ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރިކުރާ އެއް ކުންފުނިކަމަށްވާ ރެޑްވޭވުން ބޮޑެތި އަގުތައް ހުށަހެޅި ނަމަވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިހާރައެއް ހުޅުވަން އެ ކުންފުންޏަށް ފުރުސަތު ނުދިންކަމަށް އެ ކުންފުނީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމު މިފަދައިން ވިދާޅުވީ މިއަދު ހަވީރު މާލޭ ސަރަހައްދުގައި ރެޑްވޭވުން ހިންގާ 12 ވަނަ ފިހާރަ ހުޅުވައިދެއްވުމަށްފަހު ނޫސްވެރިންނާ ދެއްކެވި ވާހަކަފުޅުގައެވެ. ސަލީމު ވިދާޅުވި ގޮތުގައި އަލަށް އާބާދުވާން ފަށާފައިވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރެޑްވޭވުގެ ފިހާރައެއް ހުޅުވުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު އެދޭ ކަމެއް ކަމަށެވެ.
އަދި މިހާތަނަށް އެ ސަރަހައްދުގައި ފިހާރަ ހިންގުމަށް ހުޅުވައިލި ހުރިހާ ފުރުސަތެއްގައިވެސް ރެޑްވޭވުން ބީލަން ހުށަހެޅިކަމަށެވެ. އަދި އެ ކުންފުނިން ހުށަހަޅާފައިވަނީވެސް ބޮޑެތި އަގުތަކެއްކަމަަށާއި، ނަމަވެސް އެ ފުރުސަތު އެ ކުންފުންޏަށް ނުދިން ކަމަށެވެ.
"އަޅުގަނޑުމެން ބޮޑު އަގު ހުށަހަޅަނީ އެކަމަކު ހަމަ ފުރުސަތު ނުދިން. ފޭސް ދޭއްގައި ފިހާރައެއް ހުޅުވަން އަޅުގަނޑުމެންނަށް ފުރުސަތު ދޭނެކަމުގައި ނުވެސް ބެލެވޭ،" ސަލީމް ވިދާޅުވިއެވެ.
ސަލީމު އިތުރަށް ވިދާޅުވީ ރެޑްވޭވުން މަސައްކަތްކުރަނީ ހެޔޮ އަގުގައި ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމަށެވެ. އެގޮތުން ބައެއް މުދާ މިހާރުވެސް ދައުލަތުގެ ވިޔަފާރި ކުންފުނިކަމުގައިވާ އެސްޓީއޯއިން ވިއްކާ އަގަށްވުރެ ހެޔޮ އަގުގައި ވިއްކަމުންދާކަން ސަލީމު ފާހަގަކުރެއްވިއެވެ.
ޖީއެސްޓީ ބޮޑުކުރި ނަމަވެސް އެކި ވިޔަފާރިތަކުން މުދާ ވިއްކާ އަގު ބަލައި އަޅައިކިޔައިގެން ވިޔަފާރިކުރާނަމަ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބޭނެކަމަށް ސަލީމު ވިދާޅުވިއެވެ.
ސަލީމަކީ އިދިކޮޅު ޕްރޮގްރެސިވް/ކޮންގުރެސް ކޯލިޝަނުގެ ގުޅިފައިވާ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުވެސްމެއެވެ.