އއ.ރަސްދޫއަށް ޕެޓްރޯލް ލިބުން ދަތިވެ އެރަށުގެ ލޯންޗުފަހަރުތައް ދަތުރުކުރުން ހުއްޓުމަކަށް އައިސްފިއެވެ.
ރަސްދޫއަށް ޕެޓްރޯލް ގެންނަނީ އެރަށަށް އަންނަ ފިއުލް ސަޕްލައި މޯލްޑިވްސްގެ ބޯޓަކުންނެވެ. އެހެން ނަމަވެސް މިހާރު އެރަށަށް ޕެޓްރޯލް ނުގެންނަތާ 3 ހަފްތާ ވެފައިވާ ކަމަށް ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
"ތިން ހަފްތާ މިވަނީ. ކޮންމެ ހަފްތާއަކުވެސް އެ އަންނަ ބޯޓުން ގެންނަނީ ޑީސެލް. ޕެޓްރޯލްއެއް ނުގެނޭ" ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
ރަސްދޫއަށް ޕެޓްރޯލް ނުގެންނާތީ މިހާރު ރަށުގައި ޕެޓްރޯލް ވިޔަފާރި ކުރާ މީހުން އެކަން ކުރަނީ ލިމިޓުކޮށްގެން ސައިކަލަކަށް ވަކިވަރެއް ކަމަށްވެއެވެ.
އަދި އެ ރަށަކީ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ރަށަކަށްވާއިރު ލޯންޗުތަކަށް ޕެޓްރޯލް ނެތިގެން ދަތުރު ނުކުރެވޭތީ ރަށު ރައްޔިތުންގެ އާމްދަނީއަށްވެސް އެކަމުގެ ސަބަބުން ދަނީ އަސަރުކުރަމުންނެވެ.