ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނި ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) ގެ ގިނަގުނަ މައުލޫމާތުތައް ވަގަށް ނަގާފައިވާ ކަމަށް ބައިނަލްއަޤްވާމީ ހެކަރުންގެ ގުރޫޕެއް ކަމަށްވާ ރެންސަމް ހައުސް އިން ބުނެފިއެވެ.
އެ ގުރޫޕުން ޑާރކްވެބްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ޓީއެމްއޭ ގެ ގިނަގުނަ މައުލޫމާތު އެކުލެވޭ 350 ޖީބީގެ ޑޭޓާ އެމީހުން ވަނީ ނަގާފައެވެ. އަދި އެއީ ތެދެއްކަން ދައްކަން އެމީހުން ވަނީ އެމީހުން ވަގަށް ނެގި ބައެއް މައުލޫމާތު ކޮންމެ މީހަކަށްވެސް ބަލާލެވޭ ގޮތަށް ހަދާފައެވެ.
މިކަމާއި ގުޅިގެން ޓީއެމްއޭއިން އަދި އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ. އެހެން ނަމަވެސް ފާއިތުވި ހަފްތާގައި އެ ކުންފުނީގެ ސިސްޓަމްތައް ހެކްވެ ފްލައިޓުތައް ޑިލޭވެ ގިނަ އަދަދަކަށް ފަތުރުވެރިން އެއާޕޯޓުގައި ތާށިވިއެވެ.
ރަންސަމް ހައުސް އަކީ މިގޮތަށް އެކި ކުންފުނިތަކުގެ މައުލޫމާތު ވަގަށް ނެގުމަށްފަހު އޭގެ ބަދަލުގައި ފައިސާ ހޯދާ ހެކަރުންގެ ގުރޫޕެކެވެ. މީގެ ކުރިންވެސް އެ ގުރޫޕުން ވަނީ ބައެއް ބޮޑެތި ކުންފުނިތަކުގެ މައުލޫމާތު މިގޮތަށް ވަގަށް ނަގާފައެވެ.