ރޭގެ މެޗު އެންމެ ހާއްސަވީ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް އެނބުރި ޕީއެސްޖީ އަށް އައިސް ލިއޮނެލް މެސީ މެޗުގައި ކުޅުމެވެ. ވޯލްޑް ކަޕް މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ނިމުމުން މެސީ ވަނީ ބްރޭކެއް ނަގާފަ އެވެ. ޗެމްޕިއަން ޓްރޮފީއާ އެކު އާޖެންޓީނާގައި އުފާފާޅު ކުރުމަށް ފަހު މެސީ ޕީއެސްޖީއާ ގުޅުނީ އާ އަހަރުގެ ޗުއްޓީ އަށް ފަހު އެވެ. މެސީ ޓީމާ ގުޅުނުއިރު އެޓީމުގެ ތަރި ކިލިއަން އެމްބާޕޭ ހުރީ ޗުއްޓީގަ އެވެ. އެހެންވެ ރޭގެ މެޗުގައި އެމްބާޕޭ ކުޅެފައެއްނުވެ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ނޯޑީ މުކިއޭލީގެ އެހީގައި ޖެހީ ހޫގޯ އެންކިޓިކޭ އެވެ. އެއް ގޯލުގެ ލީޑެއްގައި އޮއްވައި ޕީއެސްޖީ އަށް ލީޑު ފުޅާކޮށްދިން ލަނޑު 72 ވަނަ މިނެޓުގައި ޖެހީ މެސީ އެވެ. އޭރިޔާ ތެރެއިން މުކިއޭލީ މެސީ އަށް ޖައްސާލި ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލާފަ އެވެ. އެންމެ ފުރަތަމަ ރެފްރީ ނިންމީ ގޯލު ޖެހި ވަގުތު މެސީ ހުރީ އޮފްސައިޑްގައި ކަމަށެވެ. އެކަމަކު ވީއޭއާރު ބެލުމަށް ފަހު، ފަހުން ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ.
އެނބުރި އައިސް ގޯލު ޖެހުމުގެ އިތުރުން މެޗުގައި މެސީ މޮޅު ކުޅުމެއް ދެއްކި އެވެ. މެސީއާ އެކު ރޭ ނޭމާ ވެސް ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. މެޗުގައި ނޭމާ ގޯލެއް ޖެހިނަމަވެސް އޭރު އޮފްސައިޑްގައި ހުރުމުން އެ ގޯލު ގަބޫލެއް ނުކުރެ އެވެ.
ޕީއެސްޖީއާ ވާދަކުރަމުން އަންނަ ލެންސް އިން ރޭ ސްޓްރޯސްބާގާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެހެންވެ ޕީއެސްޖީ އަށް މިހާރު ވަނީ ލީގުގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. 18 މެޗުން ޕީއެސްޖީ އަށް 47 ޕޮއިންޓް ލިބިފައިވާއިރު ލެންސް އަށް 18 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.
ފްރެންޗް ލީގުގައި ރޭ މާސޭ ވަނީ ޓްރޮޔެސް އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެ ތިންވަނަ މަގާމް ދަމަހައްޓައިފަ އެވެ. މާސޭގެ ފަހުން ހަތަރު ވަނައިގައި އޮތް ރެންސް ވަނީ ރޭ ކްލެމޮންޓް ދަނޑުގައި 1-2 އިން ބަލިވެފަ އެވެ.