Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރާވް މަގާ

ކްރާވް މަގާ: އިސްރާއީލުން އުފެއްދި ނުރައްކާތެރި ތަޅާފޮޅުމުގެ ހުނަރެއް

1930އާއި 1940 ގެ ދުވަސްތަކުގައި އިސްރާއީލުގައި އުފެދުނު ކްރާވް މަގާއަކީ، ބޮކްސިންގް، ރެސްލިންގް، އަދި ޖޫޑޯ ފަދަ ތަފާތު ތަޅޯފޮޅުމުގެ ބާވަތްތަކުގެ ބައިބައި ހިމެނޭ، ހައިބްރިޑް މާޝަލް އާޓެކެވެ. ހިބްރޫގެ މި ނަން އިނގިރޭސިއަށް ތަރުޖަމާން ކުރުމުން ކިޔަނީ "ކޮންޓެކްޓް ކޮމްބެޓް"އެވެ.

ކްރާވް މަގާގެ ހާއްސަ، އެހެން ތަޅާފޮޅުމުގެ ގޮތްތަކުން ތަފާތުކޮށްދޭ ކަމަކީ، މި ސިސްޓަމްގެ ހަރަކާތްތަކުގައި ދަސްކޮށްދެނީ ހަގީގަތާއި އެއްފަދަ ހާލަތްތަކުގައި ތަޅާފޮޅައިގެން އަވަހަށް އަނެއް މީހާ މައިތިރިކޮށްލުމެވެ. އިސްރާއީލްގެ އަސްކަރިއްޔާގައި ބޭނުންކުރުމަށް އުފެއްދި ކްރާވް މަގާ މިހާރު އަންނަނީ ދުނިޔޭގެ އެކިއެކި ގާނޫނު ތަންފީޒުކުރާ އިދާރާތަކުންނާއި، އަސްކަރީ ބާރުތަކުން ބޭނުންކުރަމުންނެވެ.

ބޮކްސިން، ޖޫޑޫ އަދި ޖުޖިޓްސޫ ފަދަ މާޝަލް އާޓްސް އާއި ކްރާވްމަގާއި އާއި ހުރި އެންމެ ބޮޑު ތަފާތަކީ ކްރާވްމަގާ އަކީ ކުޅިވަރަކަށް ނުވާކަމެވެ. ކުރިން މިދެންނެވި މާޝަލް އާޓްސްތަކަކީ ކުޅިވަރުތަކު ގޮތުގައި ވަކި ގަވާއިދުތަކެއްގެ ދަށުން ކުރާ ކަންކަމެވެ.

ކްރާވްމަގާގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދެނީ، އިންސާނުންގެ ހުންނަ ގުދުރަތީ އިންސްޓިންކްޓް އަދި ހަށިގަނޑުގެ މެކޭނިކްސް ބޭނުންކޮށްގެން ވީހާވެސް ހަލުވިކޮށް، އެންމެ ފަސޭހަ ގޮތަކަށް އަނެކާ ބަލިކޮށްލާނެގޮތެވެ. ހަމައެއާއިއެކު، އެކަކައްވުރެން ގިނަ މީހުން ހަމަލާދޭ ހާލަތްތަކުގައާއި، ބަޑި އަދި ވަޅި ހިފައިގެން އަންނަ ދުޝްމަނުންވެސް ބަލިކޮށްލުމަށް ދަސްކޮށްދެއެވެ.

ކްރާވް މަގާ ދަސްކުރާއިރު ފާލަގަކޮށްލެވޭ އެއް ހަރަކާތަކީ، މީހާ ސްޓްރެސްގެ ދަށުގައި ހުންނަ ގަޑީގައި، ހަލުވިކޮށް، ރަނގަޅަށް ވިސްނަން ދަސްކޮށްދޭ ހަރަކާތެވެ. މި ހަރަކާތަކީ، ހަގީގަތަށް ބިނާކޮށް ހަމަލާ ދޭ ހާލަތްތަކާއި އަދި، އެޑްރެނަލިން ޑްރިލްސް ބޭނުންކޮށްގެން ޖިސްމާނީ އަދި ނަފްސާނީ ގޮތުން މީހާ ހަލުވިކޮށްލާ ހަގީގީ ހަމަތަކުގެ މަތިން ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވުމަށް ދަސްކޮށްދޭ ހަރަކާތެކެވެ.

ކްރާވް މަގާގެ ފާހަގަކޮށްލެވޭ އިތުރު ސިފަތަކުގެ ތެރޭގައި، އަންނަ ހަމަލާތަކުން ރެކިގަންނަ ވަގުތު އެއަށްވުރެ ނުރައްކާތެރި ހަމަލާއަކުން ރައްދު ދިނުން ހިމެނެއެވެ. މިސާލަކަށް، އަންނަ ހަމަލާއަކުން ރެކިގަނެފަ ހަމަ އެވަގުތު ލޯ، ކަރު ނޫނީ ކުރިމަތިފަރާތުގައި ވަގުތުން ޖެހުމުން، މާގިނަ ކަންތަކެއް ކުރަން ނުޖެހި ދުޝްމަން މީހާ ބަލިކޮށްލެވެއެވެ.

މި ސިސްޓަމުގެ އެންމެ ބޭނުންތެރި އެއް ސިފައަކީ ހުރިހާ އުމުރުފުރައަކަށްވެސް ދަސްކޮށްލެވޭތީއެވެ. ކްރާވް މަގާގައި ބޭނުން ކުރާ އުކުޅު ތަކަކީ އަމިއްލަ މީހާގެ ގާބިލިއްޔަތުތަކަށް ފަރުމާކޮށްލެވޭ އުކުޅުތަކެކެވެ.

އިސްރާއީލުގައި އުފެދުނު ކްރާވް މަގާ ނޫނީ ކޮންޓެކްޓް ކޮމްބެޓަކީ، ހަގީގީ ހާލަތްތަކުގައި ތަޅާފޮޅުމަށާއި، އެ ހާލަތްތަކުގައި އިހުސާސްވާނެ ބިރާއި ސްޓްރެސް ކޮންޓްރޯލްކުރަން ދަސްކޮށްދޭ ސިސްޓަމެކެވެ. ކޮންމެ އުމުރުފުރައަކަށްވެސް، އަދި ކޮންމެހެން އާދަޔާ ހިލާފަށް މޮޅު ނޫނީ ވަރުގަދަ މީހަކަށް ނުވިޔަސް، ކްރާވް މަގާ ދަސްކުރެވެއެވެ.

މި ލިއުމާއި ގުޅޭ