Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިނޭންސް މިނިސްޓްރީ

ފާއިތުވި އަހަރަށްވުރެ މި އަހަރުގެ ފުރަތަމަ ހަފުތާގައި ލިބުނު އާމްދަނީ ކުޑަވެފައި ޚަރަދު ބޮޑު

މި އަހަރުގެ ފުރަތަމަ ހަފުތާގައި ލިބުނު އާމްދަނީއާއި ކުރި ޚަރަދަށް ބަލާއިރު ފާއިތުވި އަހަރާ އަޅަބަލާއިރު އާމްދަނީ ކުޑަވެ ޚަރަދު ބޮޑުވެފައިވާކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ހާމަކުރާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ފަސް ދުވަހުގައި އާމްދަނީގެ ގޮތުގައި ލިބުނީ 61.9 މިލިއަން ރުފިޔާއެވެ. ނިމުނު 2022 ވަނަ އަހަރުގެ ފުރަތަމަ ފަސް ދުވަހު އާމްދަނީގެ ގޮތުގައި 217.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ލިބުނު އާމްދަނީ ނިމުނު އަހަރާ އަޅާބަލާއިރު 155 މިލިއަން ދަށްވެފައިވެއެވެ.

ނިމުނު އަހަރުގެ ފުރަތަމަ ފަސް ދުވަހުގައި ހިލޭއެހީގެ ގޮތުގައި ޖުމްލަ 5.5 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ފަސް ދުވަސް ނިމެގެން ގޮސްފައިވަނީ ހިލޭއެހީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބިއެވެ.

ފާއިތުވި އަހަރުގެ ފުރަތަމަ ފަސް ދުވަހަށްވުރެ އާމްދަނީ މަދުވެފައިވާއިރު، ނިމުނު އަހަރުގެ އެ މުއްދަތަށްވުރެ މި އަހަރުގެ އެ މުއްދަތުގައި ކުރި ޚަރަދު އެތައް ގުނައެއްވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރު 386.1 މިލިއަން ރުފިޔާ ޚަރަދުކުރިއިރު ނިމުނު އަހަރުގެ ފުރަތަމަ ފަސް ދުވަހު ޚަރަދުކުރީ ޖުމްލަ 189.4 މިލިއަން ރުފިޔާއެވެ. އެހެންކަމުން ނިމުނު އަހަރުގެ ފުރަތަމަ ފަސް ދުވަހު ކުރި ޚަރަދަށްވުރެ އިތުރަށް މި އަހަރު 196.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި އަހަރުގެ އެ މުއްދަތުގައި ކުރި ޚަރަދުގެ ބޮޑު ބަޔަކީ ދުވަހުން ދުވަހަށް ކުރަންޖެހޭ ހޭދަތަކަށް ކުރި ޚަރަދެވެ. އެގޮތުން 295 މިލިއަން ރުފިޔާ ދުވަހުން ދުވަހަށް ކުރަންޖެހޭ ހޭދަތައް ނުވަތަ ރިކަރަންޓު ހޭދައަށް ޚަރަދުކޮށްފައިވެއެވެ. އެއިން ބޮޑު ބަޔަކީ އިދާރީ ކަންކަމަށާއި ހިންގުމުގެ ހޭދަތަކަށް ޚަރަދުކުރި ފައިސާއެވެ. އެކަންކަމަށް 292 މިލއިަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި މުއްދަތުގައި ކެޕިޓަލް ޚަރަދުތަކަށް ހޭދަކޮށްފައިވަނީ 90.5 މިލިއަން ރުފިޔާއެވެ. އަދި ދަރަނި ދެއްކުމަށް މި މުއްދަތުގައި 278 މިލިއަން ޚަރަދުވެފައިވެއެވެ. މި ހިސާބުތަކަށް ބަލާއިރު ފުރަތަމަ ފަސް ދުވަހުގައި ލިބުނު އާމްދަނީއަށްވުރެ އިތުރަށް 324 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ