Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބްރައިޓަން އަތުން ބަލިވެ ލިވަޕޫލްގެ ކަންބޮޑުވުން އިތުރުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބްރައިޓަންއާ ވާދަކުރި މެޗުން ލިވަޕޫލް 0-3 އިން ބަލިވެއްޖެ އެވެ.

ރޭގެ މެޗުން ބަލިވެ ލިވަޕޫލް މިހާރު އޮތީ 28 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގަ އެވެ. ބްރައިޓަން ވަނީ 30 ޕޮއިންޓް ހަމަކޮށް ލީގުގެ އަށް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގު ތާވަލުގެ ހަތަރަރު ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ ލިވަޕޫލްއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ބްރައިޓަން އިން މޮޅަށް ކުޅެމުން ގޮސް މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ސޮލީ މާޗް އެވެ. އޭގެފަހުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި މާޗް ވަނީ އިތުރު ގޯލެއް ޖަހައި ބްރައިޓަން އަށް ލީޑު ފުޅާކޮށްދީފަ އެވެ. ބްރައިޓަންގެ ފަހު ގޯލު 81 ވަނަ މިނެޓުގައި ޖެހީ ބެންޗުން ކުޅެން އެރި ޑެނީ ވެލްބެކް އެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާ ލިވަޕޫލްއާ ހަވާލުވި ފަހުން އެހާ ދަށްކޮށް ލިވަޕޫލް ކުޅުނު މެޗެއް ހަނދާން ނުވާކަމަށެވެ.

"އަހަރެން މިހުރީ ވަރަށް ކަންބޮޑުވެފަ. މިގޮތަށް މެޗަކުން ބަލިވީމަ ކަންބޮޑު ނުވާނީ ކިހިނެއް؟" ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ ކޯޗުކަމާ ކްލޮޕް ހަވާލުވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭގެފަހުން ނަތީޖާތައް ރަނގަޅު ކުރަމުން ގޮސް އިނގިރޭސި ޕްރިމިއާ ލީގު ވެސް އެ ކްލަބަށް ކާމިޔާބު ކޮށްދިނެވެ. އެކަމަކު މި ސީޒަނުގައި ލިވަޕޫލުން ނެރެމުން އަންނަނީ ކްލޮޕްގެ ދައުރުގެ އެންމެ ދަށް ނަތީޖާތަކެވެ. އެހެންވެ އޭނާގެ ކުރިމަގާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މިދިޔަ ސީޒަނުގެ ލީގުގައި ލިވަޕޫލަށް ގެއްލުނީ 22 ޕޮއިންޓެވެ. އެކަމަކު މި ސީޒަނުގެ ފުރަތަމަ 18 މެޗުގައި ލިވަޕޫލް އަތުން 26 ޕޮއިންޓް ވަނީ ގެއްލިފަ އެވެ.

ލީގުގައި ރޭ ކުޅުނު މެޗުތަކުން ސައުތެމްޓަން އާއި ނޮޓިންހަމް ފޮރެސްޓް އަދި ވުލްވްސް އާއި ބްރެންޓްފޯޑް ވަނީ މޮޅުވެފަ އެވެ.

ވެސްޓް ހޭމް އާއި އެވަޓަން ބަލިވިއިރު މި ދެޓީމު އޮތީ ފުލުގައި އޮތް ތިން ޓީމުގެ ތެރޭގަ އެވެ. ރޭ އެވަޓަން އަތުން މޮޅުވި ނަމަވެސް ސައުތެމްޓަން އަދިވެސް އޮތީ ލީގުގެ 20 ވަނައިގަ އެވެ.

މި ލިއުމާއި ގުޅޭ