސިފައެއްގެ ގޮތުގައި ބޭނުންކުރާ ބަހަކަށްވެސްވާތީއެވެ. ނަން ކިޔާ ގޮތުންވެސް ލިބިދާނެ ސިޔާސީ މަންފާއެއް އޮތުމުންނެވެ.

ދެން އޮތީ ރައީސުންގެ ނަންނަން އަޅުގަނޑުމެން ކިޔައިއުޅުނު ގޮތެވެ. ރައީސް އިބްރާހީމް ނާޞިރުގެ އާންމު ނަންފުޅަކީ ނާޞިރެވެ. ދިވެހިން ކިޔައިއުޅުނީ އެމަނިކުފާނުގެ ބައްޕާފުޅު ވެލާނާގޭ އަޙްމަދު ދީދީގެ ނަންފުޅެއް ނޫނެވެ. ދިވެހިން ކިޔައިއުޅުނީ ރައީސް ނާޞިރެވެ. ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ އާންމު ނަންފުޅަކީ މައުމޫނެވެ. ދިވެހި ކިޔައިއުޅުނީ އެ ނަމެވެ. އިނގިރޭސި މީޑިއާއިން ޕްރެޒިޑެންޓް ޤައްޔޫމު ލިޔެފައި ހުންނާތީ ރައީސް ޤައްޔޫމެކޭ އަޅުގަނޑުމެން ނުކިޔަމުއެވެ. ރައީސް ނަޝީދާއި ރައީސް ޔާމީނަށްވެސް އަޅުގަނޑުމެން ބޭނުންކުރީ އެ ބޭފުޅުންގެ އާންމު ނަންފުޅުތަކެވެ.

ދެން އެހެންވީމައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ޖެހުމުން އެމަނިކުފާނުގެ ކާފާފުޅުގެ ނަން ނަގައި އެ ނަން ބޭނުންކުރަންޖެހޭ ސަބަބެއް ނެތެވެ. މިއަދުން ފެށިގެން އަޅުގަނޑު ބޭނުންކުރާނީ އެމަނިކުފާނުގެ އާންމު ނަންފުޅެވެ. އެމަނިކުފާނުގެ މަންމާފުޅުވެސް ބޭނުންކުރައްވާ ނަންފުޅެވެ. އެމަނިކުފާނުގެ ވަނަންވެސް އެނަންފުޅަކަށް ނިސްބަތްވާ ނަންފުޅެވެ.

މި ލިއުމާއި ގުޅޭ