ލިތުއޭނިއާ އަދި ލެޓްވިއާ ދެމެދު ގުޅުވާފައި އޮތް ގޭސް ހޮޅިއެއްގެ، ދެކުނު ލިތުއޭނިއާ ގާތުން އަޅާފައިއޮތް ބައި ގޮވައިފިއެވެ.
ލިތުއޭނިއަން ގޭސް ޓްރާންސްމިޝަން އޮޕަރޭޓާ ކުންފުންޏެއް ކަމަށްވާ އެމްބާ ގްރިޑް ބުނާގޮތުން، ހުކުރު ދުވަހު ގޭސްހޮޅި ގޮވާ ޕެނެޒެވީސް ކައުންޓީ ހިސާބުގައި އަނދައަނދާއޮތް ހުޅުގަނޑު މިހާރު ވަނީ އެއްކޮށް ނިވާލެވިފައިކަމަށެވެ.
"ފުރަތަމަ ގޮވި ތަން ބަލާފާސްކުރިއިރު ނުފެނުނު އެއްވެސް މީހަކު ގަސްތުގަ ކުރިކަމެއްކަމަށް ޝައްކުކުރެވޭ ކަހަލަ ހެއްކެއް. ނަމަވެސް މިކަމުގެ ތަހުގީގުގައި ހުރިހާ ކޮޅަކުން ބަލާނެ"، ނިއުސް ކޮންފަރެންސެއްގައި އެމްބާ ގްރިޑްގެ ޗީފް އެގްޒެކުޓިވް ނެމޫނަސް ބިކްނިއަސް މައުލޫމާތު ދިނެވެ.
ގޮވި ގޭސްހޮޅި ކައިރީގައި އަޅާފައި އޮތް އެހެން ހޮޅިތަކަކަށް ގެއްލުން ލިބުމުން ލިތުއޭނިއާއިން ލެޓްވިއާއަށް ފޮނުވާ ގޭސް ވަގުތީ ގޮތުން މެދުކަނޑާލިއެވެ. ނަމެވެސް އޭގެ 2 ގަޑިއިރު ފަހުން އަނބުރާ ގޭސް ސަޕްލައި ފަށްޓާފައިވާކަމަށް ބިކްނިއަސް ބުންޏެވެ.
ގޭސްހޮޅި ގޮވި ގަޑީގައި އަލިފާންގަނޑުގެ ބޮޑުމިން 50 މީޓަރަށް މައްޗައް އަރާފައިވެއެވެ. އެ ރޯވި ބޯ އަލިފާން ގަނޑު 11 މޭލު ދުރަށް އޭރު ފެނުނުކަމުގައިވިޔަސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް، ބަލްޓިކް ނިއުސް އޭޖްނެސީއިން (ބީއެންސީ) ބުންޏެވެ.
ހަނގުރާމައެއްގެ މެދުގައި އޮތް ޔުކްރެއިން ފަދައިން ލިތުއޭނިޔާވެސް އޮންނަނީ ރަޝިޔާގެ ބޯޑަރު ކައިރީ، ބަލްޓިކް ކަނޑުގައެވެ. މިދިޔައަހަރުވެސް ބަލްޓިކް ކަނޑު ހުރަސްކޮށް ރަޝިޔާއިން ޖަރުމަނާއި ދެމެދު އަޅާފައިއޮންނަ ނޯޑު ސްޓްރީމް ގޭސް ހޮޅިތަކެއްވަނީ ގޮވާފައެވެ.