Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުންވާނީ ޤައުމީ ތަކުލީފަކަށް: ސައީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުންވަނީ ރާއްޖެއަށް ކުރިމަތިވާ ބޮޑު ޤައުމީ ތަކުލީފަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ކުރިން އިޤުތިޞާދީ މިނިސްޓަރުކަން ކުރެއްވި ސައީދު މިފަދައިން ވިދާޅުވެފައިވަނީ އަންނަ ސެޕްޓެންބަރު މަހުގައި ބާއްވަން ނިންމާފައިވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ރިޔާސީ ޕްރައިމަރީއަށް ރައީސް ޞާލިޙު ނިކުމެވަޑައިގެން ކެމްޕެއިން ކުރައްވާ ދަނޑިވަޅެއްގައެވެ.

ރައީސް ޞާލިޙު ދެވަނަ ދައުރަކަށް ހޮވުމަކީ ޤައުމަށް ޖެހޭ ބޮޑު ތަކުލީފެއްކަމަށް ވިދާޅުވާ ބައެއް ސަބަބުވެސް ސައީދު މިއަދު ކުރެއްވި ޓުވީޓުގައި ހިއްސާކުރެއްވިއެވެ. އެގޮތުން އައްޑޫ ސިޓީގައި ރަނގަޅަށް ހިނގަމުން އައި ޝަންގްރިއްލާ ރައީސް ޞާލިޙުގެ ވެރިކަމުގައި ބަންދުވެފައި އޮންނަތާ ފަސް އަހަރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

ޝަންގްރިއްލާއާއި ހެރެތެރެ ހުއްޓިފައި އޮތުމުން އައްޑޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާތީ ކެމްޕެއިނުގައި އައްޑޫއަށް ވަޑައިގެން އެ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ އައްޑޫ ރައްޔިތުން އެދޭނަމަ ދޫކޮށްލައްވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އަދި ޝަންގްރިއްލާގެ މައްސަލަ ބަލައި އިހުމާލުވީ ބަޔަކަށް ފިޔަވަޅުއަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫގައި ފަސް އަހަރު ތެރޭގައި 8،000 އެނދު ތަރައްޤީކުރުމަކީ ރައީސްގެ ވައުދެއްނަމަވެސް އެކަން މިހާތަނަށް ތަންފީޒުނުވެއެވެ. އަދި އައްޑޫގެ ދެ ރިސޯޓު ނިހިނގައި އޮންނަ މައްސަލައަށް ޙަޤީޤީ ޙައްލެއް ލިބޭނެ ތާރީޚެއްވެސް ރައީސް ވިދާޅުނުވެއެވެ.

ދެވަނަ ކަމަކަށް ސައީދު ފާހަގަކުރެއްވީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ދަރަނި ނަގައިގެން އައްޑޫގެ މަގުހެދުމުގެ މަޝްރޫޢު އެކަންކުރަން ނުދަންނަ ބަޔަކާ ހަވާލުކުރުމެވެ. އައްޑޫގައި މަގުހެދުމުގެ މަސައްކަތްކުރާ ތިލަމާލެ ބުރިޖުވެސް އަޅާ ކުންފުނިކަމަށްވާ އެފްކޯންސްއިން މަސައްކަތްކުރާ ގޮތާމެދު އެ ސިޓީގެ ގިނަ ރައްޔިތުން ހިތްހަމަނުޖެހެއެވެ.

އިތުރަށް ރައީސްގެ ނާޤާބިލުކަމުގެ މިސާލެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވި މައި ވައިގެ ބަނދަރުގެ ކާގޯ ޓާމިނަލުގެ މަސައްކަތް ނިންމައިނުލެވުމެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މޫސުން ފެށުނުއިރު އެއާޕޯޓުގައި ދުވާ ބަހެއްހައި މިންވަރުވެސް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި ރައީސް ޞާލިޙަކީ ހަލުއި ދުވެލީގައި ތަރައްޤީގެ މަސައްކަތްކުރައްވާ ބޭފުޅެކެވެ. ނަމަވެސް ސަރުކާރުގެ ވަރަށް ގިނަ މަޝްރޫޢުތައް ނިންމަން ބުނާ ތާރީޚު ފަހަނައަޅައިދާއިރުވެސް ނުނިމޭކަން ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ލިއުމާއި ގުޅޭ